ދެހާސްސަތާރަ ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހަކީ ގައުމުގެ ތާރީހުގައި މުހިންމު ބިންގަލެއް އެޅި ދުވަހެކެވެ. މިދުވަހު އަލިވިލިގެން ދިޔައީ ގައުމުގެ ވަސީލަތްތައް ފުޅާވެ، ތަރައްގީއަށް ވާސިލްވުމަށް ކުރާ މަސައްކަތަށް އިތުރު ބޮޅެއް އެކުވެގެނެވެ. މި ސަރަހައްދުގައިވެސް އޮތް އެންމެ ބިޔަ، ކޮންނަބޯޓް ނުވަތަ ޑްރެޖަރު އެމްޓީސީސީއިން އެ ދުވަހު ރާއްޖެ ގެނަ އެވެ.
ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާ މިނުގައި 16.25 މީޓަރު ހުންނަ އައި.އެޗް.ސީގެ އީޒީ ޑްރެޖް ސީރީޒްގެ ހޮޕާ ސަކްޝަން ޑްރެޖަރު، މަހާ ޖައްރާފު އެމްޓީސީސީއިން ރާއްޖެ ގެނެސް ކުޅުދުއްފުށީގައި ބަނދަރު ކުރުމާއެކު ދިވެހިން ތަރައްގީއަށް ކުރާ އުންމީދު އާވެގެންދިޔަ އެވެ. މަހާ ޖައްރާފަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އަދި މިއުޅަނދަށް އެއްފަހަރާ 3,700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ އެވެ. މަހާ ޖައްރާފު ޑިޒައިން ކުރެވިފައިވަނީ ދުވެލި ބާރު އަދި ތެލުގެ ހަރަދު ކުޑަވާނެ ފަދަ ޓެކްނޮލޮޖީއާ އެކު އެވެ. މިއީ ތިމާވެއްޓަށް ގެއްލުން ނުވާ ފަދަ ގޮތަކަށް ބިން ހިއްކުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެއްވެސް މެއެވެ.
މަހާ ޖައްރާފާއެކު ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ކުރާ މަސައްކަތާއި އުމްރާނީ ތަރައްގީއަށް ވާސިލުވުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދިޔަ އެވެ. މިއީ އިގްތިސާދީ ކުރިއެރުމާއި ފަތުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ވެސް ވާގިވެރިވެ، އޭގެ ފައިދާ ކުރުވާނެ ވަސީލަތެކެވެ. އަދި ބޭރު ގައުމުތަކުގެ ބިންހިއްކުމުގެ މަޝްރޫޢުތަކުގައިވެސް އެމްޓީސީސީއިން ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިވުމަށް އެޅުނު ބިންގަލެކެވެ.
މަހާ ޖައްރާފު ރާއްޖެ ގެނެސް މަސައްކަތް ފެށިއިރު، ބޯޓުގައި އޭރު ތިބީ 10 ބިދޭސީންނެވެ. ނަމަވެސް މަހާ ޖައްރާފުގެ ފަޅުވެރިން އެއްކޮށް ދިވެހިންނަށް ބަދަލު ކުރުމަކީ ފެށުނީއްސުރެ އެމްޓީސީސީގެ އަމާޒެކެވެ. މި އަމާޒަށް ވާސިލްވުމަށް 2018 ވަނަ އަހަރުން ފެށިގެން އެމްޓީސީސީއިން ދިޔައީ ބޯޓުގައި މަސައްކަތް ކުރުމަށްޓަކައި ބިދޭސީ ފަޅުވެރިންގެ ގާތުން ދިވެހިންނަށް ތަމްރީން ދެމުންނެވެ. ދިވެހިން ތަމްރީން ކޮށް، މިއަދު މަހާ ޖައްރާފުގެ ހިންގުން އެކުގައި މިވަނީ ދިވެހިންނާއި ހަވާލުކޮށްފަ އެވެ. މިއީ ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ތާރީހީ ބަދަލެކެވެ. އެގޮތުން ބޯޓުގެ ކެޕްޓަން، 2 ޗީފް އޮފިސަރުން، ޗީފް އިންޖިނިއަރު، ސެކަންޑް އިންޖިނިއަރު، ހަތަރު ޕައިޕް އޮޕަރޭޓަރު، ޑްރެޖް މާސްޓަރު، އިލެކްޓްރޯ ޓެކްނިކަލް އޮފިސަރު އަދި ކްރޫއިންނާއި ކައްކާވެސް މިހާރު މިވަނީ ދިވެހިންނަށް ބަދަލުކޮށްފައެވެ. މިހާރު މަހާ ޖައްރާފު ހިންގުމުގައި ހަރަކާތްތެރިވާނީ 17 ދިވެހިންނެވެ.
