ކޮރަޕްޝަން ފުޅާ ދާއިރާއެއްގައި މާނަކޮށް، ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކޮރަޕްޝަނާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން: ކޮރަޕްޝަން ފުޅާ ދާއިރާއެއްގައި މާނަކޮށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކޮރަޕްޝަން ފުޅާ ދާއިރާއެއްގައި މާނަކޮށް، އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެެވެ.

އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅީ، ފުނަދޫ ދާއިރާ މެމްބަރު މުހައްމަދު ޝާހިދެވެ. އެ ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ހުށަހަޅާފައެވެ.

އޭނާ ހުށަހަޅާފައިވަނީ އެ ގާނޫނުގެ 23 ވަނަ މާއްދާގައި ކޮރަޕްޝަން މާނަ ކުރުމާ ގުޅޭ ގޮތުން އިސްލާހު ހުށަހެޅުމަށެވެ.

އެގޮތުން ގާނޫނުގައި "ކޮރަޕްޝަން" ކަމަށް ބުނެފައި ވަނީ ކޮރަޕްޝަންގެ ކުށާއި ކޮރަޕްޝަންގެ ކުށެއް ކުރުމަށްޓަައި ހިންގާ އެންމެހާ އަމަލުތައަށް ހިމެނޭ ގޮތަަށް ކަމަށް އިސްލާހުގައި ބުނެއެވެ.

އޭގެ އިތުރުން "ކޮރަޕްޝަންގެ ކުށް" އަކީ ގާނޫނުލްއުގޫބާތުގެ 510، 515، 516 އަދި 517 ވަނަ މާއްދާގައި ކަނޑައަލާފައިވާ ކުށްކުށާއި އެނޫންވެސް ގާނޫނެއްގައި ކޮރަޕްޝްނގެ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކަށް ކަން ބިލުގައި ބަޔާންކޮށްފައިވެއެވެ.

އިސްލާހުތަކަށް އަމަލު ކުރަން ފަށާނީ، ބިލު ފާސްވެ، ތަސްދީކޮށް، ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.

އެންޓިކޮރަޕްޝަންގެ ގާނުނު މިހާރު އޮންނަ ގޮތުން ކޮރަޕްޝަން އަކީ، ކޮބާކަން ސީދާ ބަޔާންކޮށްފައި ނުވެއެވެ. އޭގާ ބުނެފައި ވަނީ ކޮރަޕްޝަން އަކީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު 2/2000 ގައި ބުނެފައިވާ ކުށްތަކަށް ކަމަށެވެ.

ބިލު ހުށަހަޅަން ޖެހުނު ސަބަބުގެ ގޮތުގައި މެމްބަރު މުހައްމަދު ޝާހިދު ބުނެފައި ވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު މިހާރު އުވާލުމަށް ހުށަޅާފައިވާތީވެ، އެންޓިކޮރަޕްޝަންގެ ގާނޫނުގައި ކޮރަޕްޝަން މާނަކުރަން ޖެހޭ ގޮތް ބަދަލު ކުރަންޖެހޭތީ ކަމަށެވެ.

ގާނޫނުލްއުގޫބާތަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގައި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނު އުވާލުމަށް ހިމަނާފައިވެއެވެ.

އެންޓިކޮރަޕްޝަންގެ ގާނޫނަށް މެމްބަރު މުހައްމަދު ޝާހިދު އިސްލާޙު ހުށަހަޅާފައިވާއިރު، މިހާރުވެސް އެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެ ބިލު އަދި އޮތީ ކޮމިޓީ މަރުހަލާގައެވެ.

comment ކޮމެންޓް