އަލަށް ހުށަހައަޅާ އަބުރުގެ ބިލުން މީޑިއާތަކަށް ނުރައްކަލެއް ނެތް: އޭޖީ އޮފީސް

ޑިއާ ކައުންސިލާއި ބްރާޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ބިލުވެސް ހިމެނެ އެވެ. އެ ބިލުގެ ނަމަކީ، މޯލްޑިވްސް މީޑިއާ ބްރޯޑްކާސްޓިން އެތޯރިޓީގެ ބިލެވެ.

މަޖިލީހުގެ މި ދައުރުގައި ސަރުކާރުގެ ފާރާތުން މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ އަބުރުގެ ބިލުން ނޫސްވެރިންނަށާއި މީޑިއާތަކަށް ނުރައްކަލެއް ނޯންނާނެ ކަމަށް ބަންޑާރަ ނައިބު އޮފީހުން ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން މި ދައުރުގައި ޖުމްލަ 28 ބިލެއް ހުށަހެޅުމަށް ހަމަޖެހިފައިވާއިރު، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލެއް ވެސް ހުށަހަޅުމަށް ވަނީ ހިމަނާފަ އެވެ.

އެ ބިލު ނޫސްވެރިނަށާއި މީޑިއާތަކަށް އަމާޒުވެދާނެތީ، އެކަމުގެ ނުތަނަވަސްކަން ވަނީ އުފެދިފަ އެވެ.

އެކަމާ ގުޅިގެން ބަންޑާރަނައިބު އޮފީހުގެ މީޑިއާ ޑިރެކްޓަރު ހުސައިން ހަސަން ރޭ "ސަން"އަށް ވިދާޅުވީ، އެ ބިލު ފަރުމާކުރާނީ ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށްގެން ނޫން ކަމަށެވެ. އަދި އެ ބިލުގެ ސަބަބުން ނޫސްވެެރިކަމުގެ މިނިވަން ކަމަށް ހުރަސް ނޭޅޭނެ ކަމުގެ ޔަގީންކަވެސް އޭނާ ދެއްވި އެވެ.

"ސަރުކާރުގެ ވިސްނުމަކީ، އަބުރާބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ބޭއްވުން. ބިލު ބައްޓަން ކުރަނީވެސް އެގޮތަށް. ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭގޮތަށް އެ ބިލު ބައްޓަން ނުކުރާނެ. މީޑިއާތަށް ޖޫރިމަނާކޮށް، ބަންދު ކުރެވޭ ގޮތަށް އެ ބިލުގައި ނުހިމެނޭނެ،" ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ބިލަކީ އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގައި ހިމެނޭ އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނެގުމުގެ ގަވައިދަށް ގާނޫނީ ބާުރުވެރިކަން ދިނުމަށް ހުށަހަޅާ ބިލެއް ކަމަށެވެ.

"މާނައަކީ، އެ ބިލުގައި ހިމަނާނީ، އެ ގައިދުގައި ހިމެނޭ ބައިތައް. އެ ގަވައިދުގައިވާ ގޮތަށް އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި އޮންނާނީ،" ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުގައި އަބުރުގެ ގާނޫނުން ވަކި މުއައްސަސާއަކަށް ބާރު ދިން ނަމަވެސް، އަލަށް ހުށަހަޅާ ބިލުން އަބުރުގެ ބަދަލު ނެގުމަށް ވަކި މުއައްސަސާއަކަށް ބާރު ނުދޭނެ އެވެ. އޭގެ ބަދަލުގައި އަމިއްލަ ފަރުދުން ޝަރުއީ ކޯޓަށް ގޮސް، އަބުރާ ބެހުމުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދެވިދާނެ ކަމަށް ހުސައިން ވިދާޅުވި އެވެ. އެއީ މިހާރު ވެސް އޮންނަ ގޮތެވެ. އޭގެ އިތުރުން މީހެއްގެ ވާހަކަ ގެނެސްދިން މީޑިއާއެއް ނުވަތަ ނޫސްވެރިއެއްވެސް ޒިންމާވާނެ ގޮތަށް ބިލު ފަރުމާ ނުކުރާނެ ކަމަށްވެސް ހުސައިން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރު ތަސްދީގު ކުރި "އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އަކީ އޭރު މީޑިއާތަކަށް އަމާޒުކޮށް އެކުލަވާލި ބިލެކެވެ. އެ ގާނޫނުގެ ދަށުން އެތަށް މީޑިއާތަކެއް ވަނީ ބޮޑެތި އަދަދުތަކުން އޭރު ޖޫރިމަނާވެސް ކޮށްފަ އެވެ. މިދިޔަ ރިޔާސީ އިންތިހާބު ނިމި، 18 ވަނަ ރައްޔިންތުންގެ މަޖިލީހުގައި ވަނީ އެ ގާނޫނު އުވާލާފަ އެވެ. އެ ގާނޫނު އުވާލުމަށް ހުށަހެޅުއްވީ، އޭރުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު، މަޖިލީހުން ފާސް ކުރި ގޮތަށް އެ ގާނޫނު އުވާލީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ގާނޫނު އުވާލުމަކީވެސް މި ސަރުކާރުގެ ވައުދެކެވެ.

އަބުރުގެ ބިލެއް މި ދައުރުގައި ހުށަހެޅުމަށް ހިމަނާފައިވާއިރު، އަލަށް ހުށަހަޅާ ބިލުތަކުުގެ ތެރޭގައި މީޑިއާ ކައުންސިލާއި ބްރާޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ބިލެއްވެސް ވަނީ ހިމެނާފައެވެ. އެ ބިލުގެ ނަމަކީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލެވެ.

comment ކޮމެންޓް