މޫސުމާ ގުޅިގެން އެފްރިކާގެ އާސާރީ ތަންތައް ނުރައްކަލަށް

އޫއެން އިން ރައްކާކޮށްފައިވާ އެފްރިކާގެ ބިމެއް ކަމަށްވާ އަލްބަޖްރަވާ --- ފޮޓޯ : ސީއެންއެން

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެފްރިކާގައި އާސާރީ ތަންތަނުގެ ގޮތުގައި ހިމެނޭ ބޮޑު ހަ ތަނެއް ނެތިގެން ގޮސްދާނެ ކަމުގެ އިންޒާރު ސައިންސުވެރިން ދީފި އެވެ.

އިނގިރޭސިވިލާތާއި ކެންޔާ އަދި އެމެރިކާގެ ރިސާޗަރުން ދާދިފަހުން އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ އާސާރީ ތަރިކަައިގެ ގޮތުގައި ހިމެނޭ ހަ ތަނެއް ނެތިގެން ދިޔުމުގެ ބިރު އުފެދިފައިވާ ކަމަށެވެ. އަދި "ވަރަށް ބޮޑު އިންޓަވެންޝަން" އެއް ދީގެން ނޫނީ އެތަންތައް ސަލާމަތް ކުރެވެން ނެތް ކަމަށް އެ ފަރާތްތަކުން ބުނެފައިވެ އެވެ.

ސޫދާންގައި ހިމެނޭ އާސާރީ ޕޯޓް ކަމަށްވާ ސުއާކީން --- ފޮޓޯ : ސީއެންއެން

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ނުރައްކަލަށް ހުށަހެޅިފައިވާ ފުރަތަމަ ތަނަކީ ސޫދާންގައި ހުންނަ ސުއާކީން އެވެ. ސުއާކީން އަކީ ރެޑް ސީ ސަރަހައްދުގައި ހިމެނޭ ކުރީގެ ވަރަށް މުހިއްމު ޕޯޓެކެވެ.

މީގެ ގާތްގަނޑަކަށް 3،000 އަހަރު ކުރީން އުފައްދާފައިވާ ޕޯޓް އަކީ މިސްރުގެ ވެރީން އެ ސަރަހައްދުގައި ވިޔަފާރިކޮށް އަދި އެނޫން ވެސް ބޭނުންތަކަށް ދަތުރުކުރުމަށް މަގު ހުޅުވާލުމަށް ހަދާފައިވާ ތަނެކެވެ.

ޔުނައިޓެޑް ނޭޝަންސްގެ ކަލްޗަރަލް ޖަމިއްޔާ އިން ބުނެފައި ވަނީ އެ ޕޯޓުގެ ބޮޑު ބައެއް ހަލާކުވަމުންދާ ކަމަށެވެ. އެހެންނަމަވެސް އަދި ވެސް އެތަނުގެ ރީތިކަން ފެނިގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

ކެންޔާގައި ހުންނަ އާސާރީ އަވަށެއް ކަމަށްވާ ލަމޫ، މިތަނުގައި އަދިވެސް މީހުން ދިރިއުޅޭ --- ފޮޓޯ : ސީއެންއެން

ކެންޔާގައި ހުންނަ ލަމޫ، ކުރީގެ އަވަށް

ޔުނެސްކޯ އިން ބުނާ ގޮތުގައި އިރުމަތީ އެފްރިކާގައި ހިމެނޭ ލަމޫ އަވަށަކީ މިހާތަނަށް އެންމެ ރީތިކޮށް ރައްކާތެރިކުރެވިފައިވާ އެއް އަވަށް ކަމަށެވެ.

އެފްރިކާގެ ތާރީހީ އެހެން އަވަށް ތަކާ ހިލާފު ލަމޫގައި ފާއިތުވި 700 އަހަރުން ފެށިގެން މީހުން ދަނީ ދިރިއުޅެމުންނެވެ. އެހެން ތާރީހީ ތަންތަނުގައި މީހުން ދިރިއުޅެމުން ނުދާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

އެ ތަނަކީ އިސްލާމީ ތައުލީމާއި ސްވަހީލީ ސަގާފަތް ދަސްކުރުމަށް ބޮޑު ހަބަކަށް ވެފައިވާ ކަމަށް ޔުނެސްކޯ އިން ބުނެ އެވެ.

އެހެންނަމަވެސް ދުނިޔެ ހޫނުވެ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ދިޔަވަރު ބޮޑުވުމުގެ ނަތީޖާއަކަށް ވެފައި ވަނީ އެތަނުގެ ބޮޑު ސަރަހައްދަކަށް ގެއްލުން ވުން ކަމަށް ޔުނެސްކޯ އިން ފާހަގަކޮށްފައިވެ އެވެ.

ކޮމޯރާ އައިލެންޑްގެ އަތިރީގެ ސަރަހައްދުގައި ހިމެނޭ ބައެއް އާސާރީ ތަންތައް --- ފޮޓޯ : ސީއެންއެން

ކޮމޮރޯ އައިލެންޑްގެ އަތިރިމަތީ ސަރަހައްދުތައް

ކޮމޮރޯ އައިލެންޑް އަކީ އިރުމަތީ އެފްރިކާގައި ހިމެނޭ އާސާރީ ބިމެކެވެ. އެތަނުގައި ހިމެނޭ ބައެއް ތަންތަނަކީ 100 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ތަންތަނެވެ. އެތަންތަނަކީ ރައްކާތެރިކުރެވިފައިވާ ވެސް ތަަންނެވެ.

އެހެންނަމަވެސް މޫދުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އެ ބިމުގެ އަތިރި ހިސާބުގައި ހިމެނޭ ބައެއް ތަންތައް ދަނީ ހަލާކުވަމުންނެވެ.

ގާނާގައި ހިމެނޭ ފޯޓް އަދި ގަނޑުވަރުތައް

ގާނާގެ އަތިރިމަތީ ހިމެނޭ ސަރަހައްދަކީ ވަރަށް ބޮޑު އާސާރީ ސަރަހައްދެކެވެ. އެގޮތުން 1482 އާއި 1786 ގައި ފެނިފައިވާ އެ ވިޔަފާރީގެ ފޯޓްތަކާއި އެ ނޫންވެސް އާސާރީ ތަންތައް 500 ކިލޯމީޓަރަށް ދެމިގެން ދެ އެވެ.

އެ ފޯޓްތަކާއި ގަނޑުވަރުތަކަކީ ޕޯޗުގަލް އާއި ސްޕެއިން އާއި ސްވީޑެޓް އަދި ޑެންމާކް އާއި އިނގިރޭސިވިލާތު އަދި ޖަރުމަނު ފަދަ ތަންތަނުން އަޅައި އެކި އަހަރުތަކުގައި މީހުން އުޅެފައިވާ ތަންތަނެވެ.

އެފްރިކާއާއި އެމެރިކާއާ ދެމެދުގައި އަޅުންގެ ވިޔަފާރި ކުރަމުންދިޔައިރު އެ ތަނަކީ ވަރަށް އިސް ރޯލެއް ކުޅެފައިވާ ތަނެއް ކަމަށް މައުލޫމާތު ލިބެއެވެ.

ނެމިބިއާގެ ކުނީނީ ސަރަހައްދުގައި ހިމެނޭ ޓްވައިފެލްފޮލްޓެއިންގެ ފާރުގައިވާ އާސާރީ ކުރެހުންތައް --- ފޮޓޯ : ސީއެންއެން

ނެމިބިއާގެ ފާރުތަކުގައިވާ އާސާރީ ކުރެހުންތައް

ނެމިބިއާގެ ކުނީނީ ސަރަހައްދުގައި ހިމެނޭ ޓްވައިފެލްފޮލްޓެއިންގައި ވަނީ އެތައް އާސާރީ ކުރެހުންތަކެއް ހިމެނިފަ އެވެ. އެ ކުރެހުންތަކަކީ 2،000 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކުރެހުންތައް ކަމަށް މައުލޫމާތު ލިބެ އެވެ.

އެ ކުރެހުންތަކަކީ އޭރުގެ މީހުން ދިރިއުޅުނުގޮތާއި މީހުން އަޅުކަންކޮށް އުޅުނުގޮތުގެ މައުލޫމާތު ލިބިގެންދާ ކުރެހުންތަކެެވެ.

އެހެންނަމަވެސް ހޫނުގަދަވެ ވައިގެ ތެތްކަން ގަދަވާން ފެށުމުގެ ސަބަބުން އެ ފާރުތަކުގައި ވަނީ ތަފާތު އެކި ކަހަލަ ފައިންގައި އަޅައި އެތަންތައް ހަލާކުވާން ފަށައިފަ އެވެ.

މާލީގައި މަޑު ބޭނުންކޮށްގެން ހަދާފައިވާ އަވަށް ކަމަށްވާ ޖެންނޭ -- ފޮޓޯ : ސީއެންއެން

މާލީގައި ހުރި ޖެންނޭ

މާލީގައި އެންމެ ފާހަގަކުރެވޭ އެއް ބިމަކީ ޖެންނޭއެވެ. އެތަނަކީ މަޑް ބޭނުންކޮށްގެން ހަދާފައިވާ ބޮޑު އަވަށެކެވެ.

ސަހަރާގެ ވިޔަފާރިއަށް މަޝްހޫރުވެފައިވާ އެ ބިމުގައި މީހުން އުޅެން ފަށާފައި ވަނީ 250 ބީސީ ހިސާބުން ކަމަށް މައުލޫމާތު ލިބެ އެވެ. އެތަނަކީ މާކެޓެއްގެ ގޮތުގައި އޭރު މަޝްހޫރުވެފައިވާ ތަނެއް ކަމަށް ބެލެވެ އެވެ.

އަދި 15 އާއި 16 ވަނަ ގަރުނުގައި އެތަން މަޝްހޫރުވެގެން ގޮސްފައި ވަނީ ހުޅަނގު އެފްރިކާގައި އިސްލާމު ފެތުރެން ފެށި ހިސާބެއްގެ ގޮތުގަ އެވެ. އެހެންނަމަވެސް މޫސުމަށް އަންނަ ބަދަލާ ގުޅިގެން އެތަން ވީރާނާ ވާން ފަށާފައިވާ ކަމަށް ރިސާޗަރުން ބުނެ އެވެ.

comment ކޮމެންޓް