އަމީން, ނިޝާމާ އަދި ހެލްތުގެ އެހެން މުވައްޒަފުންގެ ބަޔާން ނަގައިފި

ހެލްތް މިނިސްޓަރު އަމީންއާއި އެ މިނިސްޓްރީގެ އިސްވެރިން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިވަގުތު ސަސްޕެންޝަންގައި ހުރި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިޝަތު ނިޝާމާ އަދި މިނިސްޓްރީގެ އެހެނިހެން ބައެއް މުވައްޒަފުންގެ ބަޔާން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނަގައިފި އެވެ.

އޭސީސީން ބަލަމުން އަންނަނީ ކޮވިޑް19 އިން ރައްކާތެރިވުމަށް ހެލްތް މިނިސްޓްރީން ކުރި ހަރަދުތަކާ ގުޅޭގޮތުން އޮޑިޓް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގެ މައްސަލަ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި އަމީން ބަޔާން ނެގީ މިދިޔަ އާދިއްތަ ދުވަހު އެވެ. އަދި އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާމަން ކަން ކުރައްވާ ނިޝާމާގެ ބަޔާން ނެގީ މިމަހު 20 ވަނަ ދުވަހު އެވެ.

އިތުބާރު ހުރި މަސްދަރަކުން ބުނި ގޮތުގައި، އެ މައްސަލައާ ގުޅިގެން އޭސީސީން ވަނީ ތިން ގަޑިއިރުވަންދެން އަމީންއާ ސުވާލުކޮށްފަ އެވެ.

އޭސީސީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވެފައި ވަނީ އެ ތަހުގީގު އަދިވެސް ކުރިއަށް ދާ ކަމަށާއި މިހާރު ކުރިއަށް ދަނީ ތަހުގީގުގެ އެންމެ ފަހު މަރުހަލާ ކަމަށެވެ.

ކޮވިޑް ޖެހިގެން ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ބަލަން ފެށީ މިދިޔަ މެއި މަހުން ފެށިގެންނެވެ.

އެ މައްސަލަ ބަލައި ނުނިމެނީސް، އޮޑިޓް އޮފީހުން ތައްޔާރުކުރި އޮޑިޓުން ވެންޓިލޭޓަރުތަކާ ގުޅޭ ގިނަ ކޮރަޕްޝަންގެ މައްސަލަތައް ފެންމަތި ކުރި އެވެ. އެއާއެކު އޮޑިޓުން ފެންމަތި ކުރުވި މައްސަލަތައް ބެލުމަށް ރައީސް އޮފީހުން މިދިޔަ މަހުގެ 17 ވަނަ ދުވަހު ހަވާލުކުރީ ފުލުހުންނާއި އޭސީސީން ގުޅިގެން އެ ތަހުގީގު ހިންގުމަށެވެ.

ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމަށްޓަކައި ހެލްތު މިނިސްޓްރީން ތިން ކުންފުންޏަކާ ހަވާލުކުރި އެވެ. އެއީ މެޑްޓެކް، ނާޑު އަދި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އެވެ. އެގޮތުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގްއަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައަކަށް ކަމަށް މީގެ ކުރިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއޯއީސީ)ގެ އޮފިޝަލުން ވިދާޅުވި ނަމަވެސް، އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ރިކޮމެންޑުކުރި ކުންފުންޏެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެކުންފުނި މެދުވެރިކޮށް ލިބުނު ވެންޓިލޭޓަރު ތަކަކީ ގަތުމަށް ހުށަހެޅި ބްރޭންޑްގެ ވެންޓިލޭޓަރުތަކެއް ނޫންކަމާއި އަދި އެ ކުންފުންޏާ ގަތުމަށް ހަވާލުކޮށްފައިވަނީ އެހެން ކުންފުނިތަކަށް ވުރެ ބޮޑު އަގެއްގައިކަން އޮޓިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އަމީންއާއި ނިޝާ ވިދާޅުވީ، ކޮވިޑާ ގުޅިގެން މިނިސްޓްރީން ކުރި ހަރަދުތަކުގައި ކޮރަޕްޝަން ހިންގާފައި ނުވާނެ ކަމަށާއި ހުރިހާ ކަމެއްވެސް ކޮށްފައިވަނީ ހެޔޮ ނިޔަތުގައި ކަމަށެވެ.

އަމީން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުވުމުން މިހާރު ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގަމުން އަންނަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.

comment ކޮމެންޓް