އުސޫލުތަކަށް އަމަލުކުރޭތޯ ބަލަން އިތުރު އިންސްޕެކްޝަނެއް ފަށަނީ

މެއި 17، 2020: މާލޭގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާއިރު، ރޯދަމަސް ނިމިގެން މިދަނީ ލޮކްޑައުން ހާލަތުގައި: އާންމުކޮށް ރޯދަމަހު އެންމެ ހަލަބޮލި ރެސްޓޯރެންޓުތައް މިއަދު އޮތީ ފަޅަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އާންމު ހިދުމަތްދޭ ތަންތަނުން އަމަލުކުރަމުން ގެންދޭތޯ ބެލުމަށް ކުރިއަށް ގެންދާ މާސް އިންސްޕެކްޝަންގެ އިތުރު ބުރެއް ތާވަލުކޮށްފިއެވެ.

އެޗްޕީއޭ އާއި ސަރުކާރުގެ އިދާރާތައް ގުޅިގެން ގްރޭޓާ މާލޭ ސަރަހައްދުގައި އިންސްޕެކްޝަންގެ އިތުރު ބުރެއް ކުރިއަށް ގެންދަން ނިންމާފައި ވަނީ 20 ސެޕްޓެމްބަރުން ފެށިގެންނެވެ.

އެޗްޕީއޭއިން މީގެކުރީންވެސް ވަނީ އެފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަންގައި އުސޫލުތަކާ ހިލާފުވާ ފަރާތްތައް ވަގުތުން ބަންދުކުރުމަށް އަންގާފައިވެ އެވެ. އެ ކަންތައްތައް އިސްލާހު ކުރުމަށްފަހު އެ ތަންތައް އަލުން ހުޅުވަން ހުއްދަ ދެއެވެ.

ނަމަވެސް އެޗްޕީއޭއިން ވަނީ އުސޫލުތަކާ ހިލާފުވާ ތަންތަން ޖޫރިމަނާކުރެވޭ ގޮތަށް، ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ.

އެގޮތުން އުސޫލާ ހިލާފަށް ހިދުމަތް ދޭ ކަން އެނގިއްޖެ ނަމަ ފުރަތަމަ ފަހަރު އެ ތަނެއް 48 ގަޑިއިރަށް ބަންދު ކުރާނެ އެވެ.

ދެވަނަ ފަހަރަށް އެފަަދަ ކަމެއް ހިނގައިފި ނަމަ އެތަން ބަންދުކުރުމަށްފަހު 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އެތަނެއް ބަންދު ކުރާނީ ތިން ދުވަހުގެ މުއްދަތަށެވެ.

ތަކުރާރުކޮށް އުސޫލާ ހިލާފަށް ހިދުމަތް ދޭކަން އެނގިއްޖެނަމަ އެތަން ފަސް ދުވަހަށް ބަންދުކޮށް 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

ލޮކްޑައުންއަށް ލުއިދިން ފަހުން އެޗްޕީއޭއިން ހިންގި މާސް ފުރަތަމަ އިންސްޕެކްޝަނުގައި މާލޭ ސަރަހައްދުން ޖުމުލަ 258 ތަނެއް ބަންދުކޮށްފައިވެ އެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ ކޮވިޑް-19އާ ގުޅިގެން އާންމު ހިދުމަތް ދޭ ތަންތަނުގައި ރައްކާތެރިކަމާއެކު ހިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ބަލި ފެތުރުން މަދުކުރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭނީ ކޮވިޑް-19 އާ ގުޅިގެން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

comment ކޮމެންޓް