ނުހައްގު މުއްސަނދިކަން ކުށަކަށް ހަދާ ބިލު ބަލައިގެންފި

ނުހައްގު މުއްސަނދިކަން ކުށަަކަން ހެދުމަށް ބިލު ހުށަހެއްޅުއްވި ފޮނަދޫ ދާއިރާ މެމްބަރު މޫސާ ސިރާޖު: އެ ބިލު މިހާރު ވަނީ މަޖިލީހުން ބަލައިގެންފައި --- ފައިލް ފޮޓޯ/ މަޖިލިސް

ނުހައްގު މުއްސަނދިކަން ކުށަކަށް ހަދައި ދިގު މުއްދަތުގެ ޖަލު އަދަބެއް ދޭ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

ދައުލަތުގެ މުވައްޒަފަކު ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާކުރި މީހަކު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދައިފި ނަމަ، އެއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް އިސްލާހު ހުށަހެޅީ ގާނޫނުލް އުގޫބާތަށެވެ.

މިއަހަރު މަޖިލީހުގެ ތިން ވަނަ ދައުރު ފެށުމާއެކު ގާނޫލް އުގޫބާތަަށް އިސްލާހު ގެނައުމަށް ބިލު ހުށަހެޅުއްވީ ފޮނަދޫ ދާއިރާ މެމްބަރު މޫސާ ސިރާޖެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، ބަހުސް މަރުހަލާ ނިމި މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ އެ ބިލު ބަލައިގެންފަ އެވެ.

ބިލު ބަލައިގަތުމަށް ފާސްވީ، 53 ވޯޓުންނެވެ. ބިލު ބަލައިގަތުމަށް ފާސްވުމާއެކު ދެން އެ ބިލު ދިރާސާ ކުރާނީ، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންނެވެ.

ސިރާޖު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުން ނުވަތަ އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެކެވެ.

އޭގެ އިތުރުން ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާގެ އާއިލާގެ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި މިލްކު ކުރުމަކީވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެ ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށް ހިފަހައްޓާފައި ވަނީ ގާނޫނީގޮތުން ހުއްދަކޮށްފައިވާ ގޮތުގެމަތިންކަން ސާބިތުކޮށް ނުދެވުން ނުވަތަ އޭނާއަށް ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހަކަށް އެ މުދަލެއް ލިބިފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިންކަން ސާބިތުކޮށް ނުދެވުމަކީ ވެސް ކުށެއް ކަމަށް މެމްބަރު ސިރާޖު ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ބުނެފަ އެވެ.

https://sun.mv/141963

ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެމްބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އެހެން ކަމަށްވާނަމަ، އެ ކުށުގެ އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށް ލުމެވެ. އަސާސީ މިންގަނޑުން ބަލާނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ އެވެ.

ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގަތް އިރު، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާ މެމްބަރު ހުށަހެޅުއްވި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އިސްލާހު ގެނައުމުގެ ބިލުވެސް ވަނީ މަޖިލީހުން މިއަދު ބަލައިގެންފައެވެ.

އެ ބިލު ބަލައިގަަންނަން 54 މެމްބަރުން ވޯޓު ދެެއްވި އެވެ.

އޭނާ ބިލު ހުށަހެޅުއްވީ، ކޮރަޕްޝަން ފުޅާ ދާއިރާއެއްގައި މާނަކުރުމަށެވެ. އެގޮތުން ގާނޫނުގައި "ކޮރަޕްޝަން" ކަމަށް ބުނެފައި ވަނީ ކޮރަޕްޝަންގެ ކުށާއި ކޮރަޕްޝަންގެ ކުށެއް ކުރުމަށްޓަައި ހިންގާ އެންމެހާ އަމަލުތައަށް ހިމެނޭ ގޮތަަށް ކަމަށް އިސްލާހުގައި ބުނެ އެވެ.

https://sun.mv/142176

comment ކޮމެންޓް