ކޮވިޑް19އާ ގުޅިގެން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އިތުރުވެގެން ދިޔަ ނަމަވެސް، ޕެންޑަމިކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އެންމެ އިސް ސަފުގައި ތިބީ އަންހެނުން ކަމަށް، ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އ.ދ ގެ ޖެނެރަލް އެސެމްބްލީގެ 75 ވަނަ ސެޝަންގައި "ފޯތް ވޯލްޑް ކޮންފަރެންސް އޮން ވިމެން" އަށް ފަންސަވީސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި އޮންލައިން ބައްދަލުވުމުގައި މިނިސްޓަރު ވަނީ ވާހަކަދައްކަވައިފައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑް19 އިން އަރައިގަތުމަށް ކުރާ މަސައްކަތުގައި ނޭޝަނަލް އެޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތްތަކުގެ އެންމެ އިސް ރޯލުތަކުން ފެށިގެން ސާމްޕަލް ނެގުމާއި، ޓެސްޓް ހެދުމާއި، ޖާއްސަ ރައްކާތެރި ކަމަށް ބޭނުންވާ މީހުންނަށް ތައްޔާރުކުރި ވަގުތީ ހިޔާތައް ހިންގުމުގައި، ހިތްވަރުގަދަ، ހުނަރުވެރި އަދި ގާބިލު އަންހެނުން ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.
މިނިސްޓަރުގެ ވާހަކައިގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2019-2023ގައި، ބެއިޖިންގ ޑެކްލަރޭޝަނާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލަށް ރިއާޔަތްކޮށް އަންހެނުން ބާރުވެރިކުރުވުމާއި، ގޮތް ނިންމާ މަރުހަލާގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއި، އަންހެނުންނާއި މެދު ކުރެވޭ އެންމެހާއި ތަފާތުކުރުންތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.