އިންޑިއާ-ރާއްޖެ ކާގޯ ފެރީ، ފައިދާ ކޮންކޮޅަކަށް؟

މުދާ ބަރުކޮށްފައިވާ ބޯޓަކުން މުދާ ބާލަނީ--- ސަން ފައިލް ފޮޓޯ

ރާއްޖެއަށް އެންމެ ގިނައިން ކާގޯ އެތެރެކުރާ ގައުމުތަކުގެ ތެރޭ އިންޑިއާ ހިމެނެ އެވެ. ކާބޯތަކެއްޗާއި ބޭހާއި އަންނައުނު އަދި އެނޫންވެސް ބާވަތްތައް އިންޑިއާ އިން އެތެރެކުރާއިރު، ކަނޑުމަގުންނާއި ވައިގެ މަގުން މި ތަކެތި އެތެރެކުރެ އެވެ.

ރާއްޖެއިން އެންމެ ގާތް ގުޅުމެއް ބާއްވާ އެއް ގައުމަކަށް އިންޑިއާ ވާއިިރު، އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ތެރެއިން ދެ ގައުމުގެ ދެމެދު ކާގޯ ދަތުރުތައް ފަށަން މިހާރު ވަނީ ތައްޔާރުވެފަ އެވެ. އިންޑިއާގެ ނޫސްތައް ބުނާގޮތުން މި ދަތުރުތައް މިމަހުގެ 20 ވަނަ ދުވަހު ފަށާނެ އެވެ. އިންޑިއާގެ ޓުޓިކޮރިން އާއި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އަންނަ މި ކާގޯ ފެރީ ކުޅުދުއްފުއްޓާއި މާލޭ ބަނދަރަށް ކައިރި ކުރާނެ އެވެ.

https://sun.mv/142847

ކުޅުދުއްފުއްޓާ މާލެ އަދި ކޮޗިން އާއި ދެމެދު ފެރީ ދަތުރުތައް ބާއްވަން ނިންމައި އެކަމުގެ ރަސްމީ ވާހަކަތައް ދެކެވުނީ 2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

ޖޫން 8، 2019: ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅު ތަކާއި ދެޤައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ސީޓްރޭޑު ހަބަރުތައް ގެނެސްދޭ އިންޑިއާގެ ވެބްސައިޓެއްގައި ބުނެފައިވާގޮތުން މި ފެރީ މިމަހުގެ 20 ވަނަ ދުވަހު ޓުޓްކޮރިން އިން ފުރައިގެން ކޮޗިން ބަނދަރަށް ދާނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އަދި ފެރީ ރާއްޖެ އަންނާނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށާއި އަނބުރާ އިންޑިއާ އަށް ފެރީ ފުރާނީ އޮކްޓޯބަރު އެކެއްގައި ކަމަށް ބުނެފައިވެ އެވެ. ކޮންމެ މަހަކުވެސް ދޭއް ނުވަތަ ތިން ދަތުރު ބާއްވަން ނިންމާފައިވާއިރު މިއީ ދެގައުމުގެ ދެމެދު އޮންނަ "ޖިއޯ-އިކޮނޮމިކް" އަދި ސިޔާސީ ގުޅުން ވަރުގަދަކޮށްދޭނެ ދަތުރުތަކެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.

ރާއްޖޭގެ ވިޔަފާރިވެރިންނަށްވެސް އަދި އިންޑިއާގެ ވިޔަފާރިވެރިންނަށްވެސް މި ދަތުރުތަކުގެ ސަބަބުން ފައިދާ ކުރާނެ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.

މި ދަތުރުތަކުގައި އިންޑިއާ އިން ރާއްޖެއަށް މެޝިނަރީސް، ޕެރިޝަބްލްސް އަދި ބޭހާއި ފަރުނީޗަރު ފަދަ ތަކެތިވެސް އެތެރެކުރާނެ އެވެ.

ރާއްޖެ-ކޮޗިން ފެރީ އާ ގުޅޭގޮތުން އިންޑިއާ ނޫހެއްގައި ޖަހާފައިވާ އިޝްތިހާރެއް

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި 700 ކިލޯމީޓަރުގެ މި ދިގު ދަތުރުގައި ކުރިއަށް އޮތްތަނުގައި ފަސިންޖަރުން ވެސް އުފުލާނެ އެވެ.

ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނީ މި ދަތުރުތަކުގައި އިންޑިއާގެ ބޯޓެއް ބޭނުންކުރާއިރު ކުޅުދުއްފުށީ ބަނދަރަށް ކައިރި ކުރެވޭ ވަރަށްވުރެ ބޯޓު ބޮޑުކަމުން މުދާ ބޭލުމަށް ބޭނުންކުރާނީ ޓަގެއް ނުވަތަ ބާޖެއް ކަމަށެވެ. އަދި ކުޅުދުއްފުއްޓަށް މުދާ ބޭލުމަށްފަހު އެ ފެރީ މާލެ އަންނާނެ ކަމަށްވެސް ބުންޏެވެ.

އެއްބަޔަކު ދެކޭގޮތުގައި މި ފެރީ ދަތުރުތަކުގެ ސަބަބުން އުތުރުގެ ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު އިންޑިއާ އިން މުދާ އެތެރެކުރެވޭނެ އެވެ. މިއީ މުދާ ހެޔޮއަގުގައި ވިއްކުމަށްވެސް ވިޔަފާރިވެރިންނަށް ލިބޭ ފުރުސަތަކަށް ވާނެ އެވެ.

ކުޅުދުއްފުށީ ޕޯޓު---

މި ފެރީ ދަތުރުތަކާ ގުޅޭގޮތުން އިވޭ އެންމެ ބޮޑު އެއް ފާޑު ކިޔުމަކީ، މިއީ އިންޑިއާގެ "އުނގު ވިޔަފާރިވެރިންނަށް" ހުޅުވާލެވޭ ދޮރެއް ކަމަށާއި، ދިވެހި ވިޔަފާރިވެރިންގެ ވިޔަފާރިތައް ހަލާކަށް ހުށަހެޅުން ކަމަށް ބުނާ ބުނެމެވެ. މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ހުޅުވާލެވޭ ދޮރެއް ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު، މިއީ އިގްތިސާދީ އަޅުވެތިކަން ކަމަށް ބުނާ މީހުންވެސް އެބަތިއްބެވެ.

https://sun.mv/120858

މި ދަތުރުތަކާ ގުޅިގެން ދިވެހި ސަރުކާރުން އާންމު ކުރި ބައެއް މައުލޫމާތަށް ބަލާއިރު، މިދިޔަ އަހަރު 4.4 ބިލިއަން ރުފިޔާގެ މުދާ އިންޑިއާއިން ރާއްޖެ އެތެރެކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކެއިން ބުއިމަށް ބޭނުންކުރާ ތަކެއްޗާއި ކޮންސްޓްރަކްޝަން ދާއިރާގައި ބޭނުންކުރާ މުދަލުގެ އިތުުރުން ބޭހާއި ކޮސްމެޓިކްސް އަދި އަންނައުނުވެސް ހިމެނެ އެވެ.

ސަރުކާރުން ބުނެފައިވަނީ ކުދި ވިޔަފާރިތަކުންވެސް އިންޑިއާ އިން ރާއްޖެއަށް މުދާ އެތެރެ ކުރަމުންދާ ކަމަށެވެ އަދި ފެރީ ދަތުރުތަކާއެކު އިމްޕޯޓަރުންނަށް އާ ޕްލެޓްފޯމެއް ގާއިމްވީ ކަމަށާއި އިތުރު ވިޔަފާރިވެރިންނަށް ފުރުސަތު ފަހިވާނެ ކަމަށް ސަރުކާރުން ބުންޏެވެ.

އުތުރުގެ ވިޔަފާރިވެރިންނަށް މި ދަތުރުގެ ފައިދާ ކުރާނެކަން ސަރުކާރުންވެސް ވަނީ ބުނެފަ އެވެ. އެގޮތުން ހެޔޮ އަގުގައި މުދާ އެތެރެކުރުމަށް މިއީ ފުރުސަތަކަށް ވާނެ އެވެ. އަދި ޕެސެންޖާ ފެރީގެ ހިދުމަތް ފެށިއްޖެނަމަ މިއީ އުތުރުގެ ގެސްޓްހައުސްތަކަށް ވެސް އޭގެ ފައިދާ ކުރާނެ ކަމެއްކަން ފާހަގަކޮށްފައިވެ އެވެ. އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ.

