އައްޑޫ ސިޓީގެ އިތުރު 18 މަގެއްގައި ތާރު އަޅަނީ

އައްޑޫ ސިޓީ މަގުހެދުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންދިޔުން -- ފޮޓޯ: ސިޓީ ކައުންސިލް

އައްޑޫ ސިޓީގެ އިތުރު 18 މަގެއްގައި ތާރު އަޅަން ބޭނުންވާ ސާމާނު އެ ސިޓީ އަށް ގެންގޮސްފިއެވެ.

ސިޓީ ކައުންސިލުން ބުނީ މަގުހެދުމަށް ބޭނުންވާ ތާރު އަދި އިތުރު މެޝިނަރީތަކާއި ސާމާނު އިއްޔެ އެ ސިޓީ އަށް ގެންގޮސްފައިވާ ކަމަށެވެ.

ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑުމަގުގެ އިތުރުން ފޭދޫ ރަށްދެބައި މަގު ރީ-ސާފޭސް ކުރުމަށްވެސް ހަމެޖިފައިވެއެވެ.

މި މަޝްރޫއު ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 23 ޑިސެންބަރު 2019 ގައެވެ.

ސިޓީ ކައުންސިލުން ބުނީމަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް، ކަމާ ގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި 30 ޖެނުއަރީ ގައި ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ފުރަތަމަ ޝިޕްމަންޓް އައްޑޫ ސިޓީ އަށް ލިބިފައިވާކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

އެ މަޝްރޫއަށް 134 މިލިއަން ރުފިޔާ އަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރާއިރު މަޝްރޫއުގެ ސަބަބުން އައްޑޫ ސިޓީގެ މަގުތަކުގެ ހާލަތު ގޯސްވުމުގެ ސަބަބުން ކުރިމަތިވަމުން ދިޔަ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެ ސިކޓީ ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި މަގު ހެދުމުގެ ދެވަނަ މަޝްރޫއެއް ވެސްފަށަން ތައްޔާރުވެފައިވާ ކަމަށާއި އެގޮތުން 12 ޑިސެންބަރު 2019 ގައި އައްޑޫ ސިޓީގެ 25 ކިލޯމީޓަރުގެ މަގު ހެދުމާއި 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތުގެ ޑިޒައިން އަދި ކޮންސްޓްރަކްޝަން ކޮންސަލްޓެންސީ، އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އިންޖިނިއަރިންގ ލިމިޓެޑާއި، އެލް އީއޭ އެސޯސިއޭޓްސް ސައުތު އޭޝިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއި ހަވާލާދީ ކައުންސިލުން ބުންޏެވެ.

އެ މަޝްރޫޢުގެ ތެރޭގައި ހިތަދޫ އަވަށުން 90 ހެކްޓަރުގެ ބިމަކާއި މަރަދޫ އަދި މަރަދޫފޭދޫ އިން 75 ހެކްޓަރު އަދި ހުޅުދޫ އާއި މީދޫން 38 ހެކްޓަރުގެ އިތުރުން 25 ހެކްޓަރުގެ ބިން ރިސޯޓް ތަރައްގީ ކުރުމަށް ހިއްކުމަށް ހަމަޖެހިފައިވާއިރު މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ މަގެއްގެ ފެން ހިންދާ ނިޒާމް ގާއިމުކޮށް މަގު ބައްތި ޖެހުމުގެ މަސައްކަތާއެކު ސީސީޓީވީ ސިސްޓަމް ގާއިމް ކުރާނެއެވެ.

comment ކޮމެންޓް