ވިލިމާލޭގައި ހުއްދަ ނުނަގާ ޖަހާފައިވާ ބިއްގަނޑުތައް ގަވާއިދަށް ފެއްތުމުގެ މަސައްކަތް ފަށައިފި

ފެބްރުއަރީ 17، 2020: މާލޭ ސިޓީ ސްޓްރީޓްސްކޭޕިން މަޝްރޫއު އިފްތިތާހު ކުރުމަށް ވެސްޓް ޕާކް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލިމާލޭގައި ހުރި ހުސްބިންތަކުގައި އެއްވެސް ހުއްދައެއް ނެތި ބައެއް ފަރާތްތަކުން ބިއްގަނޑު ޖަހައި ގަސް އިންދުން ފަދަ ކަންކަން ކުރަމުން އަންނާތީ، އެކަންތައް ގަވާއިދުގެ ތެރެއިން ކުރުމަށް އެކަށީގެންވާ ބިމެއް ހަމަޖެއްސުމުގެ ކަންކަން މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށް މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މޭޔަރު ޝިފާ ސޮއިކުރައްވައި ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް ވިލިމާލޭގެ އެކި ސަރަހައްދު ތަކުގައި ހުރި ހުސްބިންތަކުގައި ހުއްދަ ނުނަގާ އަމިއްލަ ފަރާތްތަކުންނާއި އެކިއެކި މުއައްސަސާތަކުން ބިއްގަނޑު ޖަހާ ބަންދުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އެފަދަ ބިއްގަނޑު ޖަހާފައިވަނީ އުސޫލެއްގެ ތެރެއިންތޯ ނުވަތަ ހުއްދަ ލިބިފައިވާ ކަމެއް ކުރުމުގެ ބޭނުމުގައި ޖަހާފައިވާ ބިއްގަނޑުތަކެއްތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެއެވެ.

"ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ވިލިމާލޭގައި ގަސްއިންދުމާއި ވިލިމާލޭގެ މުހިންމު އެހެނިހެން މަސައްކަތްތަކަށް ބޭނުންކުރެވޭނެ ބިން ހަމަޖެއްސުމަށް އަޅުގަނޑު މިދަނީ މަސައްކަތް ކުރަމުންނެވެ." ބަޔާނުގައިވެއެވެ.

މާލެ އާއި ވިލިމާލެ ގުޅާލެވޭ ބުރިޖުގެ ބައެއް ވިލިމާލެއަށް އަންނާތީ ވިލިމާލޭގެ ބިން ބޭނުންކުރާނެ ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އެގޮތުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމާއެކު މިއަދު ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމަކަށް މި މައްސަލައާ ބެހޭ ކަންކަން ހުށަހަޅާފައިވާ ކަމުގައި މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ބައެއް ފަރާތްތަކުން ވިލިމާލޭގައި ހުރި މަގުތަކާއި ހުސްބިންތަކުގައި ކުރިއްސުރެ އެއްވެސް ހުއްދައެއް ނެތި ބިއްގަނޑު ޖަހާފައި ހުރުމާއި ގަސް އިންދާ ހައްދަމުން ދިއުމުގެ ސަބަބުން އެކިއެކި ފަރާތްތަކުން އަބަދުވެސް ސިޓީ ކައުންސިލަށް ޝަކުވާ ލިބެމުންދާ ކަމަށެވެ.

"ނަމަވެސް މިހާރު މިކަންތައް ގަވާއިދުގެ ތެރެއިން ކުރުމަށް އެކަށީގެންވާ ބިމެއް ހަމަޖެއްސުމުގެ ކަންކަން ކައުންސިލުން ކުރަމުންދާ ދަނޑިވަޅެއްގައި ގަސްތުގައި ފިތުނަ ފަސާދަ އުފެއްދުމުގެ ނިޔަތުގައި ބަޔަކު މަސައްކަތް ކުރަމުންދާކަމީ ވަރަށް ދެރަވަރުކަމެއް ކަމުގައި ދަންނަވަމެވެ."

އަދި ވިލިމާލެއަކީ ތިމާވެއްޓާ ރައްޓެހި ގަސްގަހާގެހި ގިނަ ހިތްފަސޭހަ ރަށެއްގެ ގޮތުގައި ބޭއްވުމަށް މާލޭ ސިޓީ ކައުންސިލުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން މޭޔަރު ވަނީ ދެއްވައިފައެވެ.

comment ކޮމެންޓް