ދައުލަތުގެ މުވައްޒަފަކު ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާކުރި މީހަކު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދައިފި ނަމަ އެކަމަކީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައިފި އެވެ.
ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ގާނޫނަށް އިސްލާހު ހުށަހެޅީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.
އެ އިސްލާހުގައި ވާގޮތުން ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުން ނުވަތަ އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެކެވެ.
އޭގެ އިތުރުން ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާގެ އާއިލާގެ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި މިލްކު ކުރުމަކީވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
އެ ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށް ހިފަހައްޓާފައި ވަނީ ގާނޫނީގޮތުން ހުއްދަކޮށްފައިވާ ގޮތުގެމަތިންކަން ސާބިތުކޮށް ނުދެވުން ނުވަތަ އޭނާއަށް ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހަކަށް އެ މުދަލެއް ލިބިފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިންކަން ސާބިތުކޮށް ނުދެވުމަކީ ވެސް ކުށެއް ކަމަށް މެމްބަރު ސިރާޖު ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ބުނެފަ އެވެ.
ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެމްބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އެހެން ކަމަށްވާނަމަ، އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށް ލުމެވެ. އަސާސީ މިންގަނޑުން ބަލާނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެކުށްކުރީ ދައުލަތުގެ ވަޒީފާގައި އުޅޭ ނުވަތަ އުޅުނު އެހެން މީހެއް ކަމަށް ވާނަމަ، އެއީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އެ ދަރަޖައިން އެންމެ ބޮޑު އަދަބަކަށް އަންނާނީ އަށް އަހަރުގެ ޖަލު ހުކުމެކެވެ.
ރިޝްވަތުވެސް ކުށަކަށް
ދައުލަތުގެ މުވައްޒަފެއް ރިޝްވަތަށް އެދުމާއި ރިޝްވަތު ހުށަހެޅުންވެސް ކުށެއް ގޮތުގައި ހިމަނަން ގާނޫނުލްއުގޫބާތަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ. އެ އިސްލާހުގައި ވާގޮތުން ދައުލަތުގެ މުވައްޒަފެއް ކަމުގައިވެ ހުރެ އެނގިހުރެ އޭނާއަށް ނުވަތަ އެހެން މީހަކަށް ނުވަތަ ފަރާތަކަށް ސީދާ ނުވަތަ ނުސީދާ މަންފާއެއް ހޯދުމަށް އެދުމާއި ގަބޫލުކުރުމަށް އެއްބަސްވުމާއި ގަބޫލު ކުރުމަކީވެސް ކުށެކެވެ.
އޭގެ އިތުރުން ދައުލަތުގެ މުވައްޒަފަކަށް ނުވަތަ އެހެން މީހަކަށް ސީދާ ނުވަތަ ނުސީދާ މަންފާއެއް ދިނުމަށް ވައުދުވުން ނުވަތަ ދިނުމަށް ހުށަހެޅުން ނުވަތަ ދިނުމަކީވެސް ކުށެކެވެ. އަދި ބޭރު ދައުލަތެއްގެ ނުވަތަ ޖަމިއްޔާއެއްގެ މުވައްޒަފަކަށް ރިޝްވަތު ދިނުމަކީވެސް ކުށެއް ކަމަށް ކަނޑައަޅަން މެމްބަރު ސިރާޖު ވަނީ ހުށަހަޅާފަ އެވެ.
އެގޮތުން ބައިނަލްއަގްވާމީ ވިޔަފާރިއަކާ ގުޅޭގޮތުން ވިޔަފާރިއެއް ހޯދުމަށްޓަކައި ނުވަތަ ދެމެހެއްޓުމަށްޓަކައި ނުވަތަ އެނޫންވެސް ނުހައްގު މަންފާއެއް ހޯދުމަށްޓަކައި ދީފައިވާ އެއްޗަކަށް ވާނަމަ އެއީ ކުށެއް ކަމަށް ވަނީ ހިމަނާފަ އެވެ. އެއީ ޖިނާޔަތުގެ ތިން ވަނަ ދަރަކައިގެ ކުށެކެވެ. އެންމެ ބޮޑު އަދަބަކީ އަށް އަހަރުގެ ޖަލު ހުކުމެކެވެ.
އެ އިސްލާހުގައި އިތުރަށް ހިމަނާފައި ވަނީ ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމާއި ނުފޫޒުން ވިޔަފާރި ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާށެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އަދި މަޖިލީހުގައި އިއްވާފައެއް ނުވެ އެވެ.