އިންޑިއާ ފެރީގެ މައުލޫމާތު ސަރުކާރުން އަންގާފައެއް ނުވޭ: ކުޅުދުއްފުށީ ކައުންސިލް

ކުޅުދުއްފުށީގެ ހިތްގައިމު މަގެއް: ފެރީގެ ހިދުމަތާ ގުޅޭ ގޮތުން ކައުންސިލަށް މައުލޫމާތު ނުދޭ ކަމަށް އެ ކައުންސިލުން ބުނޭ -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

އިންޑިއާގެ ކޮޗިން އާއި ކުޅުދުއްފުށީ ސިޓީއާ ދެމެދު ފަށަން އުޅޭ ފެރީ ހިދުމަތުގެ މައުލޫމާތު ސަރުކާރުން އެ ކައުންސިލާ ހިއްސާކޮށްފައި ނުވާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން ދަތުރުތައް ފެށުމަށް ހަމަ ޖެހިފައިވަނީ މިއަދު އެވެ.

އެކަމާ ގުޅޭގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފު ހަސަން މިއަދު "ސަން"އަށް ވިދާޅުވީ، އެ ނިންމުން ނިންމާފައިވަނީ ވެސް އެ ކައުންސިލާ މަޝަވަރާނުކޮށް ކަމަށާއި ނިންމުން ނިންމުމަށްފަހު ވެސް، ރަސްމީކޮށް ކައުންސިލަށް އަންގާފައިވެސް ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށްވެސް އެ މައުލޫމާތު ލިބުނީ މީޑިއާތަކުން. ރަސްމީކޮށް އެއްވެސް ގޮތަށް ފެރީގެ މައުލޫމާތު ލިބިފައެއް ނެތް،" އަބްދުލް ލަތީފު ވިދާޅުވި އެވެ.

އަބްދުލް ލަތީފު ވިދާޅުވި ގޮތުގައި، ފެރީއާ ގުޅިގެން ރައްޔިތުންވެސް ކައުންސިލާ ސުވާލުތަތް ކުރިމަތިކުރެ އެވެ. އެހެން ނަމަވެސް، ކައުންސިލަށް އެކަމުގެ މައުލޫމާތު ނުލިބޭތީ ރައްޔިތުންނަށް ދޭނެ ޖަވާބެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމުންވެސް ސުވާލު ކުރާނެ ކައުންސިލާ އެކަމާ ބެހޭ ގޮތުން. ސުވާލު ކުރީމަ އަޅުގަނޑުމެންނަށް ދޭނެ ޖަވާބެއް ނުދެވޭނެ، ނޭނގޭ މައުލޫމާތެއް ވީމަ،" އަބްދުލް ލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެކަން ރަނގަޅަށް ކުރެވޭނީވެސް ކައުންސިލާއި ރައްޔިތުން އަދި ކަމާ ގުޅުން ހުރި ރަށުގެ އެހެން މުއައްސަސާތަކަށް ވެސް އޭގެ ސައްހަ މައުލޫމާތު ރަސްމީކޮށް ލިބިގެން ކަމަށެވެ. ރަަށުގެ އެހެން މުއައްސަސާތަކަށް ވެސް އެކަމުގެ މައުލޫމާތު ލިބިފައި ނުވާކަން އަބްދުލް ލަތިފު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު ޕޯޓުގެ ބޭފުޅުންނާވެސް ވާހަކަ ދެއްކިން. އެބޭފުޅުންނަށްވެސް ނޭނގެ އޭގެ މައުލޫމާތެއް. ކަމިޔާބުކަމާއެކު އެކަން ގެންދެވޭނީ ކަމާ ގުޅުންހުރި މައުލޫމާތު ދީގެން،" އަބްދުލް ލަތީފު ވިދާޅުވި އެވެ.

ކުޅުދުއްފުއްޓާ މާލެ އަދި ކޮޗިންއާ ދެމެދު ފެރީ ދަތުރުތައް ބާއްވަން ނިންމައި، އެކަމުގެ ރަސްމީ ވާހަކަތައް ދެއްކީ މިދިޔަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

މިއަދު ދަތުރުތައް ފަށާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ އިރު، ޓްރާންސްޕޯޓް މިނިސްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި މި މަހު ފަހުކޮޅު ދަތުރުތައް ފަށާނެ އެވެ. ދަތުރުތައް ފަށާއިރު މަހަކު ދެ ދަތުރު ބާއްވަން ނިންމާފައިވާ ޓްރާންސްޕޯޓު މިނިސްޓްރީން ބުނެ އެވެ. އަދި ދަތުރުތަކުގައި ބޭނުންކުރާނީ އިންޑިއާގެ ފެރީ ބޯޓެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ. އަދި އުފުލާނީ ހަމައެކަނި ކާގޯ އެވެ.

https://sun.mv/143070

comment ކޮމެންޓް