އާސަންދައިގެ މޮބައިލް އެޕްލިކޭޝަން ތައާރަފްކޮށްފި

އާސަންދަގެ މޮބައިލް އެޕްލިކޭޝަން ތައާރަފު ކޮށްފިއެވެ.

މި އެޕްލިކޭޝަން އަމާޒުކޮށްފައިވަނީ އާސަންދަ ސްކީމްގެ ހިދުމަތް ހޯދާ ދިވެހި ހުރިހާ ރައްޔިތުންނަށް ކަމަށް އެ ކުންފުނިން ބުންޏެވެ. ކޮންމެ ދިވެހި ރައްޔިތަކަށްވެސް މި އެޕްގައި ރަޖިސްޓްރީީ ވެވޭނެ ކަމަށާއި އެޕް ޑައުންލޯޑްކޮށް ރެޖިސްޓާވުމުން، އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން އާސަންދައިގެ އާ އޮންލައިން ޕޯޓަލް "ވިނަވި" ބޭނުންކުރާ ހުރިހާ ތަނަކުން، އެމީހަކު ހޯދާ ހިދުމަތްތަކުގެ ތަފްސީލު ފެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ޑޮކްޓަރުން ލިޔެދެއްވާ އީ-ޕްރިސްކްރިޕްޝަން ނުވަތަ އިލެކްޓްރޯނިކް ބޭސް ސިޓީތައްވެސް އެޕް މެދުވެރިކޮށް ބަލާލެވޭނެ ކަމަށާއި ނުހޯދާ ހިދުމަތެއް ލިސްޓްކޮށްފަ ވާނަމަ އެޕް މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުން އާސަންދައިން އެކަން ތަހުގީގު ކުރާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މި އެޕް ތަޢާރަފްކުރުމުގެ މަގުސަދަކީ އާސަންދަ ސްކީމްގެ ކަންކަން ވީހާވެސް ދެ ފުށްފެންނަ ގޮތަކަށް ކުރިއަށް ގެންދިއުން ކަމަށް އާސަންދަ އިން ބުންޏެވެ.

މިވަގުތު ތައާރަފްކުރީ ހަމައެކަނި އެންޑްރޮއިޑް އެޕް ނަމަވެސް ކައިރި މުސްތަގުބަލެއްގައި އައިއޯއެސް އެޕްވެސް ތައާރަފު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާސަންދަ އިން ބުނީ މި އެޕްލިކޭޝަންގެ މަގުސަދު އެންމެ ފުރިހަމަ ގޮތުގައި ހާސިލުވާނީ، އާސަންދަ ސްކީމްގެ ހިދުމަތްދޭ އެންމެހާ ތަންތަނުން ހޯދާ ހިދުމަތްތަކުގެ ތަފްސީލު ފެންނަން ހުރުމުންކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ ބައެއް ތަންތަނުގައި "ވިނަވި" ޕޯޓަލް އަދި ބޭނުންކުރަން ނުފަށާތީ، އެތަންތަނުން ހޯދާ ހިދުމަތްތަކުގެ ތަފްސީލު އާސަންދަ އެޕުން ފެންނަން ނުހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ނަމަވެސް، އަވަސް މުސްތަގުބަލެއްގައި އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި "ވިނަވި" ޕޯޓަލް ބޭނުންކުރަން ފަށައި، އާސަންދަ ސްކީމްގެ ދަށުން ރައްޔިތުމީހާ ހޯދާ ހުރިހާ ހިދުމަތެއްގެ ތަފްސީލު، އަތުގައި އޮންނަ މޯބައިލް ފޯނުން ބަލައިލެވޭނެއެވެ" އާސަންދަ އިން މިއަދު ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް