"ބަޅިނދު"ގެ ފޮޓޯތަކަށް ސަމާލުކަން

ބަޅިނދު ގެ މަންޒަރެއް---

ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ ވަރުގަދަ ފިލްމު "ބަޅިނދު"ގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ބައެއް މަންޒަރުތަކެއް ޑާކްރެއިންގެ ޕޭޖުން ވަނީ ދައްކާލާފައެވެ.

ގިނަ ބައެއްގެ ސަމާލުކަން އެ ފޮޓޯތަކަށް ހުއްޓުނުއިރު އެ ފޮޓޯތަކަކީ ވަރަށް ތަފާތު ފޮޓޯތަކެކެވެ. މުސްކުޅި އަންހެނެއް އެނދުމަތީގައި އޮތްތަން ދައްކުވައިދޭ ފޮޓޯއެއް ފެނުނުއިރު އެ ފޮޓޯއިން ފެންނަ އަންހެން މީހާ އަކީ ކާކުތޯ ދެނެގަތުމަށް ހަމަގައިމުވެސް އިރުކޮޅެއް ނަގާނެއެވެ. މޫނުމަތި ވަރަށް ބޮޑަށް ރޫޖެހިފައިވާ އެ އަންހެން މީހާއަކީ ފިލްމީތަރި މަރިޔަމް ޝަކީލާ އާދަމް (ޝަކިއްތަ) އެވެ. އެ މޭކަޕުން އެއީ ޝަކިއްތަކަން ވެސް އެނގެން ވަގުތުކޮޅެއް ނެގިއެވެ.

ޑާކްރެއިން އިން ދެން އާންމުކުރި ފޮޓޯއިން ފެންނަނީ އެ މުސްކުޅި އަންހެން މީހާ، ޝަކިއްތައަށް ކާންދޭން އިންނަ ޒުވާން އަންހެނެކެވެ. އެއީ މިހާރު އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) އެވެ.

ހަމަގައިމުވެސް ބަޅިނދު ވެގެންދާނީ އަންނަ އަހަރު ސިނަމާތަކަށް ގެންނަ އެންމެ ތަފާތު އެއް ފިލްމަށެވެ. ކޮވިޑް އާ ގުޅިގެން ރާއްޖެ ލޮކްޑައުން ކުރިއިރު ފިލްމުގެ 45 އިންސައްތައިގެ ޝޫޓިން އޮތީ ނިމިފަ އެވެ. މިދިޔަ މަހު ފިލްމުގެ ޝޫޓިން އަލުން ފެށިއިރު މިހާރުވެސް ބަޅިނދުގެ ޝޫޓިން ދަނީ ކުރިއަށެވެ.

ބަޅިނދުގެ ތަރިންނަކީ އަލީ އާޒިމް (ދޮން އައްޔަ)، އާޝާ، ޖުމައިހު، ހުނޫ، ދޮން އައްޔަ، ނުޒުހަތު ޝުއައިބު، އައިޝާ، ޝަރަފް އަދި މަޖޫ އެވެ. އެ ފިލްމަކީ ހޫދު އިބްރާހިމް ލިޔެ އަހްމަދު ޝިނާން ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ.

comment ކޮމެންޓް