ސާކުގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށް ޝާހިދު ގޮވާލައްވައިފި

އދ. ގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށްދިޔަ ހޮރަސިސް އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ ----

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ޝާހިދު އެކަމަށް ގޮވާލައްވާފައިވަނީ، މިހާރު ކުރިއަށްދާ އދ. ގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށްދިޔަ ހޮރަސިސް އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބާރުލުމާ ބެހޭ ޖަމްއިއްޔާ، ސާކް ގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ގޮވާލުމުގެ އިތުރުން ސަރަހައްދީ އެއްބާރުލުމުގެ ފުރިހަމަ ނަތީޖާ ނެރުމަށްޓަކައި ޤައުމުތަކުގެ މެދުގައި ވިޔަފާރިއާއި ދަތުރުފަތުރު އިތުރަށް ފުޅާކުރަން ޖެހޭކަމަށްވެސް ވިދާޅުވެފަ އެވެ.

ހަމައެއާއެކު، އިންޓަރނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީއަށް އެންމެންނަށް ފޯރުކޮށްދިނުމުގެ މުހިއްމުކަން ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން ހާމަވެގެން ހިނގައްޖެ ކަމަށް ވެސް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

"ޕޮޓެންޝަލް ފޮރ ސައުތު އޭޝިއާ"، މި މައުޟޫޢުގެ ދަށުން ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ޤައުމުތަކުގެ މެދުގައި އަދި ޤައުމުތަކުގެ ތެރޭގައި ހަމަހަމަކަން ނެތް ބައެއް ކަންތައްތައް ހާމަވެއްޖެކަމަށެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދަށް ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ކުރިއާލާ ފިޔަވަޅުތަކެއް އެޅިނަމަވެސް، ރާއްޖޭގެ އިޤްތިސާދަށް ކޮވިޑް19ގެ ސަބަބުން މިވަރުގެ ލޮޅުމެއް އައިސްފައިވަނީ ހަމައެކަނި ފަތުރުވެރިކަމަށް ޤައުމުގެ އިޤްތިސާދު ބަރޯސާވެފައި އޮތުމުންކަމަށެވެ. އަދި ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި، އިޤްތިސާދު އަލުން ކޮޅަށް ޖެހުމަށް ދިގުރާސްތާ ޕްލޭންތަކެއް ހެދިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި ޕްލޭންތަކުގެ ތެރޭގައި އިޤްތިސާދު ޑައިވަރސިފައިކޮށް، ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުން ހިމެނެއެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝްފަދަ އަވަށްޓެރި ޤައުމުތަކުން މާލީ އެހީއާއި، ލޯނު އަދި ތަކެތީގެ އެހީ ފޯރުކޯށްދީ، ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި މެދުކެނޑުމެއް ނެތި ލިބޭނެ މަގު ފަހިކޮށްދީފައިވާތީ، އެޤައުމުތަކަށް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގެންފައިވާނީ، ނޭޕާލުގެ ޚާރިޖީ ވަޒީރު ޕްރަދީޕް ކުމާރް ގްޔަވާލީ އާއި، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް ޝަރިއާރް އާލަމް އާއި، އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރޯޑް، ޓްރާންސްޕޯޓް އެންޑް ހައިވޭސް ވީ.ކޭ ސިންހްއެވެ. ބައްދަލުވުން މޮޑަރޭޓްކޮށްދެއްވީ ޗައުދަރީ ގްރޫޕް ގްލޯބަލްގެ ޗެއަރމަން ބިނޯދް ޗައުދަރީއެވެ.

ހޮރަސިސް އަކީ ސްވިޓްޒަލެންޑްގެ ޒިއުރިކްގައި ޤާއިމްކޮށްފައިވާ ބައިނަލްއަޤްވާމީ ތިންކް ޓޭންކެކެވެ. 2005 ވަނަ އަހަރު މި ތިންކް ޓޭންކް ޤާއިމްކުރެއްވީ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ކުރީގެ ޑައިރެކްޓަރ ފްރޭންކް ޖަރގަން ރިކްޓަރއެވެ. އދ. ގެ އާއްމު މަޖިލީހުގެ ހާވާސާގައި ބާއްވާ ގިނަ ބައްދަލުވުންތަކެކޭ އެއްފަދައިން މި ބައްދަލުވުންވެސް ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ.

comment ކޮމެންޓް