250 މިލިއަން ޑޮލަރުގެ ބޮންޑުގެ އިންޓްރެސްޓަކީ 3.5 ޕަސެންޓް

އެސްބީއައި އިން 250 މިލިއަން ޑޮލަރުގެ ޓީ ބިލް ގަތުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ފޮރިން މިނިސްޓްރީ

ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާއެކު ބަޖެޓް ދެކޮޅު ޖެއްސުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކި 250 މިލިއަން ޑޮލަރުގެ ޓީ-ބިލްގެ އިންޓްރެސްޓަކީ 3.5 ޕަސެންޓުކަން ހާމަވެއްޖެ އެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން" އަށް ބުނިގޮތުގައި މި ޓީ-ބިލްގެ އިންޓްރެސްޓަކީ މީގެ ކުރިން ސަރުކާރުން ވިއްކި ޓީބިލްތަކާ އަޅަބަލާއިރު ކުޑަ އަދަދެއް ކަމަށެވެ. އެގޮތުން، އިންޑިއާ ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން އެސްބީއައިއިން ގަތް ޓީބިލްގެ އިންޓްރެސްޓަކީ 3.5 ޕަަސެންޓު ކަމަށް ވެސް ބުންޏެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މީގެ ކުރިން ބޭރުގެ ފަރާތްތަކަށް ވިއްކާފައިވާ ޓީބިލްތަކުގެ އިންޓްރެސްޓަކީ ހަތް ޕަސެންޓެވެ.

އިންޑިއާގެ މައި ބޭންކް، ސްޓޭޓް ބޭބްކް އޮފް އިންޑިއާގެ މާލޭ ގޮފިން ގަތް ޓީ ބިލްތަކަކީ އިންޑިއާ ސަރުކާރުން ގެރެންޓީ ދީގެން ގަތް ޓީބިލްކަމުން، ދިވެހި ސަރުކާރަށް ފައިސާ ނުދެއްކިއްޖެ ނަމަ، އިންޑިއާ ސަރުކާރުން އެ ފައިސާ ދެއްކުމުގެ ޒިންމާ ނަގާނެ އެވެ. މި ފައިސާ ދިވެހި ސަރުކާރުން އަނބުރާ ދައްކަން ޖެހޭނީ 10 އަހަރު ތެރޭގަ އެވެ.

ޓީ-ބިލްއަކީ، ދައުލަތުގެ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް އާމްދަނީ ހޯދުމުގެ ގޮތުން ވަކި އިންޓަރެސްޓް ރޭޓެއްގައި، ފަހުން އަނބުރާ ފައިސާ ދައްކަން ޖެހޭ ގޮތަށް މަރުކަޒީ ބޭންކުން ވިއްކާ މާލީ އިންސްޓްރޫމަންޓެކެވެ.

މި ޓީބިލް ވިއްކައިފި ނަމަ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބުނާ އަދަދަށް ވުރެ ރާއްޖޭގެ ދަރަނި ބޮޑުވާތީ، މިފަހުން އެމްއެމްއޭއިން ވަނީ މަޖިލީހަށް ހުށަހަޅައި އެކަމަށް ހުއްދަ ހޯދައިފަ އެވެ.

މީގެ އިންޓްރެސްޓަކީ ކޮބައިތޯ ރަސްމީކޮށް ސާފުކުރުމަށް ސުވާލު ކުރުމުން ފިނޭންސް މިނިސްޓްރީ އިން ބުނެފައިވަނީ އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މީގެ ކުރިން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ، އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކު އޮފް އިންޑިއާ އެކު ހަދާފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު ވެސް ރާއްޖެއަށް ނަގައިފަ އެވެ.

comment ކޮމެންޓް