ޓެނިސް އިންތިހާބު އަންނަ މަހުގެ ހަތްވަނަ ދުވަހު ބާއްވަނީ

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ޓެނިސް އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މެމްބަރުންނާ އެކު --- ފޮޓޯ// ޓެނިސް އެސޯސިއޭޝަން

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އިންތިހާބީ ކޮންގްރެސް އަންނަ މަހުގެ ހަތްވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

ޓެނިސް އެސޯސިއޭޝަނުގެ ހަތަރު ވަނަ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި މަހުގެ 22 އާ ހަމައަށް އެފުރުސަތު ހުޅުވާލާފައިވާ އިރު އިންތިހާބު ބޭއްވުމަށް އެޗްޕީއޭގެ ލަފަޔަކަށް މިހާރު ވަނީ އެދިފަ އެވެ. އަދި އަންނަ މަހުގެ ހަތްވަނަ ދުވަހު އިންތިހާބު ބާއްވަން އެސޯސިއޭޝަނުން މިހާރު ވަނީ ތައްޔާރީތައް ފަށައިފަ އެވެ.

އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދުގެ 19 ވަނަ މާއްދާގައި ވާގޮތުން އިންތިހާބީ ކޮންގްރެސްއަށް ކުރިމަތި ލުމަށް ހުޅުވާލާފައިވަނީ ރައީސް، ނައިބު ރައީސް އަދި އާންމު މެމްބަރުންގެ ފަރާތުން އިންތިހާބުކުރާ ތިން މެމްބަރުންނެވެ. މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ އެ އެސޯސިއޭޝަނުގެ އާއްމު މެމްބަރުންގެ ތެރެއިން، އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލެވުނު ދުވަހުގެ ނިޔަލަށް މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީގައި ހިމެނިފައިވާ ފަރާތްތަކަށެވެ.

ވޭތުވެ ދިޔަ ދެ ދައުރުގައި ވެސް ޓެނިސް އެސޯސިއޭޝަނުގެ ރައީސްކަން ކުރައްވާފައި ވަނީ މަޝްޙޫރު ވިޔަފާރީވެރިޔާ އަދި ކުޅިވަރުގެ ހިދުމަތްތެރިޔާ އަހުމަދު ނަޒީރު (ކްރައުން ނަޒީރު) އެވެ. އޭނާގެ ރައީސް ކަމުގައި ޓެނިހަށް އެންމެ ބޮޑަށް ކުރިއެރުމެއް ހޯދައިދީފައިވަނީ އިންފްރާސްޓަރްކްޗާ ގާއިމު ކުރުމުގަ އެވެ. އެގޮތުން އޭނާގެ އަމިއްލަ ހަރަދުގައި ބައިނަލް އަގުވާމީ ފެންވަރުގެ ޓެނިސް ކޯޓެއް އަޅާފައިވާ އިރު، މިދިޔަ އަހަރުގެ ގައުމީ މުބާރާތް ވެސް ވަނީ ބައިނަލް އަގުވާމީ ކުޅުންތެރިންނަށް އިންވައިޓް ކޮށްގެން ބާއްވައިފަ އެވެ.

ނަޒީރުގެ ޓީމުގައި ދެން ހިމެނެނީ ނައިބު ރައީސް މުހައްމަދު އަމީން އާއި، ހިންގާ ކޮމިޓީގެ އިތުރު ބައެއް މެމްބަރުން ކަމަށްވާ ހަސަން ޝާމް، އަހުމަދު ޝާމް، އިބްރާހިމް ރަޝީދު އަދި އިބްރާހިމް ހުސައިންގެ އިތުރުން ޓްރެޝަރާ މަހްމޫދު ރަމީޒް އެވެ.

ބެލެވޭ ގޮތުގައި މިފަހަރުގެ އިންތިހާބުގައި ވެސް ޓެނިސްގެ އިންތިހާބުގައި ނަޒީރު ކުރިމަތިލައްވާނެ އެވެ.

comment ކޮމެންޓް