ޕެރޫގެ ރައީސް އަޒުލު ކުރަން ފާހެއް ނުވި

ޕެރޫގެ ރައީސް މާޓިން ވިޒްކާރާ އަޒުލު ކުރަން އެގައުމުގެ ކޮންގްރެސްގައި ނެގި ވޯޓު ވަނީ ނާކާމިޔާބުވެފަ -- ފޮޓޯ: ރޮއިޓާސް

ލީމާ (ސެޕްޓެމްބަރު 20): ޕެރޫގެ ރައީސް މާޓިން ވިޒްކާރާ އަޒުލު ކުރަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުން އޭނާ ސަލާމަތްވެވަޑައިގެންފި އެވެ.

ޕެރޫގެ ކޮންގްރެސްގައި 10 ގަޑި އިރަށް ދެމިގެން ދިޔަ ބަހުސަކަށް ފަހު ނެގި ވޯޓުގައި ވިޒްކާރާ އަޒުލު ކުރަން ވޯޓު ދެއްވީ އެންމެ 32 މެމްބަރުންނެވެ. އަދި 15 މެމްބަރުން ހާޒިރު ނުވި އެ ވޯޓުގައި ރައީސް އަޒުލު ކުރުމާ ދެކޮޅަށް 78 މެމްބަރުން ވޯޓު ދެއްވި އެވެ.

ޕެރޫގެ ރައީސް އަޒުލު ކުރެވޭނީ 130 މެމްބަރުން ތިއްބަވާ ކޮންގްރެސްގެ 87 ވޯޓުންނެވެ.

ޕެރޫގެ ގާނޫނު ހަދާ މަޖިލީހުން ވިޒްކާރާ މަގާމުން ދުރު ކުރަން ވޯޓެއް ނަގަން މިދިޔަ ހަފްތާގައި ނިންމީ އޭނާ ގަވާއިދާ ހިލާފަށް ސަރުކާރުގެ ކޮންޓުރެކްޓުތަކެއް އެގައުމުގެ ލަވަކިޔުންތެރިއެއް ކަމަށްވާ ރިޗަޑް ސިސްނެރޮސްއަށް ދެއްވި ކަމަށް ތުހުމަތު ކުރެވިފައި ވާތީ އެވެ. އެގޮތުން ޕެރޫގެ ސަގާފަތާ ބެހޭ މިނިސްޓްރީން ސިސްނެރޮސްއަށް 50،000 ޑޮލަރުގެ ކޮންޓްރެކްޓުތައް ޝައްކު އުފެދޭ ގޮތްގޮތަށް ދީފައިވާ ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އަދި ޕެރޫގެ ގާނޫނު ހަދާ މަޖިލީހާއި އޮޑިޓާ ޖެނެރަލް ވަނީ އެ މައްސަލަ ބަލަން ފަށާފަ އެވެ.

ދެހާސްއަށާރަ ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ވިޒްކާރާ އަޒުލު ކުރުމަށް ނެގި ވޯޓާ ގުޅިގެން ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ އެ މައްސަލައާ ހެދި އުފެދިފައިވާ ހަލަބޮލި ކަމަށް މާފަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އޭނާ ކުށެއް ނުކުރައްވާ ކަމަށް ވިދާޅުވެ އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރަން ގޮވާލައްވާފަ އެވެ.

ވިޒްކާރާ އަޒުލު ކުރުމާ ދެކޮޅަށް ވޯޓު ދެއްވި މެމްބަރުން ވަނީ ޕެރޫ ސިއްހީ އަދި އިގުތިސާދީ ކާރީސާއެއްގެ ތެރޭގައި ވަނިކޮށް އެފަދަ ވޯޓެއް އަވަސް އަރުވާލައިގެން ނެގުމަށް ފަހު، ރައީސް މަގާމުން ދުރު ކުރުމަކީ ގައުމުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ޕެރޫގައި މިހާތަނަށް 756،000 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 31,283 މީހަކު ވަނީ މަރުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް