ބާޓޮމެއު ވަކިކުރަން ހެދި ޕެޓިޝަނުގެ ސައްހަކަން ބަލަނީ

ބާސެލޯނާ ފުޓްބޯޅަ ކްލަބުގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއު -- ފޮޓޯ: ގެޓީ

ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއު އެ މަގާމުން ވަކިކުރުމަށް އެދި 20،731 ކްލަބް މެމްބަރުންގެ ސޮއިއާ އެކު ހުށައެޅި ޕެޓިޝަނުގެ ސައްހަކަން ބެލުމުގެ މަސައްކަތް އެކުލަބުން ފަށައިފި އެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެކުލަބު ދޫކޮށްލަން ބޭނުންވާކަން އިއުލާން ކުރުމާ ގުޅިގެން އެކުލަބުގެ މެމްބަރުންތަކެއް ވަނީ ބާސެލޯނާގެ ރައީސްއާ ދެކޮޅަށް ތެދުވެފަ އެވެ. އަދި ކުލަބުގެ މެނޭޖްމެންޓްގެ ދޯހަޅި ވާހަކަ މެސީ އޭނާގެ ޓްރާންސްފާ ބަންދުވުމާ ގުޅިގެން މީސްމީޑިއާއާ ހާމަކުރި ހިސާބުން އެކުލަބުގެ ގިނަ މެމްބަރުންތަކެއް ވަނީ ރައީސް ވަކިކުރަން ވަގުތުން ވަގުތަށް މަސައްކަތް ފަށައިފަ އެވެ.

ބާސެލޯނާގެ ހިންގާ ގަވާއިދުގައި ބުނާ ގޮތުން އިތުބާރު ނެތް ކަމުގެ މައްސަލަ ރަސްމީކޮށް ހުށަހެޅުމަށް ފަހު 14 ދުވަހުގެ ތެރޭގައި ބާސާގެ މެންބަރުންގެ ތެރެއިން 15 ޕަސަންޓް މެންބަރުންގެ ސޮއި ހޯދަން ޖެހޭނެ އެވެ. އެއީ ގާތްގަނޑަކަށް 17000 މެންބަރުންނެވެ.

ކަނޑައެޅިފައިވާ މުއްދަތުގައި އެ އަދަދަށް ސޮއި ހޯދިއްޖެ ނަމަ، ހުރިހާ މެންބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކަށް ހުޅުވާލެވޭނެ އެވެ. ބާސާގެ 154،000 މެންބަރުންގެ ތެރެއިން ތިންބައި ކުޅަ ދެބައި މެންބަރުން، އިތުބާރު ނެތް ކަމަށް ވޯޓް ދީފި ނަމަ ދެ ވަނަ މަރުހަލާއަކީ އާ އިންތިހާބެއް ބޭއްވުމެވެ.

ބާސެލޯނާގެ މެމްބަރުންގެ ތެރެއިން 20،000 އަށް ވުރެން ގިނަ މެމްބަރުންގެ ސޮއިއާ އެކު މިހާރު އެކުލަބުގެ ރައީސް ބާޓޮމެއު ވަކިކުރަން ޕެޓިޝަން ހުށައަޅާފައިވާ އިރު މިހާރު ވަނީ ޕެޓިޝަނުގެ ސައްހަކަން ބެލުމުގެ މަރުހަލާ ފަށައިފަ އެވެ. އެގޮތުން އެކަމަށް ހާއްސަ ޕެނަލެއް އެކުލަވާލައިފައިވާ އިރު ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ޕެޓިޝަނުގައި ހުރި މެމްބަރުންގެ ސައްހަކަމާއި، ބޭނުންޗާ ހުރިހާ ލިޔެކިއުންތައް ހަމަތޯ ބެލުމުގެ މަރުހަލާ މިހާރު ވަނީ ފަށައިފަ އެވެ.

މި ޕެނަލުގައި ކެޓަލަން ފުޓުބޯޅަ ފެޑެރޭޝަންގެ ޑެލިގޭޓް ޖޯސެޕް މާރިއާ ވަލްބޯނާއާއި، ބާސެލޯނާގެ ބޯޑު ދެ މެމްބަރެއްގެ އިތުރުން ޕެޓިޝަން ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ދެ ބައިވެރިޔަކު ވަނީ ހިމަނައިފަ އެވެ.

comment ކޮމެންޓް