އިސްރާއީލުގައި ހުންނަވާ އުރުދުންގެ ސަފީރު އަނބުރާ ގައުމަށް ގެންދަނީ

އުރުދުންއާއި އިސްރާއީލުން ގުޅޭ ސަރަހައްދީ އިން ކައިރީގައި އޮންނަ ބްރިޖެއްގައި ދެ ގައުމުގެ ދިދަ ނަގާފައި ފޮޓޯ/ޓައިމްސް އޮފް އިސްރާއީލް

ޔަހޫދީ އިސްރާއީލަށް އުރުދުނުން ކަނޑައަޅާފައި ހުންނަވާ ސަފީރު އަނބުރާ ގައުމަށް ގެންދަން ނިންމަވާފައިވާކަން އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ޞަފާދީ ހާމަ ކުރައްވައިފިއެވެ.

މި ގޮތަށް އަމަލު ކުރަން އުރުދުންގެ ސަރުކާރުން ނިންމާފައި މި ވަނީ، އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމު ހުއްޓައިނުލުމުން، އެ ކަމާ މެދު ނުރުހުން ފާޅު ކުރުމުގެ ގޮތުންނެވެ.

އަދި، މިހާރުން އުރުދުންއިން ފުރައިގެން ގޮސްފައިވާ، އިސްރާޢީލުގެ ސަފީރު ވެސް މި ދަނޑިވަޅުގައި އެބުރި އުރުދުންއަށް ނައުމަށް ސަފާދީ އަންގަވާފައިވާ ކަމަށް ފަލަސްތީނުގެ ވަފާ ނޫހުން ރިޕޯޓުކުރެއެވެ. އަދި، ސަފީރަށް ވެސް އެނބުރި އުރުދުނަށް އައުމުގެ ހުއްދަ ދޭނީ، ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ނިމުމަކަށް ގެނައުމުން ކަމުގައި ވެސް ސަފާދީ ވިދާޅުވިއެވެ.

ހަނގުރާމަ ހުއްޓައިނުލާހާ ހިނދަކު ފަލަސްތީނާ އެކު ދެމި އޮންނާނެ ކަމަށް ވެސް ސަފާދީ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުގައި ހުންނަވާ އުރުދުންގެ ސަފީރު އަނބުރާ ގައުމަށް ގެންދަން ނިންމާފައިވާއިރު، އިސްރާއީލާ އެކު އޮތް ޚާރިޖީ ގުޅުން ކަނޑާލާފައިވާކަން ދެކުނު އެމެރިކާގެ ބޮލީވިޔާއިން ވަނީ އިއުލާނުކޮށްފައެވެ. ބޮލީވިޔާއަކީ، ޣައްޒާގައި ޔަހޫދީން މިހާރު ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އިސްރާއީލާ އެކު އޮތް ޚާރިޖީ ގުޅުންތައް ނިމުމަކަށް ގެނައި ފުރަތަމަ ގައުމެވެ.

comment ކޮމެންޓް