މާބަނޑު މުސްލިމަކަށް ހަމަލާދިން އޮސްޓްރޭލިއާ މީހާ ތިން އަހަރަށް ޖަަލަށްލާން ހުކުމްކޮށްފި

ރަނާ އަލް އަސްމާރު (މ)

މާބަނޑު މުސްލިމަކަށް ހަމަލާދިން އޮސްޓްރޭލިއާ މީހާ ތިން އަހަރަށް ޖަަލަށް ލާން ހުކުމްކޮށްފި އެވެ.

އޭނާ ޖަލަށް ލާން ހުކުމްކުރީ ދެ އަހަރު ތެރޭ ޕެރޯލްވެސް ނުލިބޭ ގޮތަށެވެ.

ރަނާ އަލް އަސްމާރު ނަމަކަށް ކިޔާ މާބަނޑު މުސްލިމް އަންހެން މީހާއަށް ހަމަލާ ދިނީ އޭނާ ސިޑްނީގެ ކެފޭއެއްގައި އިންދަ އެވެ.

މިދިޔަ އަހަރު ހިނގި އެ ހާދިސާގައި ރަނާއަށް ހަމަލާ ދިނީ ސްޓިޕޭ ލޮޒީނާ އެވެ.

އެގޮތުން ރަނާ ކެފޭގައި އިތުރު މުސްލިމުންތަކަކާ އެކު އިންދައި ސްޓިޕޭއައިސް ކުޑަ ސިކުންތުކޮޅަކު ރަނާއާ ވާހަަކަ ދެއްކުމަށް ފަހު ކުއްލިއަކަށް ސްޓިޕޭ ވަނީ ރަނާގެ ބޮލުގައި އެތަކެއް ފަހަރު ޖަހައިފަ އެވެ. ސްޓިޕޭ ހުއްޓުވީ ރަނާ ކައިރީގައި ކާންތިބި އަންހެނުންނާއި އެތަނުގައި ތިބި އިތުރު ފިރިހެނުންތަކަކާ ގުޅިގެންނެވެ.

އޮސްޓްރޭލިއާގެ ނައިން ނިއުސްއިން ބުނީ ރަނާއަށް ހަމަލާ ދިނުމުގެ ކުރިން ސްޓިޕޭ ރަނާއަށް ނަސްލީ ގޮތުން ދިމާކުރަން ބޭނުންކުރާ ބައެއް ބަސްތައް ބުނި ކަމަށެވެ. ސްޓިޕޭ ބުނީ ރަނާއަށް ހަމަލާ ދިނީ ކޮންމެހެން މުސްލިމުން ދެކެ ރުޅިއަރާތީ ނޫން ކަމަށެވެ.

އެ ހާދިސާގައި ރަނާގެ ދަރިފުޅަށް އެއްވެސް ކަމެއް ނުވެ އެވެ. ނަމަވެސް ރަނާއަށް އަދިވެސް ނަފްސާނީ ގޮތުން އުނދަގޫވާ ކަމަށް އޭނާ ބުނެ އެވެ.

ރަނާ ކޯޓުން ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އެފަދަ އަމަލުތަކަށް އޮސްޓްރޭލިއާގައި ޖާގައެއް ނެތް ކަމަށެވެ.-- ސީއެންއެން--

comment ކޮމެންޓް