އުރުދުންގެ ރަސްގެފާނު އެގައުމުގެ ޕާލަމަންޓް އުވާލައިފި

އުރުދުންގެ ރަސްގެފާނު އަބްދުﷲ--

އުުރުދުންގެ ރަސްގެފާނު އަބްދުﷲ 2 ބިން އަލް ހުސެއިން އެގައުމުގެ ޕާލަމަންޓް އުވާލައްވައިފިއެވެ.

ޕާލަމަންޓް އުވާލައްވަން ރަސްގެފާނު އަމުރުކުރެއްވީ އިއްޔެއެވެ. ޕާލަމަންޓްގައި 130 މެމްބަރުން ތިއްބަވާއިރު ގިނަ ބޭފުޅުންނަކީ ސަރުކާރަށް ތާއިދުކުރާ ޓްރައިބަލް އޮފިޝަލުންނެވެ. އޭގެ އިތުރުން ކުރީގެ ސެކިއުރިޓީ އޮފިޝަލުންނައި ވިޔަފާރިވެރިންނެވެ.

ޕާލަމަންޓް އުވާލިއިރު އުރުދުންގެ އިލެކްޓޯރަލް ކޮމިޝަނުން ވަނީ އަންނަ ނޮބެމްބަރުމަހު އިންތިހާބް ބާއްވަން ތާވަލްކޮށްފައެވެ.

ޕާލަމަންޓް އުވާލިއިރު ސަރުކާރުގެ މަގާމުތަަކަށް އިތުރަށް ބަދަލު ގެނައުމުގެ ފުރުސަތު ބޮޑުކަމަށްވެސް ސިޔާސީ ފަރާތްތަކުން ބުނެއެވެ.

ސަރުކާރުގެ ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާއިރު ކޮރޮނާއާ ގުޅިގެން އުރުުދުންގެ އިގްތިސާދަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

މީގެ ކުރިން 2018 ވަނަ އަހަރު އުރުދުންގެ ދަރަނި ކުޑަކުރުމުގެ ގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ލަފަޔާ އެއްގޮތަށް ޓެކްސްތައް އިތުރުކުރުމުންވެސް އެގައުމުގައި ބޮޑެތި މުޒާހަރާތަކެއް ކުރިއަށް ގެންދިޔައެވެ.

އެ މުޒާހަރާތައް މައިތިރިކުރުމުގެ ގޮތުން އަބްދުﷲ ރަސްގެފާނު ވަނީ އުމަރު އަލް ރައްޒާގް ބޮޑުވަޒީރަކަށްވެސް އައްޔަނު ކުރައްވައިފައެވެ.

އުރުދުންގެ ޕާލަމަންޓަށް ބާރުތަކެއް ދީފައި އޮންނަ ނަމަވެސް އެތަނަކީ ނަމެއް އޮންނަ "ރަބަރު ސްޓޭމްޕް" ތަނެއްކަަމަށް ސިޔާސީ ފަރާތްތަކުން ސިފަކުރެއެވެ.

އުރުދުންގައި އިދިކޮޅު ފަރާތެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ މުސްލިމް ބަރަދަހުޑްއާ ގުޅުން އޮންނަ ފަރާތްތަކެކެވެ. ނަމަވެސް އެ ފަރާތްތަކުން ސިޔާސީގޮތުން ހަރަކާތްތެރިވުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެއެވެ.

---އަލްޖަޒީރާ

ގުޅޭ ޓެގު
comment ކޮމެންޓް