މީގެ ކުރިން އާންމުކޮށް ގަންނަ ބާވަތްތަކުގެ މުދަލުގެ އަގަށް ފާއިތުވި ދެެތިން މަސް ތެރޭ ވަނީ ބޮޑެތި ބަދަލުތައް އައިސްފަ އެވެ. އެކަން އެންމެ ބޮޑަށް ފާހަގަވަނީ ކެއިން ބުއިމުގައި ބޭނުންކުރާ ތަކެއްޗާއި ކޮސްމެޓިކްސް ފަދަ އާންމު ދިރިއުޅުމުގައި، ކޮންމެ ދުވަހަކު ބޭނުން ކޮށްއުޅޭ ތަކެތީގެ އަގަށް އައިސްފައިވާ ބަދަލުންނެވެ.
މީގެ ކުރިން 40 ރުފިޔާ އަށް ގަންނަމުން ދިޔަ ލޯޝަން ފުޅީގެެ އަގު މިމަހު ހުރީ 50 ރުފިޔާގަ އެވެ. އަދި 95 ރުފިޔާ އަށް ގަތް ކިރު ޕެކެޓުގެ އަގު 115 އާއި 130 ރުފިޔާއާ ހަމައަށް އުފުލިއްޖެ އެވެ. މޭވާ އާއި ތަރުކާރީގެ އަގު މިހާރު ހުރީ އާންމުކޮށް ގަނެގެން ކޮންމެ ދުވަހަކު ކައި އުޅެވޭނެ ވަރަށްވުރެ އަތްނުފޯރާ ފަށަށް އުފުލިފަ އެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވެފައި، ބޭރުން މުދާ ގަތުމަށް ބޭނުންވާ ބޭރު ފައިސާގެ ދަތިކަމާއި ބޭރު ފައިސާގެ އަގު އުފުލިގެން ދިޔުމަކީ ތަކެތީގެ އަގު ބޮޑުވުމަށް މެދުވެރިވާ އެއް ސަބަބެވެ.
ކޮވިޑްގެ ކުރިން ޑޮލަރުުގެ މާކެޓު ރޭޓުގައި، 15.42 އަށް ޑޮލަރު ލިބުމުގައި ދައްޗެއް ނެތެވެ. ނަމަވެސް ކޮވިޑް އައިސް ޓޫރިޒަމް ހުއްޓުވާލި ހިސާބުން ޑޮލަރު ލިބުމަށް ހުރި މަގުތައް އެއްކޮށްހެން ރާއްޖެއަށް ބަންދުވީ އެވެ. ބްލެކް މާކެޓުގައި ޑޮލަރުގެ އަގު 20 ރުފިޔާ އަށް 19 ރުފިޔާ އަށް އުފުލި، އެނޫން ގޮތަކަށް ޑޮލަރު ހޯދުމަކީވެސް ދައްޗަކަށްވި އެވެ.
ބޭރުން މުދާ އެތެރެކުރުމަށް ވިޔަފާރިވެރިން ހޭދަކުރަންޖެހޭ ފައިސާގެ އަގު މިއާއެެކު އިތުރުވެ، ބާޒާރުގައި އަގުތައް ވަނީ އުފުލެން ފަށައިފަ އެވެ. މީގެ ކުރިން ތިން ރުފިޔާ އާއި ފަސް ރުފިޔާ އާއި ދެމެދު ގަންނަން ލިބޭ އާފަލާއި އޮރެންޖުގެ އަގު ހަ ރުފިޔާ އަށްވުރެ ދަށެއް ނުވެ އެވެ. އާންމުކޮށް ގޭގޭގައި ބޭނުންކުރާ ހިކި ކިރުގެ އަގު ވަނީ ބޮޑުވެފަ އެވެ. ޖޫހާއި، ކޮފީގެ އިތުރުން ކޮސްމެޓިކްސްގެ އަގުތައްވެސް ބޮޑުވެއްޖެ އެވެ.
ރާއްޖޭގައި މިހާރު މި އޮތީ އިމްޕޯޓެޑް އިންފްލޭޝަން ސިނާރިއޯ އެކެވެ. އޭގެ މާނައަކީ، ދިވެހި ރުފިޔާގެ އަގު ވެއްޓުމުގެ ސަބަބުން އިމްޕޯޓް ކުރަން ހޭދަކުރަން ޖެހޭ ފައިސާ ގިނަވެ، ތަކެތި އަގުބޮޑުވަނީ އެވެ.
