މިއަހަރުގެ އުރީދޫ ފަން ރަންގައި ބައިވެރިވި ފަރާތްތަކަށް ބިބް ނަމްބަރު މެދުވެރިކޮށް އިވެންޓުގެ ފޮޓޯތައް ފަސޭހަކަމާއެކު ހޯދައި، ޑައުންލޯޑް ކުރެވޭނެ ފީޗާއެއް އުރީދޫއިން ތައާރަފުކޮށްފިއެވެ.
އުރީދޫ އިން ބުނީ ފަންރަން އަށް ޚާއްސަ ވެބްސައިޓަށް ޒިޔާރަތްކޮށް، ފަން ރަންގައި އެމީހަކަށް ޚާއްސަ ބިބް ނަމްބަރު ޖެހުމުން އެމީހެއްގެ ފޮޓޯތައް ފެންނާނެ ކަމަށެވެ. އަދި މި ފޮޓޯތައް ޑައުންލޯޑު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް ދުވުންތެރިންނަށް ފަން ރަންގެ ތަޖުރިބާ އާކޮށް، ފޮޓޯތައް ޑައުންލޯޑްކޮށް، ރާއްޖޭގެ އެންމެ އުފާވެރި ދުވުމުގެ ހަނދާންތައް ހިއްސާ ކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވި އުރީދޫ ފަން ރަންއަކީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު އެއް ދުވުމުގެ ހަރަކާތެކެވެ. އާއިލާތަކާއި، ޒުވާނުންނާއި، ކުޑަކުދިންނާއި، ކޯޕަރޭޓް ޓީމުތަކާއި، ހަށިހެޔޮކަމަށް ލޯބިކުރާ ގިނަ މީހުން މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.
ހުޅުމާލޭގެ މަގުތަކަށް ނުކުމެ، ކުރިއަށް ގެންދިޔަ މި ކުލަ ގަދަ ހަރަކާތުގައި، ބުންވަރާއި އެއްބައިވަންތަކަން ވަނީ ދައްކުވައިދީފައެވެ.
އުރީދޫ ފަން ރަންއަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ބޮޑު ކޮމިއުނިޓީ ފިޓްނަސް އިވެންޓެކެވެ.
'ބިބް ބޭސްޑް ފޮޓޯ ސާޗް ފީޗާ' ތައާރަފުކޮށްގެން، އުރީދޫއިން މިވަނީ ފަން ރަންގެ ޑިޖިޓަލް ތަޖުރިބާ ވެސް އިތުރަށް ފުރިހަމަކޮށްފައެވެެ. މިކަމުގެ ސަބަބުން އެ އިވެންޓު ނިމުނު ނަމަވެސް ބައިވެރިންނަށް ހިތްގައިމު ވަގުތުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު މިވަނީ ފަހިވެފައެވެ.
އުރީދޫ ފަން ރަން 2025 ކާމިޔާބު ކުރުމަށް އެހީތެރިވި ހުރިހާ ބައިވެރިންނާއި، ޕާޓްނަރުންނާއި، ވޮލަންޓިއަރުންނާއި ސަޕޯޓަރުންނަށް އުރީދޫއިން ވަނީ ޝުކުރު އަދާކޮށްފައެވެ.