އެމެރިކާގައި މިހާރު ކުރިއަށްދާ ކޮމެބޯލް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ އެއްވަނަ މަގާމު އާޖެންޓީނާއިން ކަށަވަރުކޮށްފިއެވެ.
މުބާރާތުގެ އެއްވަނަ މަގާމު އާޖެންޓީނާއިން ކަށަވަރުކޮށްފައިވަނީ ގްރޫޕްގެ ފަހު މެޗުގައި ޕެރޫއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބު ކޮށްގެންނެވެ. އާޖެންޓީނާއިންވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައެވެ.
ފްލޮރިޑާގެ މައޭމީ ގާޑަންސްގައި ހުންނަ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާޖެންޓީނާއިންނެވެ. އާޖެންޓީނާއިން ކުޅެފައިވަނީ އެ ޓީމުގެ ތަޖުރިބާކާރު ކެޕްޓަން ލިއޮނެލް މެސީއާ ނުލައެވެ.
މެޗަށް ނުކުތްއިރު ވެސް އާޖެންޓީނާއަށް ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުވެފައިވުމުން އެ ޓީމުން ނިންމީ މެސީއަށް އަރާމުކުރާނެ ވަގުތު ދޭށެވެ.
ފުރަތަމަ ހާފުގައި އާޖެންޓީނާއަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ. ނަމަވެސް، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަނަވަސްކޮށްފައިވެއެވެ. ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނެޓުގައި އާޖެންޓީނާއިންވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލައުޓާރޯ މާޓިނޭޒެވެ.
ލަނޑާ އެކު އާޖެންޓީނާއިން ހަމަޖެހިލިއިރު ޕެރޫއަށް ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް އިތުރު ކުރަން ޖެހުނުކަން ފާހަގަ ވެގެންދިޔައެވެ. ދެން ވެސް ފެނިގެންދިޔައީ އާޖެންޓީނާގެ ލަނޑެކެވެ. މި ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން މާޓިނޭޒެވެ.
މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.
މި ކާމިޔާބީއާ އެކު ގްރޫޕް އޭ އާޖެންޓީނާއިން ނިންމާލީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާ އެކުއެވެ. މެޗުން ބަލިވި ޕެރޫ އޮތީ ކުޅުނު ތިން މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ގްރޫޕްގެ އެންމެ ފުލުގައެވެ.
މި ގްރޫޕުން ދެވަނަ ޓީމެއްގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ލިބުނީ ކެނެޑާއަށެވެ. ކެނެޑާއަށް މި ޖާގަ ކަށަވަރުވީ ފަހު މެޗުގައި ޗިލީއާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ޗިލީގެ ގެބްރިއެލް ސައުޒޯއަށް ރަތް ކާޑެއް ދެއްކުމާ ގުޅިގެން މެޗުގެ ބޮޑުބައި އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. ޗިލީން ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދާނަމަ މޮޅުވުން މަޖުބޫރު މެޗުގައި އެ ޓީމަށް ކެނެޑާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗު އެއްވަރުވެގެން ނިމި ކެނެޑާއަށް ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުވުމެވެ. ކެނެޑާއިން ވަނީ ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިފައެވެ. ޗިލީއަށް ލިބިފައިވަނީ ތިން މެޗުން ދެ ޕޮއިންޓެވެ.