އަރުމީނިއާއާއި އަޒަރުބައިޖާނުގެ އަސްކަރީ ކުރިމަތިލުންތަކުގައި އެތައް ބަޔަކު މަރުވެއްޖެ

އާމީނިޔާގެ ރައީސް އާމެން ސާކިސިޔާން އާއި އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް

ނަގޯރްނޯ ކަރަބާޚް (ސެޕްޓެމްބަރު 28): މެދުތެރޭ އޭޝިއާގެ ދެގައުމު ކަމަށްވާ އަރުމީނިއާއާއި އަޒަރުބައިޖާނާ ދެމެދު އިއްޔެ އިން ފެށިގެން ކުރިޔަށްދާ އަސްކަރީ ކުރިމަތިލުންތަކުގައި ދެގައުމުގެ އެތައް ބަޔަކު މަރުވެއްޖެ އެވެ.

މި ކުރިމަތިލުންތައް ހިނގަމުންދަނީ ދެ ގައުމުގެ ދެމެދުގައި ސަރަހައްދީ ރޮނގުގެ އަރާރުން ޒަމާނުއްސުރެ އުފެދިފައިވާ ސަރަހައްދެއް ކަމަށްވާ ނަގޯރްނޯ ކަރަބާޚް ގަ އެވެ. އެސަރަހައްދު އޮންނަނީ އަޒަރުބައިޖާނު ބައެއްގެ ގޮތުގަ އެވެ. ނަމަވެސް ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ބޮޑު އަގުލަބިއްޔަތަކީ އަރުމީނިއާ ދަރިކޮޅު މީހުންނެވެ. އެހެންކަމުން އެއީ އަރުމީނިއާގެ ސަރަހައްދެއް ކަމަށް އެގައުމުން ދައުވާކުރެ އެވެ.

ނަގޯރްނޯ ކަރަބާޚްގައި ދިރިއުޅޭ ބައިގިނަ އަރުމީނިއާ ދަރިކޮޅުގެ މީހުންވަނީ އެ ސަރަހައްދުގައި އަމިއްލަ މިނިވަންކަން އިއުލާނުކޮށް އަމިއްލަ ދައުލަތެއް ވެސް މީގެ އަހަރުތަކެއް ކުރިން އިއުލާނުކޮށްފަ އެވެ. އަޒަރުބައިޖާން ދެކެނީ މިއީ އަރުމީނިއާގެ އެހީތެރިކަމާ އެކު ކޮށްފައިވާ ބަޣާވާތެއްކަމުގަ އެވެ. ދުނިޔޭގެ އެއްވެސް ގައުމަކުން ނަގޯރްނޯ ކަރަބާޚް ގައި އިއުލާނުކޮށްފައިވާ ބާޣީ ދައުލަތަށް އިއުތިރާފު ނުވި ނަމަވެސް އަރުމީނިއާގެ ސަރުކާރުން ވަނީ ވަކިވެގަނެގެން އުޅޭ އެދައުލަތަށް އިއުތިރާފުވެފަ އެވެ.

އިއްޔެ އަރުމީނިއާއާއި އަޒަރުބައިޖާންގެ ސިފައިން ނަގޯރްނޯ ކަރަބާޚްގައި ބަދަލުކުރި ހަމަލާތަކުގައި ދެ ގައުމުގެ ސިފައިންގެ 16 މީހުން މަރުވެފައިވާ އިރު ނަގޯރްނޯ ކަރަބާޚް އާންމުންގެ އެތައް ބަޔަކުމަރުވެ، 100 އަށް ވުރެ ގިނަ އާންމުން ވަނީ ޒަޚަމްވެސް ވެފައިވާކަމަށް މައުލޫމާތު ލިބެ އެވެ. ނަގޯރްނޯ ކަރަބާޚްގައި އަރުމީނިއާ މީހުން އިއުލާންކޮށްފައިވާ ދައުލަތުގެ ރައީސް އަރާއިކް އަރްތޫނިޔާން ބުނި ގޮތުގައި އަޒަރުބައިޖާން ސިފައިން އިއްޔެ ދިން ވަރުގަދަ ޙަމަލާތަކަށް ފަހު އެމީހުން ވަނީ އެ ސަރަހައްދުގެ ބައެއް ހިފައިފަ އެވެ. ނަގޯރްނޯ ކަރަބާޚްގެ ހަތް އަވަށެއް ހިފާފައިވާ ކަމަށް އާޒަރްބައިޖާނުގެ ސަރުކާރުން ކަށަވަރުކޮށްދީފައިވެ އެވެ.

އެ އަވަށްތައް ހިފީ ނަގޯރްނޯ ކަރަބާޚް އަކީ އަޒަރުބައިޖާންގެ ބައެއްކަމަށްވާތީ ކަމަށާއި އާމިނިޔާ ދަރިކޮޅުގެ މީހުންގެ އަގުލަބިއްޔަތު އޮތް ނަމަވެސް އެއީ އަޒަރުބައިޖާންގެ ސަރަހައްދެއް ކަމަށް އަޒަރުބައިޖާނުން ބުނެ އެވެ. އާމީނިޔާ ސިފައިން އިއްޔެ ދިން ހަމަލާތަކުގައި އަޒަރުބައިޖާންގެ ފަސް މެންބަރުންގެ އާއިލާއެއް އެއްކޮށް މަރުވިކަމަށް ވެސް އަޒަރުބައިޖާނުން ބުނެފައިވެ އެވެ.

ނަގޯރްނޯ ކަރަބާޚްގައި ހިނގި އަސްކަރީ ކުރިމަތިލުންތަކާ ގުޅިގެން އަރުމީނިއާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަޒަރުބައިޖާންގެ ސިފައިންނާ ދެކޮޅަށް ނަގޯރްނޯ ކަރަބާޚްގައި ހަނގުރާމަކުރީ އެސަރަހައްދުގައި އިއުލާނުކޮށްފައިވާ ސަރުކާރުގެ ސިފައިން ކަމުގަ އެވެ. އެމީހުން އަމިއްލަ ނަފްސުގެ ދިފާއުގައި ދިން ރައްދު ހަމަލާތަކުގައި އަޒަރުބައިޖާން ސިފައިންގެ 200 މީހުން މަރާލައި ގިނައަދަދެއްގެ ހަލާކުކޮށް އަޒަރުބައިޖާން ސިފައިންފެ 20 ޑްރޯން ވައްޓާލާފައިވާ ކަމަށް ވެސް އަރުމީނިއާއިން ބުނެ އެވެ.

ނަމަވެސް ނަގޯރްނޯ ކަރަބާޚް އަށް ހަމަލާދިން އަޒަރުބައިޖާންގެ ސިފައިންނާ ކުރިމަތިލީ ސީދާ އަރުމީނިއާގެ އަސްކަރީ ސިފައިންކަމަށް ރިޕޯޓުތައް ބުނެ އެވެ. ފަރުބަދަ މަތީ ސަރަހައްދެއްކަމަށްވާ ނަގޯރްނޯ ކަރަބާޚް އަކީ ގާތްގަނޑަކަށް 4،400 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ. އެސަރަހައްދުގެ އާބާދީއަކީ 146،000 އެވެ.

މި ކުރިމަތިލުންތައް ހަނގުރާމައަކަށް ބަދަލުވެދާނެތީ އަވަށްޓެރި އީރާނުންވަނީ ހަމަލާތައް ހުއްޓުވައި ދެގައުމު ސުލްޙަ ކުރުވުމަށް މަސައްކަތް ކުރާކަމަށް ބުނެފަ އެވެ. އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވަނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އެދެގައުމަށް ގޮވާލައްވާފަ އެވެ. އެމެރިކާ އިން ވެސް ވަނީ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފަ އެވެ.

އަޒަރުބައިޖާނަކީ ޝީއީ މުސްލިމުންގެ އަގުލަބިއްޔަތެއް އޮންނަ އިސްލާމީ ގައުމެކެވެ. އަދި އަރުމީނިއާއަކީ ނަސާރާއިން ގެ އަޣްލަބިއްޔަތެއް އޮންނަ ނަސާރާ ގައުމެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް