ކޮވިޑް-19އަށް އެކޮމަޑޭޝަން ހަމަޖެއްސި ގޮތް އެންޑީއެމްއޭއިން ދިފާއުކޮށްފި

މިއަދުގެ ޕްރެސް ކޮންފަރެންސްގެ ތެރެއިން --

ކޮވިޑް-19އާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތް ކުރި މުވައްޒަފުން މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކުގައި ބޭތިއްބުމަށާއި، އައިސޮލޭޓު ކުރަން ޖެހޭ މީހުން ދައުލަތުގެ ހަރަދުގައި ރިސޯޓުތަކުގައި ބޭތިއްބުމަށް އަމަލު ކުރި ގޮތް ނޭޝަނަލް ޑިޒާސްޓާ މެނޭޖެމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ދިފާއުކޮށްފި އެވެ.

އިއްޔެ އޮޑިޓް އޮފީހުން ނެރުނު އެެންޑީއެމްއޭގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓުގައި ވަނީ އެކޮމަޑޭޝަން ހަމަޖެއްސުމުގައި ހުރި މައްސަލަތަކެއް ފާހަގަކޮށްފަ އެވެ. އެ އޮޑިޓް ރިޕޯޓަކީ އެންޑީއެމްއޭއިން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން 30ގެ ނިޔަލަށް ކޮވިޑް-19އާ ގުޅިގެން ކުރި ހަރަދުތަކުގެ ރިޕޯޓެކެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭއިން ވަނީ އެ ކަންކަން ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ.

ކޮޓަރިތަކުގެ ރޭޓުތައް ކަނޑައެޅިން: އެންޑީއެމްއޭ

އޮޑިޓް ރިޕޯޓުގައި ފާހަގަ ކުރި އެއް ކަމަކީ، ގެސްޓްހައުސްތަކުގައި ފްރަންޓްލައިން މުވައްޒަފުން ބައިތިއްބަން އެންޑީއެމްއޭއިން ގެސްޓްހައުސްތަކާއެކު އެއްބަސްވުން ހަދާފައި ނުވާ ކަމަށެވެ. އެއްބަސްވުމެއް ތައްޔާރުކޮށްފައި ނުވުމުން، ވަކިވަކި ގެސްޓްހައުސްތަކުން ދެނީ ކޮން ހިދުމަތްތަކެއް ކަމާއި، އެ ހިދުމަތް ފޯރުކޮށްދޭން ޖެހެނީ ކޮން ރޭޓެއްގައިކަން އެނގެން ނެތް ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.

އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ގެސްޓްހައުސްތަކުގައި މީހުން ބޭތިއްބުމުގެ އުސޫލެއް ކަނޑައެޅި ކަމަށެވެ. އަދި އުސޫލުގެ ތެރެއިން މީހުން ބައިތިއްބަން ރޭޓުތައްވެސް ވަނީ ކަނޑައަޅާފައި ކަމަށެވެ. އަދި އެކަމަށް އެއްބަސްވެފައިވެސްވާ ކަމަށް ވިދާޅުވި އެވެ.

އެ އުސޫލުގެ ތެރެއިން، ފުލް ބޯޑް، ޝެއާ ކުރާ ގޮތަށް، އަދި ރޫމް ލޯންޑްރީ ސާވިސްއާ ދުވާލަކަށް ހަމައެކަނި ކޮޓަރި ފަދަ ހިދުމަތްތަކަށް ރޭޓުތައްވެސް އުސޫލުގެ ތެރެއިން ކަނޑައަޅާފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ހޮޓާތަކުން ހިދުމަތް ހޯދުމުގެ ކުރިން ހޯޓާތަކަށް މި މުއާމަލާތްކޮށް، ހޮޓާތަކުން ހޯދަން ބޭނުންވާ ހިދުމަތުގެ ކޯޓޭޝަން ލިބުނީމަ އެކަމަށް އެއްބަސްވެ ޕީއޯ ރެއިޒްކުރެވިގެން ހޯޓާތަކުން ހިދުމަތް ހޯދާފައިވާނީ،" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، އެންއީއޯސީއިން ދިޔައީ ގެސްޓްހައުސްތަކުގެ ކޮޓަރީގެ މައުލޫމާތު ފަދަ ކަންކަން އެޖެންސީތަކަށް އަންގަމުން ކަމަށެވެ. އަދި އެޖެންސީތަކުން ދިޔައީ އެތަންތަނުގައި މަސައްކަތް ކުރާ ފްރަންޓްލައިން މުވައްޒަފުންގެ މައުލޫމާތު ގެސްޓްހައުސްތަކާ ހިއްސާކޮށް ކޮޓަރިތައް ހަމަޖައްސަމުން ކަމަށް ވިދާޅުވި އެވެ.

އޮކިއުޕަންސީ ކަށަވަރު ކުރިން: އެންޑީއެމްއޭ

އެންޑީއެމްއޭއިން ގެސްޓްހައުސްތައް ހިފީ އެތަންތަނުގައި ހުރީ ކިތައް ކޮޓަރި ކަމާއި، އެ ކޮޓަރިތައް ހިފާފައިވާ މުއްދަތާއި އެތަންތަނުގައި ތިބީ ކިތައް މީހުންކަން ކަށަވަރު ނުކޮށް ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ.

ނަމަވެސް، ހިސާން ވިދާޅުވީ، އެކަންކަން ބަލަހައްޓާފައިވާނެ ކަމަށެވެ. އަދި ގެސްޓްހައުސްތަކުގައި މުވައްޒަފުން ބޭތިއްބުމާ ބެހޭ ތަފާސްހިސާބުތަކެއްވެސް އޭނާ ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެކަމަށް 85 ގެސްޓްހައުސްއެއްގެ 1099 ކޮޓަަރި ކުއްޔަށް ހިފި އެވެ. އަދި އެ ކޮޓަރިތަކުގައި ޖުމްލަ 1777 ގިނަ މީހުން ބޭތިއްބި އެވެ.

އެއް ގެސްޓްހައުސްތަކަށް ބޭނުން ނުކުރާ ކޮޓަރިތަކަށްވެސް ފައިސާ ދައްކާފައިވާ ކަމާއި، ކޮޓަރި ބޭނުން ކުރި މުއްދަތަށް ވުރެ އިތުރަށްވެސް ބައެއް ހާލަތްތަކުގައި ފައިސާ ދައްކާފައިވާ ކަމަށް އޮޑިޓުގައިވެ އެވެ.

އެކަމާ ގުޅިގެން ހިސާން ވިދާޅުވީ، ނަގާފައިވާ ހުރިހާ ކޮޓަރިތަކަކީވެސް ހިދުމަތް ހޯދަން ނެގި ކޮޓަރިތަކެއް ކަމަށެވެ. ނަމަވެސް، ބައެއް ފަހަރު އެއް ކޮޓަރީގައި ތިބޭ މީހުން، މިސާލަކަށް ބައެއް އަންހެން މުވައްޒަފުން، އެހެން އަންހެން މުވައްޒަފުންގެ ކޮޓަރިތަކަށް ބަދަލުވުން ފަދަ ކަންތައް ހިނގާފައިވުމުން ކޮޓަރިތައް ހުސްވެފައިވާނެ ކަމަށެވެ.

"ރިޒޯޓަށް ފައިސާ ދެއްކީ ރަނގަޅަށް"

ރިސޯޓުތަކުގައި މީހުން އައިސޮލޭޓު ކުރަން ބޭތިއްބި ރޭޓަކީ ކޮޓަރިއަކަށް ދުވާލަކު 750 ރުފިޔާ ދައުލަތުން ދައްކާ ގޮތަށެވެ. ނަމަވެސް، މީހުން ބޭތިއްބި ރިސޯޓަކަށް ޓީޖީއެސްޓީގެ 12 ޕަސެންޓު އިތުރުކޮށްގެން، ކޮޓަރިއަކަށް ދުވާލަކު 840 ރުފިޔާގެ ރޭޓުން ބިލުކޮށްފައިވާ ކަމަށް އޮޑިޓުގައިވެ އެވެ. އެހެންކަމުން، އެއްބަސްވި ރޭޓަށް ވުރެ އިތުރަށް އެ ރިޒޯޓަށް 206،000 ރުފިޔާއަށްވުރެ ގިނައިން ދައްކަން ޖެހުނު ކަމަށްވެ އެވެ.

މިއަދު ހިސާން ވިދާޅުވި ގޮތުގައި، އެ ރިޒޯޓަކީ މަލަހިނި ކުޑަބަނޑޮހެވެ. އެ ރިޒޯޓަށް އެގޮތަށް ފައިސާ ދެއްކީ ޓޫރިޒަމް މިނިސްޓްރީއާ އެ ރިޒޯޓާ ދެމެދު ވެވުނު އެއްބަސްވުމާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެކަމުގައި ގޯހެއް އުޅޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ. ހިސާން ވިދާޅުވީ، ޖީއެސްޓީ އަކީ އަނބުރާ ދައުލަތަށް އަންނަ ފައިސާއެއް ކަމުން އެ މުއާމަލާތުން ދައުލަތަށް ގެއްލުންވި ކަމަކަށްވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ހިސާން އިތުރަށް ވިދާޅުވީ، ކުޑަބަނޑޮހާއެކު ހެދި އެ އެއްބަސްވުން ފަހުން 750 ރުފިޔާގެ ރޭޓަށް ބަދަލުވެސް ކުރި ކަމަށެވެ.

އޮޑިޓް އޮފީހުން އެކުލަވާލި އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ރިޒޯޓުތަކާއި މާލޭޭ ސަރަހައްދުގެ ގެސްޓްހައުސްތައް ހިފަން 30 ޖޫންގެ ނިޔަލަށް އެންޑީއެމްއޭއިން 35.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ނަމަވެސް، އެ ހަރަދުތައް ކުރި ގޮތުގައި މާލިއްޔަތު ގަވައިދާ ހިލާފު ބައެއް ކަންތައްތަކެއް ހުރިކަން ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެންޑީއެމްއޭގެ މާލީ ޒިންމާދާރުވެރިޔާ އާއި ފައިސާ ހަރަދު ކުރަން ހުއްދަ ދޭ ފަރާތްތަކުން މަސްއޫލިއްޔަތު އެންމެ އެކަށީގެންވާ ގޮތެއްގައި އަދާ ކުރި ކަމަށް އެ އޮފީހުން ނުދެކޭ ކަމަށެވެ.

comment ކޮމެންޓް