އިންނަމާދޫގެ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

ރ. އިންނަމާދޫގައި ކުޅިވަރާ ބެހޭ ވުޒާރާއިން އެޅި ފުޓްސަލް ދަނޑު - ކުޅިވަރާ ބެހޭ ވުޒާރާ

ރ. އިންނަމާދޫގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ގާއިމު ކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

މިކަން ހާމަކުރައްވަމުން ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް ސަބަބުތަކާއި ގުޅިގެން މަސައްކަތް ލަސްވިނަމަވެސް މިހާރު އިންނަމާދޫގެ ފުޓްސަލް ދަނޑުގެ މަސައްކަތް ފުރިހަމައަށް ނިންމާލެވިފައިވާ ކަމަށެވެ. އަދި މިނިސްޓަރ ވަނީ މި މަސައްކަތް ކުރުމަށް އެރަށުގެ ޒުވާނުންނާއި ކައުންސިލް އަދި އެރަށް ނިސްބަތްވާ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ދަނޑުގެ މަސައްކަތް ކުރުމަށް މިނިސްޓްރީއިން ހަވާލުކޮށްފައިވަނީ ކޯޕައިންސް އިންވެސްޓްމަންޓްްސްއާއެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރެވުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 1.387 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.

މި ދަނޑަކީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރެވިފައިވާ ދަނޑެއް ކަމަށާއި، ދަނޑުގެ ބޭނުން އަންހެން އަދި ފިރިހެން ފަރާތްތަކަށް ކުޅިވަރުތައް ކުޅުމުގެ އިތުރުން ދުޅަހެޔޮ ހަށިހެޔޮ ޕްރޮގުރާމްތައް ހިންގުމަށްވެސް ބޭނުން ކުރެވިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

ކޮވިޑްގެ ސަބަބުން ސަރުކާރުން ކުރަމުން އައި މަޝްރޫއުތަކަށް ކޮންމެސް ވަރެއްގެ މަޑުޖެހުމެއް އައި ނަމަވެސް ޒުވާނުންގެ މަސްލަހަތު ހިމެނޭ ކަންކަން ވީހާވެސް އަވަހަށް ނިންމުމަށް ބުރަ މަސައްކަތެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު މަހުލޫފް މީގެ ކުރިންވެސް ވަނީ ވިދާޅުވެފަ އެވެ.

އަދި ހަމަ އެހެންމެ ކޮވިޑާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާއިން ކުޅިވަރުގެ މަޝްރޫއުތަކަށް ކަނޑައެޅި 500 މިލިޔަން ރުފިޔާގެ ބަޖެޓުން 200 މިލިޔަނަށް ވުރެންވެސް ގިނަ ރުފިޔާ އުނިކުރަން ޖެހުނު ކަމަށާއި، އޭގެ ސަބަބުން ނުފެށި ހުރި ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ޖެހިފައިވާތީ ކުޅިވަރާ ބެހޭ ވުޒާރާއިން ޕީއެސްއައިޕީގެ ތެރެއިން ވެސް މަޑު ޖެހުމެއް އަންނާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް