ޓެރެރިސްޓް ޖަމާއަތަކަށް ތާއިދު ކުރުމުގެ ދައުވާ އުފުލާފައިވާ މަޑުއްވަރީ ހަ މީހުން ދޫކޮށްލައިފި

މަޑުއްވަރީ އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަނީ: އެ ރަށުން ހައްޔަރުކުރި ހަތް މީހަކު ވަނީ ދޫކޮށްލާފައި -- ފައިލް ފޮޓޯ/ މަޑުއްވަރީ އޮންލައިން

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރ. މަޑުއްވަރީ އިން ހައްޔަރު ކޮށް ޓެރެރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ އުފުލާފައިވާ ހަ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވަނީ މަޑުއްވަރީ ހަ މީހުންގެ އިތުރުން ނ. މަނަދޫ މީހެއްގެ މައްޗަށެވެ. އެއީ މަޑުއްވަރީ ގުލްއަލާގެ، އިބްރާހީމް ޖިހާދުއާއި، މީރާ، ހަސަން ރާޒީ އާއި، މީޒާން، ހަސަން ސިޔާދު އާއި ހަމަ އެ ގޭ އާދަމް ސުހައިލް އާއި، ސައީދާމަންޒިލް، މުހައްމަދު މައުޖޫދު އަދި މަނަދޫ، ގަހާ، އިބްރާހީމް ޝިބުނީ އެވެ.

އޭގެތެރެއިން މުހައްމަދު މައުޖޫދުގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

މަޑުއްވަރީން ހައްޔަރު ކުރި ހަތް މީހުންގެ ތެރެއިން މިއަދު ކުރިމިނަލް ކޯޓުން މިނިވަންކުރި ރިޒާގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން ----

އަނެއް ފަސް މީހުންގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ.

އޭގެ ތެރެއިން ހަސަން ރާޒީ ނޫން އެހެން ހުރިހާ މީހުން ވަނީ މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ދޫކޮށްލާފަ އެވެ.

އޮރިޔާން ކާޑު ގެންގުޅުމާއި އުފެއްދުމުގެ ދައުވާ އުފުލާފައިވާ ރާޒީ ދޫކޮށްލަން ކޯޓުން އަމަރު ކޮށްފައިވަނީ މިއަދު އެވެ. އެއީ އޭނައާ އެކު ހައްޔަރު ކުރި އަނެއް ހަ މީހުން މީގެ ކުރިން ދޫކޮށްލާފައިވާތީ ރާޒީގެ ބަންދަށް ވެސް ލުއި ދިނުމަށް ދިފާއީ ވަކީލު އަދެވަޑައިގަތުމުންނެވެ.

މަޑުއްވަރީން ހަތްޔަރު ކުރި ހަތް މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމަރު ކުރި ނަމަވެސް ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކޮށްފައެއް ނުވެއެވެ.

އެ ހަތް މީހުންގެ މައްޗަށް އުފުލާފައިވާ ޓެރެރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން މަސައްކަތް ކުރި ނަމަވެސް ދިފާއީ ބައެއް ވަކީލުންގެ މަންޒަރާއި އަޑު ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުން ވަނީ ބޭއްވޭ ގޮތް ނުވެފަ އެވެ.

comment ކޮމެންޓް