އަދީބު ގެއަށް ބަދަލުކޮށްފި

ހައިކޯޓުގައި ކުރިއަށްދާ އިސްތިއުނާފް އަޑުއެހުމުގައި އަދީބް:

ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްގަފޫރު ގެއަށް ބަދަލުކޮށްފިއެވެ.

އަދީބު ބަންދުގައި ހުންނަވަމުން ގެންދެވީ މާލޭ ޖަލުގައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ބަލި ހާލަތު ހުރި ގޮތުން، ކޯޓުގެ ހުއްދައާއެކު އަދީބު ގެއަށް ބަދަލުކުރެވިފައިވާ ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ނުދެއްވައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިމިނަލް ކޯޓުން ބާތިލުކުރި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ނިމެންދެން އޭނާ ރިމާންޑު ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކުރީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި، އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީ އާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާ އާއި، މަނީ ލޯންޑަރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އެ ހަތް ދައުވާއަށް ވެސް އަދީބު ވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އިއުތިރާފުވެފައެވެ. އަދި ކުށަށް ތައުބާވެ ރައްޔިތުންގެ ކިބައިން މައާފަށް ވެސް އެދިވަޑައިގެންނެވިއެވެ.

އަދީބާއި ދައުލަތާއެކު ހެދި އެއްބަސްވުމުގެ ދަށުން އޭނާއަށް އަންނާނީ ޖުމްލަ 20 އަހަރު ދުވަހުގެ ޖަލު ހުކުމެވެ. އެ އަދަބު މުރާޖައާކޮށް، އެއަށް ވުރެ ކުޑަ އަދަބެއް ދިނުމަށް އަދީބު ވަނީ އެދިވަޑައިގެންފައެވެ.

އޭނާ ވިދާޅުވީ، މިހާރުވެސް ޖަލުގައި ފަސް އަހަރެއްހާ ދުވަސް ހޭދަވެއްޖެ ކަމަށާއި އޭނާގެ ސިއްހީ ހާލަތުވެސް ވަރަށް ދައްވެފައިވާކަމަށެވެ. އެގޮތުން ދެވެން އޮތް ކުޑަ އަދަބެއް ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮތީ އަވަސް ނިއާއެއް ކަނޑައެޅުމެވެ. ދެން އަންނަ އަޑުހުމެއް ބޭއްވުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޯމަ ދުވަހަށެވެ.

comment ކޮމެންޓް