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް ގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖޫން މަހާ އަޅާބަލާއިރު ޖުލައިމަހު ރާއްޖޭގެ އިންފްލޭޝަން ވަނީ 2.81 ޕަސެންޓު އުފުލިފަ އެވެ. ޖުލައި މަހުގެ ނިޔަލަށް އަގު އުފުލިފައިވާ ބާވަތްތަކުގެ ތެރޭގައި ތަރުކާރީ، ބިހާއި ކިރުގެ ބާވަތްތައް އަދި ހޮޓާ ރެސްޓޯރެންޓުތަކުގެ އަގުތައްވެސް ހިމެނެ އެވެ. ބާޒާރުން ކާބޯތަކެތި ގަންނަން ލިބޭ އަގު ބޮޑުވުމަކީ ހޮޓާ ރެސްޓޯރެންޓުތަކުން ވިއްކާ ތަކެތީގެ އަގު ބޮޑުވާން މެދުވެރިވާނެ ސަބަބެކެވެ.
ބާޒާރު އަގުތައް އުފުލެމުންދާއިރު، ކޮންސިއުމާ ސްޕެންޑިން ލެވެލް ވެސް ނިސްބަތުން ދަށްވަމުންދާކަން ވިޔަފާރިވެރިން ފާހަގަކުރެ އެވެ. އެކަން ފިހާރަތަކުގެ ވިކުރާ އިންވެސް ދަނީ ފެންނަމުންނެވެ.
ބޭރުން މުދާ ގެނައުމަށް އޮތް ދައްޗަކަށް ޑޮލަރުގެ ދަތިކަން ވެފައިވާއިރު، އާންމުކޮށް ބާޒާރުން ފަސޭހައިން ލިބެން ހުންނަ މުދާ ބާޒާރުން މަދުވަމުންދާކަން ފާހަގަކުރެވެ އެވެ. ބައެއް މުދާ މިހާރު އެއްގޮތަކަށްވެސް ނެތޭ ބުނެވިދާނެ އެވެ. ވިޔަފާރިވެރިން ބުނާގޮތުން މިއީ ޑޮލަރުގެ ދަތިކަމާއި އަގުބޮޑުކަމުގެ ސަބަބުން ވާ ކަމެކެވެ.
"ކޮންމެހެން ބޭނުންވާ މުދާ ގެނައުމަށް މިހާރު އިސްކަން ދެނީ. އަނެއްކޮޅުން އެއާ ފްރެއިޓުކޮށް މުދާ ގެނައުމަކީވެސް ބޮޑު ހަރަދެއް. މި ހާލަތުގައި ބޭރުގެ މާކެޓުތަކުން މުދާ ލިބުމުގައި ވެސް ޑިލޭ އުޅޭ،" ވިޔަފާރިވެރިއަކު ބުންޏެވެ.
ރާއްޖެއަށް ފުޅާ ދާއިރާއެއް ކާބޯތަކެތި އެތެރެކޮށް ވިއްކާ ބީއެޗްއެމްގެ މާކެޓިން މެނޭޖަރު އިބްރާހިމް ޝަރީފް ވިދާޅުވީ ސަޕްލައި ސައިޑުން އެއްޗެހީގެ މައްސަލައެއް ދިމާ ނުވާ ކަމަށާއި ނަމަވެސް ބޭރު ފައިސާ ލިބުމުގައި ދަތިތައް ދިމާވެ، މުދާ ހޯދުމަށް ދަތިވެފައިވާ ކަމަށެވެ.
"ސަޕްލައި އިޝޫއެއް ނޫޅޭ. މި އުޅެނީ ފޮރިން ކަރަންސީ [ނުލިބުމުގެ] މަސައްލަ. ޓޫރިޒަމް ދާއިރާ އިން މިހާރު [ބޭރު ފައިސާ] ނުލިބޭ. ބޭންކުން ވިއްކަނީ ކޮންޓްރޯލު ކޮށްގެން. ދެން މިޖެހެނީ ބްލެކް މާކެޓުން ގަންނަން. ބްލެކް މާކެޓުގައި ޑޮލަރުގެ އަގު އުފުލެންޏާ މުދަލުގެ އަގުވެސް ބޮޑުވާނެ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބާޒާރުގައި ކާބޯތަކެތީގެ އަގު ފާއިތުވި ދެތިން މަސް ތެރޭ އުފުލިފައިވާ ކަމަށެވެ.
"ކާބޯތަކެތީގެ ހުރިހާ ޕްރޮޑަކްޓެއްގެ އަގު ދަނީ އުފުލެމުން. އަޅުގަނޑުމެންވެސް މި ގެންނަނީ ކޮންމެހެން ބޭނުންވާ ތަކެތި މިހާރު. ބޭނުންވާ ވަރަކަށް ޑޮލަރު ނުވެސް ލިބޭ. މުދާ ނެތުމުން ސޭލްސް އަށްވެސް އޭގެ އަސަރު ކުރޭ. ހުރިހާ ގޮތަކުންވެސް މިއީ އުނދަގޫ ދުވަސްވަރެއް،" ޝަރީފް ވިދާޅުވި އެވެ.
އަގުތައް އުފުލެމުންދާއިރު ބާޒާރު އަގުތައް ކޮންޓްރޯލު ކުރެވޭނެ މާބޮޑު މެކޭނިޒަމެއް ރާއްޖެއަކު ނެތެވެ. ޑޮލަރުގެ ދަތިކަމާއެކު ޑޮލަރު ބޭރުކުރުން ކޮންޓްރޯލު ކުރުމަށް ބީއެމްއެލްއިން ވެސް މިހާރު ޑޮލަރު ދޫކުރަމުން ދަނީ ކޮންމެހެން ބޭނުންވާ ޒަރޫރީ މުދާ އެތެރެކުރުމަށެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވެފައި ބޭރު ފައިސާ އާއި އަޅާބަލާއިރު ރާއްޖޭގެ ފައިސާގެ އަގު ދަށްވުމަކީ ތަކެތީގެ އަގު ބޮޑުވުމަށް މެދުވެރިވާ ސަބަބެވެ. ޑޮލަރުގެ ސަޕްލައި އަށް އަދި އަގަށް ހެޔޮ ބަދަލެއް ނާންނަނީސް މިވަގުތު މިކަން ކޮންޓްރޯލު ކުރުމަކީ ދަތިކަމަކަށް ވާނެ އެވެ.
ރާއްޖޭގައި މޭވާ އާއި ތަރުކާރީ ހައްދާ މިންވަރު އިތުރުކޮށް، އެތެރޭގެ މާކެޓަށް ބޭނުންވާ ވަރަށް ސަޕްލައި ކުރެވޭނެ ގޮތް ވުމަކީ މިފަދަ ހާލަތްތަކަށް ތައްޔާރުވުމަށް މުހިއްމު ކަމެކެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޮވިޑްއާ އެކު ޓޫރިޒަމް ހުއްޓުމާ އެކު މީގެ ކުރިން މަހެއްގެ މައްޗަށް އެވްރެޖްކޮށް 50 މިލިއަނެއްހާ ޑޮލަރު ލިބުނު ނަމަވެސް މިހާރު މަހެއްގެ މައްޗަށް ލިބެނީ ހަތަރު މިލިއަނެއްހާ ޑޮލަރެވެ. އަދި މަރުކަޒީ ބޭންކު އެމްއެމްއޭ އިން ވެސް މި ފަހުން ވަނީ ޑޮލަރު ރާއްޖޭގައި ހިފެހެއްޓުމަށް ފިޔަވަޅު އަޅާނެކަން ހާމަކޮށްފަ އެވެ.
މި ހާލަތުގައ ޑޮލަރުގެ އަގު އުފުލުނަ ނުދިނުމަކީ އިގްތިސާދު ހިފެހެއްޓުމަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅެކެވެ. ބޭރުފައިސާ އާއި އަޅާ ބަލާއިރު ދިވެހި ފައިސާގެ އަގު އިތުރަށް ވެއްޓޭނަމަ ނުވަތަ އަގު އިތުރަށް ދަށްވާނަމަ، ކުރިއަށް އޮތްތަނުގައިވެސް ބާޒާރު އަގުތައް އުފުލި އިތުރު ކަންބޮޑުވުންތަކާ ކުރިމަތިލާން ޖެހޭނެ އެވެ. އޭގެ ކުރިން ސަރުކާރުން ބާޒާރު ހަމަ މަގަށް އަޅުވަން ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މުހިންމެވެ.