އެޗްޑީސީ އާއި ޖީއެމްއައިޒެޑްއެލް އެއްކޮށްލީ މާލީ އަދި ހިންގުމުގެ ފައިދާއަށް ބަލާފައި

--- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އާއި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އެއްކޮށްލުމަށް ސަރުކާރުން ނިންމީ މާލީ ގޮތުންނާއި އަދި ހިންގުމުގައި ލިބޭނެ ފައިދާ ތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް ޖީއެމްއައިޒެޑްއެލް އިން ބުނެފިއެވެ.

ޖީއެމްއައިޒެޑްއެލް އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ތިލަފުއްޓާއި ގުޅީފަޅު މެނޭޖްކުރުމަށް އުފެއްދި ކުންފުންޏެކެވެ. އަދި އެޗްޑީސީއަކީ ހަމައެކަނި ހުޅުމާލެ މެނޭޖް ކުރާ ކުންފުންޏެކެވެ.

ނަމަވެސް މި ސަރުކާރުން ދެ ކުންފުނި އެއްކޮށްލަން ވަނީ ނިންމައިފައެވެ.

ގްރޭޓާ މާލެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގޮތަށް ނިންމާފައިވަނީ ދެ ކުންފުނި އެއްކޮށްލުމުން މާލީ ގޮތުންނާއި އަދި ހިންގުމުގައި ލިބޭނެ ފައިދާ ތަކަށް ރިއާޔަތްކުރުމަށްފަހު ހުޅުމާލެ، ތިލަފުށި، ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓާ މާލޭ އޭރިއާ ތަރައްގީކުރަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އެއް ކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ކަމަށެވެ.

އަދި ސަރުކާރުން އެކުލަވާލައްވާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށި ތަރައްގީ ކުރުމުގެ މަސައްކަތްތައް އެޗްޑީސީ އިން ކުރިއަށް ގެންދާނީ ސަރުކާރުގެ މަޝްވަރާއާއި ލަފާގެ މަތިން ކަމަށް އިއުލާނުގައިވެއެވެ.

އެގޮތުން، ފުރަތަމަ މަރުހަލާއެއްގެ ގޮތުން ޖީއެމްއައިޒެޑްއެލްގެ އެންމެހާ އެސެޓްސް، ލައިބިލިޓީސް، މުއައްޒަފުން އަދި ހުރިހާ އެއްބަސްވުންތަކާއި ކުންފުނީގެ މައްޗަށް އޮތް އެންމެހާ އިލްތިޒާމްތަކާއި ޒިންމާތައް އެޗްޑީސީއަށް ބަދަލުކުރުމަށް ނިންމާފައިވާކަން ވެސް އާންމުކޮށް ވަނީ އިއުލާނުކޮށްފައެވެ.

އެހެންކަމުން، އެ ނިންމުމާ ގުޅިގެން އެކުންފުންޏާއެކު ހެދިފައިވާ އެއްބަސްވުންތަކަށާއި ލިޔެކިޔުންތަކަށް ގެންނަންޖެހޭ އެންމެހާ ބަދަލުތައް ގެނައުމަށް އެ ކުންފުނިން އެފަރާތްތަކާއެކު މުއާމަލާތްކުރަމުން ގެންދާނެ ކަމަށް އިއުލާނުގައިވެއެވެ.

comment ކޮމެންޓް