ސްޕޯޓްސް ކޯޕަރޭޝަންގެ ސަބަބުން ދައުލަތަށް ވަނީ ގެއްލުން: މަހްލޫފް

ޖެނުއަރީ 28، 2020: މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިސްނަގައިގެން ސްޓެލްކޯ ހޯލްގައި ކުރިއަށް ދިޔަ މާކެޓިންގް އާއި ސްޕޮންސާޝިޕްގެ ހާއްސަ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަންގެ ސަބަބުން ދައުލަތަށް އެއްވެސް ފައިދާއެއް ނުވާ ކަމަށާއި، އެ ކުންފުނި އޮވެގެން ލިބެމުންދަނީ ގެއްލުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްގީކޮށް، އެދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުން މަތިކޮށްފައިވާ ސްޕޯޓްސް ކޯޕަރޭޝަން ވުޖޫދަށް އައިސްފައި ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ.

އެކަމަކު ކުންފުނިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމުގެ ޝަކުވާ އެކި ފަރާތްތަކުން ކުރަމުންދާތާ ދުވަސްތަކެއްވެ އެ ކުންފުނީގެ ބޭނުމާ މެދު ސުވާލު އުފެދިފައި އޮތުމުން ކުޅިވަރާ ބެހޭ ވަޒީރު މަހްލޫފް ވަނީ މި އަހަރުގެ ޖުލައި މަހު އެ މައްސަލަ އޮޅުން ފިލުވުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީއަށް ހާޒިރު ކޮށްފަ އެވެ. މަހްލޫފް އެ ކޮމިޓީގައި ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ކެބިނެޓްގެ މަޝްވަރާ ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް އެކަމަށް ގޮތެއް ނިންމަވާނީ ރައީސް ކަމަށާއި އެ ކޯޕަރޭޝަންގެ އެއްވެސް ބޭފުޅަކާ ޒާތީކަމެއް ނެތް ކަމަށް މަހްލޫފް ވަނީ އޭރު ވިދާޅުވެފަ އެވެ. އަދި މިނިސްޓްރީއާ އެކު އެފަދަ ނުތަނަވަސް ކަމެއްގައި އޮއްވައި، މިދިޔަ މަހުގެ 15 ވަނަ ދުވަހު ވަނީ ސްޕޯޓްސް ކޯޕަރޭޝަންގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފަ އެވެ.

އެ ޖަލްސާގައި 2019 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް ހުށަހަޅައި ފާސްކުރުމުގެ އިތުރުން 2019 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ މާލީ ހިސާބުތައް ހުށަހަޅައި ވަނީ ފާސްކޮށްފަ އެވެ. އަދި ޙިއްޞާދާރުންނަށް ބަހާނެ ފައިދާއާ ގުޅޭ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމައި 2020 ވަނަ އަހަރަށް ކޯޕަރޭޝަންގެ އޮޑިޓަރުން އައްޔަންކޮށްފައިވެ އެވެ. މިގޮތުން 2020 ވަނަ އަހަރު އޮޑިޓަރަކަށް އައްޔަން ކޮށްފައި ވަނީ އޮޑިޓަރު ޖެނެރަލްގެ އޮފީހެވެ.

"މިނިސްޓްރީން މީގެ އެއް އަހަރާއި ހަ މަސްކުރިން ހަވާލު ކުރީ 68 އައުޓްޑޯ ޖިމުގެ ސާމާނު ގެނައުމަށް. އަދިވެސް އަޅުގަނޑުމެންނަށް ތަކެތި ނުލިބޭ. ދެބައިކޮށްފައި އެއްބައި ލިބުނީ، އެހެންވީމަ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވާނެ ސްޕޯޓްސް ކޯޕަރޭޝަނަށް އެއްވެސް ޕްރޮޖެކްޓެއް ވެސް ހަލާވުކުރަން،" މަހްލޫފް ރޭ ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ، އެ ކޯޕަރޭޝަން ކޮޅަށް ޖެހުމަށް އެއްވެސް ފަރާތަކުން މީގެ ކުރިން އެހީތެރިމެއް ދީފައި ނުވާ ކަމަށާއި އެހެން ކަމުން އެ ކޯޕަރޭޝަން އޮތީ ވަރަށް ކުޑަކޮށް ކަމަށެވެ. އަދި ކޯޕަރޭޝަންގެ ސަބަބުން ދައުލަތަށް ބޮޑުތި ގެއްލުންތަކެއް ވަމުން އަންނަ ކަމަށާއި އެކަމަށް ރައީސް އޮފީހުން ވަރަށް އަވަހަށް ގޮތެއް ނިންމުމުގެ ގޮތުން ބައްދަލުވުމެއް ރާވަމުން ގެންދަވާ ކަމަށެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ކުޅިވަރުގެ އޮނިގަނޑު ކުރިއެރުވުމާއި ކޯޕަރޭޝަނަށް ނަގުލުކުރެވޭ މުދަލާއި އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކުޅިވަރު ޗެނަލް ތަރައްގީ ކުރުމެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް ނިކުންނަން އެދޭ ޒުވާނުންނަށް އެކަން ފަހިކޮށްދީ ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލްކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރައި ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަަށް ރާއްޖެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކޯޗު އަދި ކުރީގެ މަޝްހޫރު ގޯލް ކީޕަރު މައުރޫފް އަހްމަދު (މާއްޓޭ) އައްޔަން ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

"މާއްޓޭއާއި ހުސައިން [ރާއްޖޭގެ ބީޗްވޮލީބޯޅަ ރެފްރީ، ސްޕޯޓްސް ކޯޕަރޭޝަންގެ ނައިބު ހުސެއިން މުހައްމަދު] އާއި ދެބޭފުޅުންނަކީ ތައުލީމީ ގާބިލު ދެބޭފުޅުން. ސްޕޯޓްސް ކޯޕަރޭޝަން ނޫނަސް ގައުމަށް އެހެން ގޮތް ގޮތުން މި ބޭފުޅުންނަށް ހިދުމަތް ކުރެވިދާނެ ބޭބޭފުޅުން މިއީ." މަހްލޫފް ވިދާޅުވި އެވެ.

comment ކޮމެންޓް