ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަނީ ޕްރެޝަރެއް އޮވެގެނެއް ނޫން: ޝަރީފް

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހުތަކާއި ގުޅޭ ގޮތުން ބާއްވާ ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ޝަރީފް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަނީ އެއްވެސް ފަރާތެއްގެ ޕްރެޝަރު އޮވެގެނެއް ނޫން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް އެހެން ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް އީސީ އިން އިސްނަގައިގެން ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

"ތިބޭފުޅުންނަށް ޔަގީންކަން އަރުވަން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މި އިސްލާހު ގެނެވެނީ އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނުވަތަ އެއްވެސް ފަރާތެއްގެ ސްޕޮންސާރޝިޕެއް ނުވަތަ އެއްވެސް ފަރާތަކުން އަޅުގަނޑުމެނަށް އަންގައިގެނެއް ނޫން،" ބާ ޖަމާލުއްދީނުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވި އެވެ.

އެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މިދިޔަ އަހަރުގެ މަޖިލިސް އިންތިހާބުގެ ކުރިން ފަށާފައިވާނެ ކަން ޝަރީފް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ޕާޓީތަކުން ގެންނަން ބޭނުންވާ އިސްލާހުތައް ލިއުމުން ހުށަހެޅުމަށް މީގެ ކުރިން ވެސް އެދިފައިވާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް އީސީ އިން ޑްރާފްޓްކުރި އިރު އޭގައި ހިމަނާފައިވާނީ އެ ކޮމިޝަނަށް ގެންނަން ފެންނަ އިސްލާހުތައްކަން ޝަަރީފް ފާހަގަ ކުރެއްވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހުތަކާއި ގުޅޭ ގޮތުން، ޕާޓީތަކާއި އެކު އީސާ އިން ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

އެ ގާނޫނު ތަންފީޒު ކުރާ ފަރާތަކީ ސިޔާސީ ޕާޓީތައްކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ، ޕާޓީތަކުގެ ނަޒަރިއްޔާއިން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަތުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ސިޔާސީ ޕާޓީތަކާއި ގުޅޭ ގޮތުން އެންމެ ގިނައިން ލިބޭ ޝަކުވާ އަކީ މީހުނަށް ނޭންގި އެ މީހުން ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައި ހުރުން ކަން ޝަރީފް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، މިހާރު ޑްރާފްޓް ކޮށްފައިވާ އިސްލާހު ބުނާ ގޮތުން ދެން އެކަން ކަށަވަރު ކުރަން ޖެހޭނީ ސިޔާސީ ޕާޓީތަކުން ކަމަށެވެ.

"އަޅުގަނޑުމެން މި ފަހަރު ސިޔާސީ ޕާޓީތަކުގެ ލީޑާރޝިޕް ލެވަލްގައި އަންހެނުންގެ ރެޕްރެޒެންޓޭޝަން އިތުރު ކުރުމަށް އަޅުގަނޑުމެން މި ގާނޫނުގައި އިސްލާހެއް ހުށަހަޅާފައިވާނެ. ދެން ޕާޓީތަކުން މިކަމުގައި ދެކިވަޑައިގަންނަވާ ގޮތެއް ކަންނޭނގެ މުހިންމު ވާނީ،" ޝަރީފް ވިދާޅުވި އެވެ.

އެކަންތައް ވެސް ތަންފީޒު ކުރާނީ ސިޔާސީ ޕާޓީތަކުން ކަން ޝަރީފް ފާހަގަކުރެއްވި އެވެ.

މީގެ ކުރިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަމުން އައީ ޕާޓީތަކުގެ ދަފްތަރުގައި ހުރި މެންބަރުންގެ އަދަދުން ކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ، ހަމަ އެކަނި މެންބަރުންގެ އަދަދުން ސިޔާސީ ޕާޓީގެ ސަޕޯޓް ނޭނގޭ ކަމަށެވެ. އަދި އަލަށް އެކުލަވާލި ޑްރާފްޓްގައި އެކަމަށް އިސްލާހުތަކެއް ހުށަހަޅާފައިވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ޕާޓީތައް ދަރަންޏަށް ޒިންމާކުރުމުގައި ކުރެވިފައިވަނީ ހިތި ތަޖުރިބާއެއް ކަމަށް ޝަރީފް ވިދާޅުވި އެވެ. އެއީ ގާނޫނުން އެކަމަށް ޝިފާ ލިބެން ނެތުމުން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އަދި އަލަށް އެކުލަވާލި ޑްރާފްޓްގައި އެކަމަށް ފަރުވާއެއް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

comment ކޮމެންޓް