އަންނަ އާދިއްތަ ދުވަހުން ފެށިގެން އެމްޓީސީސީގެ ހިއްސާގެ ފައިދާ ބަހާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޓީސީީސީ އިން އެ ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި ހަފްތާގެ އާދިއްތަ ދުވަހު ވަނީ ބާއްވައިފަ އެވެ. އަހަރީ އާންމު ޖަލްސާގައި ނިންމާފައިވަނީ އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު އާމްދަނީއިން ހިއްސާ އަކަށް ދެ ރުފިޔާ ބެހުމަށެވެ. މިދިޔަ 2019 ވަނަ އަހަރު އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 53.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެމްޓީސީސީ އިންް ބުނީ 1981 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ ހިއްސާ ދާރުންގެ ގޮތުގައި ތިބި ފަރާތްތަކުގެ ތެރެއިން ފާއިތުވި އަހަރުތަކުގެ ހިއްސާގެ ފައިދާ ނުނަގާ ތިބި ހިއްސާ ދާރުން، ހިއްސާގެ ފައިދާ ނެގުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ހިއްސާގެ ފައިދާ ނަގަން ބޭނުންވާ ހިއްސާދާރުން އެ ކުންފުނިން ދޫކުރާ "ބޭންކަށް ހިއްސާގެ ފައިދާ ޖަމާކުރުމަށް އެދޭ ފޯމް" ފުރުމަށްފަހު ފޯމާއިއެކު އެފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުމުން އެފަރާތްތަކުގެ ހިއްސާގެ ފައިދާ ބޭންކު އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުމުރުން 18 އަހަރު ނުވާ ހިއްސާދާރެއްނަމަ، ބެލެނިވެރިޔާގެ ނުވަތަ ޝަރުއީ ބަލަދުވެރިޔާގެ ސިޓީ އަދި އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ޖެހެ އެވެ.
ބޭންކް އެކައުންޓަށް ހިއްސާގެ ފައިދާ ޖަމާކުރުމަށް ކުރިން އެދޭ ފަރާތްތަކުގެ ފައިސާ، ފައިދާ ދޫކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ތެރޭގައި ޖަމާކޮށް ދެވޭނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.