ލަކްޝްމީ ބޮމްބް: ބުރުޖް ޚަލީފާ ލަވަ ނެރެފި

ލަވައިގެ މަންޒަރެއް---

ކިއާރާ އަދުވާނީ އާއި އަކްޝޭ ކުމާރު ލީޑު ރޯލު ކުޅޭ ވަރުގަދަ ފިލްމު "ލަކްޝީ ބޮމްބް"ގެ ފުރަތަމަ ލަވަ އާންމުކޮށްފި އެވެ.

ފިލްމުގެ ޓްރެއިލާ މީގެ ނުވަވަރަކަށް ދުވަސްކުރިން ދައްކާލިއިރު އެ ފިލްމުގެ ޓްރެއިލާއަށް ވަނީ ހީ ނުކުރާހާ ވަރުގެ ބޮޑު ތަރުހީބެއް ލިބިފައެވެ. ބުރުޖް ޚަލީފާގެ ނަމުން ނަންދީފައިވާ އެ ލަވަގައި އަކްޝޭ އާއި ކިއާރާގެ ނެށުމުގެ ހަރަކާތްތަކެއް ފެނިގެންދިޔަ އެވެ.

ޝަޝީ އާއި ޑީޖޭ ޚުޝީގެ ހިތްގައިމު އަޑުން މި ލަވަ އިވެގެންދިޔައިރު ލަވައިގެ ލިރިކްސް ހެދީ ގަގަން އަހޫޖާއެވެ.

ފިލްމުގެ ލަވަ ނުކުތުމާއެކު ކިއާރާ ބުނީ ބުރުޖް ޚަލީފާ ލަވަ އަކީ ޝޫޓްކުރިއިރު އެންމެ މަޖާ ލަވަ ކަމަށާއި އެންމެ ހިތްހަމަޖެހިގެން ޝޫޓްކޮށްލެވުނު ލަވަކަމަށެވެ. އަދި އެކި ކަހަލަ އަގުބޮޑު ހެދުން ލައިގެން ދުބާއީގެ އެކި ހިސާބުތަކުގައި މި ލަވަ ޝޫޓްކުރިއިރު މިއީ ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށެވެ.

ލަކްޝީ ބޮމްބްގެ ޓްރެއިލާއިން ފެނިގެންދަނީ ފެނިގެންދަނީ އަންހެން ޖިންނިއެއް އަކްޝޭގެ ހަށިގަނޑަށް ވަދެގެން ދެން ވާކަންތައްތަކެވެ. ބެލުންތެރިން ސިއްސައިގެން ދާ މަންޒަރުތަކެއް ޓްރެއިލާއިން ފެނިގެންދިޔައިރު ހީހީ ބަލިކޮށްލާވަރުގެ މަންޒަރުތަކެއް ވެސް ފެނިގެންދިޔަ އެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ޑިޒްނީ ހޮޓްސްޓާއިން ރިލީޒްކުރާ އެ ފިލްމަކީ ރަގަވާ ލޯރެންސް ޑައިރެކްޓްކުރާ ފިލްމެކެވެ.

comment ކޮމެންޓް