އާންމު ހާލަތުގައި ގިނަ އެއާލައިންތަކަކުން އިންޑިއާގެ އެކި މަންޒިލްތަކާއި ރާއްޖެ ވަނީ ގުޅުވާލަދީފަ އެވެ. ކޮވިޑުގެ މި ހާލަތުގައިވެސް އެއާ ބަބުލްގެ ތެރެއިން ދެ ގައުމުގެ ދެމެދު ހަފްތާއަކު ފަސް ދަތުރު އެބަ ބާއްވަ އެވެ.

އިންޑިގޯގެ ފްލައިޓެއް ވީއައިއޭގައި --- ފޮޓޯ: ވީއައިއޭ

އިންޑިއާ އަށް ކުރާ ވައިގެ ދަތުރުތަކަށް އޮންނަ ޑިމާންޑުވެސް ރަނގަޅެވެ. ބޭހަށާއި ކިޔެވުމަށް އަދި ވިޔަފާރި ކޮށްލުމަށްވެސް އިންޑިއާ އަށް ދަތުރުކުރާ މީހުންނަށް ވަރަށް ފަސޭހަ އެވެ. ބަޖެޓް އެއާލައިންތަކާއެކު ކުޑަ އަގެއްގައި ޗުއްޓީ ހަދާލުމުގެ ފުރުސަތު ލިބެ އެވެ.

އަނެއްކޮޅުން މިހާރުވެސް އިންޑިއާ އިން ރާއްޖެއަށް މުދާ އެތެރެކުރެ އެވެ. ވިޔަފާރިވެރިންނަށް އެކަމުގައި ދަތިތަކެއް އުޅޭތީ ޝަކުވާ ކުރާ އަޑެއްވެސް ނީވެ އެވެ. ކޮޗިން-ރާއްޖެ ކާގޯ ފެރީ ދަތުރުތައް ކާމިޔާބުވާނެތޯ މިއީ އުފެދޭ ސުވާލެކެވެ.

އަނެއްކޮޅުން ދެ ގައުމުގެ ސަރުކާރުގެ ވާހަކަތަކަށް ބަލާއިރު ކުރިއަށް އޮތްތަނުގައި ފަސިންޖާ-ކާގޯ ފެރީ ފެށުމަކީ ޕްލޭން ކަމަށް ފެންނަން އޮތްއިރު މިއީ ފީޒިބްލް ކަމަކަށް ވާނެހެއްޔެވެ؟ ދެ ގަޑިއިރުގެ ދަތުރެއްގެ ބަދަލުގައި ދެތިން ދުވަހު ކަނޑުމަތީ ހޭދަކޮށްގެން ބޭހަށް ނޫނީ ޗުއްޓީ އަށް ރާއްޖެ-އިންޑިއާ ރައްޔިތުން ބޭނުންވާނެ ހެއްޔެވެ؟

ގިނަ ބަޔަކު ބުނާގޮތުން މި ދަތުރުތަކުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް މާބޮޑު ފައިދާއެއް ނުކުރި ނަމަވެސް އިންޑިއާގެ ވިޔަފާރިވެރިންނަށް މި ދަތުރުތަކުގެ ފައިދާ ކުރާނެ އެވެ.

އިންޑިއާ ސަރުކާރުން އިސްނަގައިގެން މި ދަތުރުތައް ފަށަން އުޅޭ އެއް ސަބަބަކީ ވެސް އެއީ ކަމަށް ބުނާ މީހުން އެބަ ތިއްބެވެ.

މީގެ ކުރިންވެސް ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ކޮޗިން އައީ ރާއްޖެ އާއި ދެމެދު ފެރީ ދަތުރު ފަށަން އުޅުނެވެ. އޭރު އެކަން ކާމިޔާބު ނުވެ އޮތީ ދެކޮޅު ޖެހޭ ކަމަކަށް ނުވާތީ އެވެ. މިފަހަރު އެ އެއްބަސްވުމެއް ހެދި އެކަމަށް އަމަލީ ސިފަ ގެންނަން އުޅޭއިރު ކިހާ ދުވަހަކު ހިފަހައްޓާލެވޭނެ ހެއްޔެވެ؟

comment ކޮމެންޓް