ލޮނުޒިޔާތް ޕާކް މައްސަލާގައި ޝިފާއަށް ދައުވާ ކުރަން ފޮނުވައިފި

މާލޭ ސިޜމާލޭގެ މޭޔަރު ޝިފާ މުހައްމަދު --- ސަން ފައިލް ފޮޓޯ

ބްރިޖުކައިރީ ހަދާފައިވާ އަޑިޕާކުގެ މައްސަލާގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް ފޮނުވައިފި އެވެ.

ބްރިޖް ކައިރީ އޮންނަ އަޑިޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްގީކޮށްފައިވާ ޕާކު ހެދުމުގައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް ކަންކަން ކޮށްފައިވާ މައްސަލައިގެ ތަހުގީގު އޭސީސީން ނިންމައި، އެ މައްސަލައިގައި ދައުވާކުރުމަށްޓަކައި ޕީޖީއަށް ފޮނުވީ މިއަދެވެ.

އޭސީސީން އެދުނީ ގާނޫނުލްއުގޫބާތު ގެ 513 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ޝިފާގެ މައްޗަށް އުފުލުމަށެވެ. މިއީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށަކަށް ވާތީ އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަހާ ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އޭސީސީން ބުނީ، ޕާކު ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫއޫގައި ހިމެނޭ ޕާކުގައި އިމާރާތްތަކެއް ހެދުމުގެ މަސައްކަތުގެ ތެރެއިން ދެ ފާހާނާބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ، ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށް ފެންނަ އުސޫލަކުން ނޫންކަން އެ ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން، އެންމެ ފުރަތަމަ ވެސް ސިޓީ ކައުންސިލުން މަސައްކަތް ކޮށްފައި ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ 10.25 ވަނަ މާއްދާގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން އަމީން ކޮންސްޓްރަކްޝަނުން އެކަނި ކޯޓޭޝަން ހޯދައިގެން ފިނޭންސުގެ ހުއްދައާ އެކު އެ ކުންފުންޏާ މަސައްކަތް ހަވާލުކުރުމަށް ކަމަށެވެ. އެހެން ނަމަވެސް، އެ ހުއްދަ ނުދީ ފިނޭންސުން އެންގީ ކައުންސިލް އިދާރާގެ ބިޑް ކޮމިޓީގެ ލަފާގެ މަތިން އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އޭސީސީއިން ބުނި ގޮތުގައި ފިނޭންސުގެ އިރުޝާދާ އެއްގޮތަށް ތިން ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅި ނަމަވެސް، އެ ކޮމިޓީއަށާއި ކައުންސިލްގެ އެހެން މެމްބަރުންނަށް ވެސް އެންގުމަކާ ނުލައި އެ މަސައްކަތް އަމިން ކޮންސްޓަރަކްޝަނާ ހަވާލުކޮށްގެން ކުރުވާފައިވާކަން ކޮމިޝަންގެ ތަހުގީގުން އެނގޭ ކަމަށެވެ.

އޭސީސީއިން ބުނީ އެ މައްސަލައިގައި ޝިފާގެ މައްޗަށް ދައުވާ އުފުލަން ޖެހެނީ، ބިޑް ކޮމިޓީން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވަނީސް، އަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރު ސިފާއަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔާ ޝިފާއަށް ކަން ތަހުގީގަށް ސާބިތުވާތީ ކަމަށެވެ. އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެމެ، ޝިފާ އެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމިޝަންގެ ތަހުގީގުން ފާހަގަވިމުހިންމު ކަންކަން:

  • މަސައްކަތް ހަވާލުކޮށްފައިވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށްވާތީ މަސައްކަތުގެ ތަފްސީލް އެނގެން ނެތްކަން.
  • މަސައްކަތް ފެށިކަމަށް ބުނާ ތާރީހުގެ ފަހުން ވެސް މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި މޭޔަރު ޝިފާ ބިޑް ކޮމިޓީއަށް އޮކްޓޫބަރު، 21 2019 ގައި މެމޯ ފޮނުވާފައިވާކަން. އެ މެމޯ ފޮނުވިއިރުވެސް އަމަލީ ގޮތުން އެ މަސައްކަތް ފަށާފައިވާކަން.
  • ދެ ފާހާނަ ބަރީގެ މަސައްކަތް ކޮށްދޭ ފަރާތަކަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ލަންކާގެ ކުންފުންޏެއްގެ ހިލޭ އެހީގެ ދަށުން ކަމަށްވެފައި، އެކުންފުނިން ވަކި ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމަށް އެދިފައި ނުވާކަން.
  • ލަންކާ ކުންފުނިން ހިލޭ އެހީ ހުށަހެޅިކަން ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތްވާ ގޮތަށް ފިނޭންސް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއި، ބިޑް ކޮމިޓީގެ މެމްބަރުންނާއި، ކައުންސިލްގެ އިދާރާގެ ފައިނޭންސް ސެކްޝަނާ ޝިފާ ހިއްސާކޮށްފައި ނުވާކަން.
  • ލަންކާ ކުންފުނިން ހިލޭ އެހީ ހުށަހެޅިކަން ކައުންސިލްގެ އިދާރާއިން ފިނޭންސް މިނިސްޓްރީއާ ހިއްސާކުރީ މަސައްކަތް ނިމި ކައުންސިލްގެ އިދާރާއާ ތަން ހަވާލުކުރި ފަހުންކަން.

ޝިފާ މައްޗަށް ދައުވާ ކުރަން ފޮނުވިއިރު، ކައުންސިލް ތެރެއިން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނަގައި މަގާމުން ވަކިކުރަން މީގެ ކުރިން މަސައްކަތް ކުރި އެވެ. އޭނާއާ ދެކޮޅަށް 39 މައްސަލައެއް އެޖެންޑާކޮށް މައްސަލަތައް އަޑުއިއްވައި އެެކަމާ ބެހޭ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި އަށް މެމްބަރަކު އެއާ އެއްކޮޅަށް ވޯޓު ދެއްވި އެވެ. އަދި އެ ވޯޓުގެ ކުރިން ޝިފާއަށް ޖަވާބުދާރީވުމަށް 10 ދުވަސް ވެސް ދިނެވެ.

އެހެން ނަމަވެސް ޝިފާއާ ދެކޮޅަށް ވޯޓު ނަގަން އޮތް ދުވަހު، އެލްޖީއޭއިން ވަނީ އެކަން ހުއްޓުވާފަ އެވެ.

comment ކޮމެންޓް