ހަނގުރާމަ ހުއްޓާލުމުން ފައިދާ ކުރާނީ ހަމާސްއަށް: ބްލިންކެން

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން. ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ބްލިންކެން ވަނީ އިސްރާއީލާއެކު މަޝްވަރާކޮށްފަ. ފޮޓޯ/އަލް އަހްރަމް އޮންލައިން

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި، ޣައްޒާގައި ތިބި ފަލަސްތީނުގެ އާންމުން ހިމާޔަތް ކުރުމަށް މިހާރަށްވުރެ އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންޓޮނީ ބްލިންކެން އާއި މިސްރާއި ޖޯޑަންގެ ހާރިޖީ ވަޒީރުން އެއްބަސްވެވަޑައިގެންފިއެވެ.

ވަޒީރުން މިކަމަށް އެއްބަސްވެވަޑައިގެންފައި ވަނީ އުރުދުންގެ ވެރި ރަށް އައްމާންގައި އެ ބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އަލް އަހްރަމް އޮންލައިނުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް އުރުދުންނާއި މިސްރުގެ ވަޒީރުން ގޮވާލެއްވި ނަމަވެސް ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމުގެ ބަދަލުގައި ބްލިންކެން ގޮވާލައްވާފައިވަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަގުތު ދިނުމަށެވެ.

"އަހަރުމެން ގަބޫލުކުރާ ގޮތުގައި ހަނގުރާމަ ހުއްޓާލައިފިނަމަ، އޭގެ ފައިދާ ވާނީ ހަމާސްއަށް. ހަމާސްއިން އަނެއްކާވެސް އޮކްޓޫބަރު ހަތެއްގައި އިސްރާއީލަށް ދިން ފަދަ ހަމަލާއެއް ތަކުރާރުކޮށްފާނެ." ބްލިންކެން ވިދާޅުވިއެވެ.

ބްލިންކެން އިޝާރާތް ކުރެއްވީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތް ހަމާސްއިން އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ކުއްލި ހަމަލާއަށެވެ.

އަދި އިސްރާއީލުން ހަމަލާދެނީ އަމިއްލަ ދިފާއުގައި ކަމަށާއި، މި ވަގުތު އެންމެ މުހިންމީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަނގުރާމައިގެ ވަގުތު ދިނުން ކަމަށްވެސް ބްލިންކެން ވިދާޅުވިއެވެ. އިންސާނީ އެހީ ފޮރުކޮށްދިނުމުގެ މައްސަލައާ ގުޅިގެން އިސްރާއީލާ މަޝްވަރާ ކުރައްވާފައިވާ ކަމަށް ބްލިންކެން ވިދާޅުވިއެވެ.

ޣައްޒާއިން ޒަހަމްވެފައިވާ މީހުންނަށް މިސްރުން ދޭ އެހީތެރިކަން ފާހަގަކުރައްވައި ބްލިންކެން ވަނީ މިސްރަށް ޝުކުރު އަދާކުރައްވާފައެވެ.

އިސްރާއީލާއި ފަލަސްތީނު މައްސަލައިގައި ވަކި ބަޔަކަށް ވަކި ގޮތެއް ނުގެން ގުޅުމަށް މިސްރުގެ ހާރިޖީ ވަޒީރު ސަމީހް ޝުކުރީ ވަނީ މި ބައްދަލުވުމުގައި ގޮވާލާފައެވެ.

ފަލަސްތީނުގެ މައްސަލައަކަށް ވުމުން ބައިނަލް އަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފްވެ، އާންމު ރައްޔިތުންނަށް ހަމަލާދޭއިރުވެސް ހަނގުރާމަ ކުށްވެރިކުރުމަށް ބައެއް ގައުމުތަކުން ޖެހިލުންވާ ކަމަށް ޝުކުރީ ވިދާޅުވިއެވެ.

އުރުދުން އިން ވަނީ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލައި ފަލަސްތީނުގެ އާންމުންނަށް ދެމުންގެންދާ ރަހުމު ކުޑަ އަމަލުތައް ނިމުމަކަށް ގެނައުމަށް ގޮވާ ގޮވާލުން ތަކުރާރު ކޮށްފައެވެ. އަދި މިއީ ދީނީ ހަނގުރާމައެއް ނޫން ކަމަށްވެސް އެ ގައުމުގެ ހާރިޖީ ވަޒީރު އައިމަން ސަފާދީ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް