އެންޑީއެމްއޭ އިން ވައްކަމެއް ނުކުރޭ، ކޮރަޕްޝަނެއް ނުހިންގާ: ރޮޒައިނާ

މަޖިލީހުގެ ގެލަރީ -- ފޮޓޯ/ މަޖިލިސް

ކޮވިޑް19 އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖެމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ކޮށްފައިވާ ހަރަދުތަކާ ގުޅޭ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން އިދާރީ ބައެއް ކަހަލަ ކަންކަން ފާހަގަވި ނަމަވެސް، ބޮޑު ވައްކަމެއް ކޮށްގެން ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގައިގެން ނޫޅޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓު ނެރުނީ އިއްޔެއެވެ. އެ ރިޕޯޓުގައި ހަރަދުތަކާ ގުޅޭ މައްސަލަތަކެއް ފާހަގަކޮށްފައި ވާއިރު، ގިނަ ބައެއްގެ ފާޑުކިޔުން އެ އޮތޯރިޓީއަށް ވަނީ އަމާޒުވެފައެވެ.

އަދި އޮޑިޓު ރިޕޯޓާ ގުޅިގެން އެންޑީއެމްއޭ އިން ވަނީ މިއަދު ޕްރެސް ކޮންފަރެންސް އެއް ބާއްވައިފައެވެ. އަދި އޮޑިޓުގައި ފާހަގަކޮށްފައިވާ ކޮންމެ ނުކުތާއެއް ވަކިވަކިން ވަނީ ތަފްސީލުކޮށްދީފައެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ، ރިޕޯޓު އާންމުވުމުން ވެގެން އުޅޭގޮތަކާ މެދު ސުވާލު އުފެދުނު ކަމަށާއި އަދި ރިޕޯޓާ ގުޅިގެން އެންޑީއެމްއޭ އިން ބުނާ އެއްޗެއް ބަލަން ބޭނުންވެފައި ހުރި ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އޮޑިޓުގައި ވެސް އެންޑީއެމްއޭއިން ކޮރަޕްޝަނެއް ހިންގާފައިވާ ކަމަށް ނުވަތަ ރާވައިގެން ވައްކަމެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައި ނުވާ ކަމަށެވެ.

"ފާހަގަކުރެވިފައި ހުރީ އިދާރީގޮތުން ފުރިހަމަ ކުރަންޖެހޭ ބައެއް ކަންތައްތައް ފުރިހަމަ ނުކޮށް އޮތްކަން. އެކަންކަމާ ގުޅިގެން މިއަދު ވަރަށް ރީޒަނަބަލް އެކްސްޕްލަނޭޝަންސް ދެއްވާފަ އެވަނީ ޑިޒާސްޓާއިން،" މެމްބަރު ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން އެންޑީއެމްއޭއިން މަސައްކަތް ކުރަމުން ގޮސްފައި ވަނީ އާންމު ހާލަތުގައި ނޫންކަން އެންމެން ވެސް ދަންނަން ޖެހޭ ކަމަށެވެ. އެހެންކަމުން ބައެއް ކަހަލަ އެޑްމިނިސްޓްރޭޓިވް ކަންކަން ނުކުރެވި ހުރެދާނެ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގުނަންޖެހޭ މާސްކް ފޮށިގަނޑެއް ނުގުނި ހުރެދާނެ، އެހެން ނޫންނަމަ ކޮންމެ ފަހަރަކު ބިލެއް ނުފޮނުވި އޮވެދާނެ. ނުވަތަ ކޮޓަރިއެއްގަ ނިދީ ކާކުތޯ ގަވާއިދުން ނުބެލި ހިނގައިދާނެ. އެކަމަކު އެއިން އެއްވެސް ކަމެއްގައި މައްސަލައެއް ނުފެނޭ،" މެމްބަރު ވިދާޅުވިއެވެ.

ހަމައެއާއެކު އޮޑިޓަކީ އެކައުންޓިން މަރުހަލާތަކެއް ފުރިހަމާ ކުރާ އެއްޗެއް ކަމަށާއި އޭގައި އަޅާކިޔާނީ ހިސާބު ނަންބަރުތައް ކަމަށާއި ހާލަތު އަޅާނުކިޔާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އެހެންކަމުން އޮޑިޓް ރިޕޯޓު ނުކުތުމަށްފަހު އިތުރަށް ތަހުގީގުކުރަން ޖެހޭ ކަމެއް އޮޑިޓާ ޖެނެރަލް ފާހަގަކޮށްފައި ވާނަމަ، އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުން އެކަން ކުރާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"މިއަކު ނެތް އެކަހަލަ ކަމެއް ފާހަގަކޮށްފައެއް. އެހެންވީމަ އަޅުގަނޑަކަށް ނޭނގޭ އުޑު ބޮލަށް ވެއްޓޭވަރުގެ ކޮރަޕްޝަނެއް ހިނގައިގެން މިތަނުގައި އެބަ އުޅޭ ކަމަކަށް،" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ 200 އެއްހާ މިލިއަން ރުފިޔާ ހަރަދުކޮށްފައި ހުރި އިރު މައްސަލަ ޖެހިގެން އުޅެނީ ދެ ލައްކައެއްހާ ރުފިޔާގެ ކަމަށާއި، މައްސަލަ ޖެހިގެން އުޅެނީ މީހަކު އެ ފައިސާ ވަގަށް ނަގައިގެން ނޫން ކަމަށާއި އޭގެ ތަފްސީލުތައް އެންމެ އެކަށީގެންވާ ގޮތަށް ރެކޯޑު ކުރެވިފައި ނުވާތީ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އޮޑިޓު ރިޕޯޓުގައި އަގުބޮޑުކޮށް އެއްޗެހި ގަނެފައިވާކަމަށް ބުނި ނަމަވެސް، އަގުތައް އަޅާކިޔާފައި ވަނީ އާންމު ހާލަތުގައި ބާޒާރުގައި ހުރި އަގުތަކާ ކަމަށާއި، ނަމަވެސް މިއީ އާންމު ހާލަތަކަށް ނުވުމުން އެއީ އެންމެ ރަނގަޅު އަޅާކިޔުން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އަގު ބޮޑުކޮށް އެއްޗެހި ގަނެވުނުކަން ފާހަގަވި ހިސާބުން، މޭ މަހުގެ ހަތް ވަނަ ދުވަހު އެ ފައިސާ އަނބުރާ ހޯދާފައިވާކަމަށް އެންޑީއެމްއޭ އިން މިއަދު ވަނީ ބުނެފައެވެ. އެވާހަކައާ ގުޅިގެން ރޮޒައިނާ ވިދާޅުވީ އެ ފައިސާވެސް މީހަކު ވަގަށް ނެގީ ނޫން ކަމަށާއި، އަނބުރާ ފައިސާ ހޯދާފައިވާތީ އެކަމުގައި ވެސް މައްސަލައެއް ފާހަގަކުރެއްވޭ ކަމަށެވެ.

"އެއްގޮތަކަށް ވެސް މިތާކު ފާހަގައެއް ނުކުރެވޭ ރާވައިގެން ވައްކަމެއް ކުރަންވެގެން ނޫނީ ލާރިތަކެއް ނަގަން ވެގެން މަސައްކަތްކޮށްފަ ހުރިތަނެއް،" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ އެންޑީއެމްއޭ އިން ދޮގު ހަދައިގެން ވާހަކަތަކެއް ދެއްކި ނަމަ، ނުވަތަ "ލާރިގަނޑެއް ކާލައިގެން" އުޅޭނަމަ އެކަން ފާހަގަކުރެވޭނެ ކަމަށެވެ.

"ދުއިސައްތަ މިލިއަން ރުފިޔާގެ ޓްރާންސެކްޝަން ހިނގާފަ ހުރި އިރު ދެ ލައްކައެއްހާ ރުފިޔާގެ މިގޮތަށް ހުރި ކަންތައްތަކެއް ފެނުނީމާ އެއީކީ ހަގީގަތުގަ އެކައުންޓިން ދުނިޔޭގައި ވެސް ނުބަލާނެ ބޮޑު ވައްކަމެއް ކަމަކަށް،" ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެންޑީއެމްއޭ އިން މައްސަލަތައް ހައްލުކޮށް، އަލުން އެފަދަ ކަމެއް މެދުވެރި ނުވާނެ ގޮތަކަށް ކަންކަން ކުރަމުން އަންނަ ކަން ވެސް ރޮޒައިނާ ފާހަގަކުރެއްވިއެވެ.

"މި ހާލަތުގައި ގެއަށް ނުގޮސް، އަނބިދަރިންނާ ވަކިން ދުރުގަ ތިބެގެން ހޭބޯނާރާ މަސައްކަތް ކުރި ބައެއްގެ ބޮލުގަ އަދި ތަނެއްގައި ތިބި އާދައިގެ ސްޓާފުންގެ ބޮލުގަ ވަގު ބަދުނާމު އެޅުވޭ ގޮތަކަށް ނޫން އިނގޭތޯ މި ރިޕޯޓަށް ބަލާލިޔަސް އަދި އޮޑިޓާ ޖެނެރަލް ވެސް މިކަމާ ގުޅިގެން ބައެއްގެ ބޮލުގައެއް ވަގު ބަދުނާމު އަޅުވާފައެއް ނެތް. މީކީ ކޮރަޕްޝަންގެ މައްސަލައެއް ވެސް ނޫން، ވައްކަމުގެ މައްސަލައެއް ވެސް ނޫން. މި ހާލަތުގައި މަސައްކަތް ކުރި އިރު ފުރިހަމަ ކުރަންޖެހޭ އެޑްމިނިސްޓްރޭތިވް ބައެއް މަސައްކަތްތައް ފުރިހަމަ ނުކުރެވި ހުރިކަން،" ރޮޒައިނާ ވިދާޅުވިއެވެ.

comment ކޮމެންޓް