"ރާއްޖެ އަދި މި ސަރަހައްދުގައިވެސް އޮތް އެންމެ ބޮޑު ޑްރެޖަރު ބޯޓުގައި މަސައްކަތް ކުރާ ކްރޫ އެކުގައި ދިވެހިންނަށް ބަދަލުކުރުމަކީ ގައުމަށްވެސް އަދި އެމްޓީސީއަށްވެސް ލިބޭ ބޮޑު ފަހުރެއް. ކުންފުނިން ވޭތުވެދިޔަ ދެ އަހަރާއި ބައި ވަންދެން މިކަމަށް ތައްޔާރުވެ، ދިވެހިންނަށް ދޭންޖެހޭ ތަމްރީންތައް ދެމުން ދިޔައީ. މުސްތަގްބަލުގައި ވެސް މި ބޯޓަށް ނަގާނީ މަސައްކަތަށް ގާބިލު ދިވެހިން. އަދި އިތުރު ތަމްރީނު ދީ މީހުން ނަގަން ޖެހިއްޖެ ހާލަތެއްގައި އެމްޓީސީސީއިން އެކަންވެސް ކުރާނެ. މިއީ މުސްތަޤްބަލުގައި އެތައް ދިވެހިންނެއް މިދާއިރާއަށް ވަންނަން ލިބޭ ފުރުސަތެއް. މިދާއިރާއަކީ ޓެކްނިކަލް އަދި ރަގަނޅު އާމްދަނީއެއް ލިބޭ ދާއިރާއެއް. ޓެކްނިކަލް ޓްރެއިނިން ލިބި ދިވެހިން މިފަދަ ކަންކަމުގައި ހަރަކާތްތެރިވުމަކީ މުހިންމުކަމެއް. ކުރިން ތިބިހެން ބޭރު މުވައްޒަފުން ބޯޓުގައި ތިބުމުން ކުންފުނީގެ ހަރަދު ވަރަށް ބޮޑު. މިކަމުން ކުންފުނީގެ ހަރަދުވެސް ކުޑަވޭ. ގައުމުން ބޭރުވާ ފައިސާގެ އަދަދުވެސް ވަރަށް ބޮޑަށް ދަށްކުރެވޭ." މިގެނެވުނު ތާރީހީ ބަދަލާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި އެވެ.
މަހާ ޖައްރާފުގައި މަސައްކަތް ކުރާ މުޅި ކްރޫ 100 އިންސައްތަ ދިވެހިންނަށް ބަދަލުކުރުމަކީ ކުންފުންޏަށާއި ރާއްޖެއަށްވެސް ލިބުނު ބޮޑު އުފަލަކާއި ފަހުރެއްގެ އިތުރުން މިއީ ދިވެހި ސީމަނުންގެ އިންޑަސްޓްރީއަށް އައި އިންގިލާބީ ބަދަލެއް ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން ބައިނަލްއަގްވާމީ އުޅަނދުފަހަރާއި ޑްރެޖާތަކުގައި މަސައްކަތް ކުރުމުގެ ޓެކްނިކަލް ތަމްރީން ލިބިފައިވާ މަސައްކަތްތެރި ޖީލެއް ބިނާ ކުރެވޭނެ ކަމަށް ސީއީއޯ ފާހަގަކުރެއްވި އެވެ.
މަހާ ޖައްރާފަކީ 100 ޕަސަންޓު ދިވެހިން މަސައްކަތް ކުރާ ބޯޓަކަށް ހެދުމުގެ ބިންގާ އެޅިގެން ގޮސްފައިވާއިރު، މިއީ މިދާއިރާއިން ދިވެހިން ކުރިއެރުވުމަށް އެޅުނު ފިޔަވަޅެކެވެ. ގައުމުގެ އިންސާނީ ވަސީލަތް ބިނާ ކުރުމަށް އެޅޭ ފިޔަވަޅެކެވެ. މިކަމުން ދައްކުވައިދެނީ އެމްޓީސީސީއިން ދިވެހި މަސައްކަތްތެރިންނަށް ދޭ އަހަންމިޔަތުކަމާއި ދިވެހިން ކުރިއަރުވާ، މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ދޭ އަހަންމިޔަތުކަމެވެ. މީއީ ގައުމުގެ މަޝްރޫއުތަކާއި ގައުމުން ބޭރަށް ދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހިން ކުރީ ސަފަށް ލުމަށް އެޅޭ ބިންގަލެކެވެ. ރާއްޖޭގެ ހުރިހާ ދާއިރާއެއްގައިވެސް މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރުކުރުމަކީ ސަރުކާރުގެ ވެސް އަމާޒެކެވެ. އެމްޓީސީސީއިން މި ނެގި ފިޔަވަޅާއިއެކު ދިވެހި އެހެން ކުންފުނިތަކުންވެސް މިސާލު ނަގައި، ކުންފުނިތަކުގެ ހިންގުމުގައި ދިވެހިންގެ ޝާމިލުވުން އިތުރުކުރުމަށް ހިތްވަރު ލިބިގެންދާނެކަން ޔަގީނެވެ.
މަހާ ޖައްރާފުގެ އެއް ޗީފް އޮފިސަރު ހާލިދު މުހައްމަދު ސިފަކުރެއްވީ މި ގެނެވުނު ތާރީހީ ބަދަލަކީ ވަރަށް އުފާވެރި ބަދަލެއްގެ ގޮތުގަ އެވެ. އެމްޓީސީސީއިން ތަމްރީނުކުރި ހާލިދު ވިދާޅުވީ މަހާ ޖައްރާފަކީ ރާއްޖޭގައިވެސް އަދި މި ސަރަހައްދުގައިވެސް އޮތް މިފަދަ އެންމެ ބޮޑު ބޯޓަށް ވާއިރު، މީގައި މަސައްކަތްކުރާ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލު ކުރުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ބޮޑެތި ބޯޓުތައް އޮޕަރޭޓް ކުރޭ. އެކަމަކު އެ ބޯޓުތަކުގައި ތިބޭނީ ހަމައެކަނި އެބޯޓު ނިސްބަތްވާ ގައުމެއްގެ މީހުން އެކަންޏެއް ނޫން. އެހެންވެ ރާއްޖެ ފަދަ ކުޑަ ގައުމަކުން މި ހޯދީ ބޮޑު ކުރިއެރުމެއް. މިއީ މިދާއިރާގައި މަސައްކަތްކުރާ އަދި މަސައްކަތް ކުރަން ބޭނުންވާ ދިވެހިންނަށްވެސް ލިބޭ ބޮޑު ކުރިއެރުމަކާއި އުފަލެއް. އެހެންވެ އެމްޓީސީސީއިން އިސްނަންގަވާ މި ހޯދީ ވަރަށް ބޮޑު ކުރިއެރުމެއް. އަދި މިކަމަށްޓަކައި ދިވެހިން ތަމްރީންކޮށް މިދިން ފުރުސަތަށްޓަކައި އެމްޓީސީސީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިކަމުގައި ދިވެހިންތަކެއް ތަމްރީންކޮށް، މި ގެނައި ބަދަލަކީ މި ދާއިރާއިން ރާއްޖެ ކުރިއަރަން އެޅުނު ބިންގަލެއް." ހާލިދް ވިދާޅުވިއެވެ.
މަހާ ޖައްރާފު ރާއްޖެ އައިސް އެންމެ ފުރަތަމަ ހިންގި މަޝްރޫޢަކީ ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިއްކުމުގެ މަސައްކަތެވެ.
އޭގެ ފަހުން މަހާ ޖައްރާފުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މައިގަނޑު ބޮޑެތި 13 މަޝްރޫއުއެއް ހިންގި އެވެ.
މީގެ ތެރޭގައި ހިމެނޭ ބައެއް މަޝްރޫއުތަކަކީ
- ހއ. ހޯރަފުށީގެ އެއާޕޯޓަށް ބޭނުންވާ ބިންހިއްކުމުގެ މަޝްރޫއު
- ށ. ފުނަދޫ އެއާޕޯޓަށް ބޭނުންވާ ބިންހިއްކުމުގެ މަޝްރޫއު
- ކ. މާފުށި ބިންހިއްކުމުގެ މަޝްރޫއު
- ށ. ކޮމަންޑޫ ބިންހިއްކުމުގެ މަޝްރޫއު
- ކ. ތިލަފުށީ ކުނި މެނޭޖްކުރާ ސަރަހައްދުގެ ބިންހިއްކުމުގެ މަޝްރޫއު
- ކ. ހުރާ ބިންހިއްކުމުގެ މަޝްރޫއު
މަހާ ޖައްރާފުން މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި ކ. ގުރައިދޫ ބިންހިއްކުމާއި ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓް ކުންފުނީގެ ތިން ރަށެއް ހިއްކުމުގެ މަޝްރޫއު ހިމެނެއެވެ. މަހާ ޖައްރާފުން ކުރިޔަށް އޮތް ތަނުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިންހިއްކުމުގެ މަޝްރޫއުތަކުގައި ހަރަކާތްތެރިވަމުން ދާނެ އެވެ.
މި މަސައްކަތުގައި ހުސް ދިވެހިން ހަރަކާތްތެރިވުމަކީ ހުރިހާ ގޮތަކުން ބެލިޔަސް ގައުމަށް ލިބޭ ކުރިއެރުމެކެވެ. ބޮޑެތި ޑްރެޖަރުތަކުގައި މަސައްކަތް ކުރުމަށް ދިވެހިން ބިނާކޮށް، ދިވެހިންނަށް މި ދާއިރާއަށް ވަންނަން ދެވޭ ފަހި ފުރުސަތެކެވެ. މަހާ ޖައްރާފުގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއް ދިވެހިންނަށް ބަދަލުވެފައިވާއިރު، އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އެކި ދާއިރާތަކަށްވެސް މިއީ ލިބޭ ބޮޑު ފައިދާއެކެވެ.
ގައުމު ބިނާކުރުމުގައި ކުރިއަށް އޮތް ތަނުގައިވެސް މަހާ ޖައްރާފުން މުހިންމު ދައުރެއް އަދާކުރާނެކަން ޔަގީނެވެ. ބަނދަރު ހެދުމާއި ރަށްރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުވެ، ގެދޮރު ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް މަހާ ޖައްރާފުގެ މަސައްކަތުން ލުޔެއް ލިބެ އެވެ. މަހާ ޖައްރާފުގެ ސަބަބުން އެހެން ބަޔަކަށް ބަރޯސާ ނުވެ ގައުމުގެ ތަރައްގީގެ މިފަދަ މަޝްރޫތައް ކުރިޔަށް ގެންދިއުމުގެ ގާބިލުކަން ވަނީ ލިބިފަ އެވެ.
އެމްޓީސީސީއިން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ މިކުންފުންޏަކީ ރައްޔިތުންގެ ލާބައަށް އެންމެ ބޭނުންތެރި ގޮތަށް މަސައްކަތް ކުރާ ކުންފުންޔަކަށް ހެދުމަށެވެ. އެމްޓީސީސީގެ އުންމީދަކީ ދިވެހި ދަރިވަރުންވެސް މިދާއިރާއަށް ޝައުގުވެރިކަން އިތުރުވެ، މިފަދަ ބޮޑެތި އުޅަނދު ފަހަރުގެ ޓެކްނިކަލް އެކި ދާއިރާއިން ދިވެހިން ތަމްރީންވެ، މިދާއިރާ ރާއްޖޭގައި ފުޅާވެގެން ދިއުމެވެ. މިކަމަށްޓަކައި މިއަދު މި އެޅުނު ބިންގަލާއެކު އެމްޓީސީސީއިން ކުރިޔަށް ދާނީ ދިވެހިންނަކީ މިފަދަ ބޯޓުތަކުގެ ކުދި، ބޮޑު ހުރިހާ ފަންތިއެއްގައިވެސް މަސައްކަތް ކުރެވޭ ގާބިލް އަދި މަސައްކަތުގެ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ބަޔަކަށް ހެދުމަށެވެ. އެންމެ ބޯޓަކުން ފެށިޔަސް، މުސްތަގްބަލުގައި އެމްޓީސީސީގެ މިފަދަ އިތުރު ބޯޓުތައް ގެނެސް، މި ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ހިދުމަތްތައް ފޯރުކޮށްދިނުމަކީ އެމްޓީސީސީއިން ކުރާ އުންމީދެކެވެ.