މަޖުބޫރީ ހާލަތެއް ނެތް، ގެއްލުނު ފައިސާ ހޯދަން އެއްބާރުލުން ދޭނަން: އަދީބު

ހައިކޯޓުގައި ކުރިއަށްދާ އިސްތިއުނާފް އަޑުއެހުމުގައި އަދީބް:

ތަހުގީގަށް އެއްބާރުލުން ދިނުމަށް އެއްބަސްވުން ހަދާފައިވަނީ މަޖުބީރީ ހާލަތެއް އޮވެގެން ނޫން ކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ ހޯދުމަށް އެނގިހުރި މައުލޫމާތުތައް ދެއްވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭގޮތުން، އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީއާއި ފުލުހުންގެ ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ކްރިިމިނަލް ކޯޓުން ބޭރުކޮށްލުމުން އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް މިއަދު ހައި ކޯޓުގައި ފަށާފައިވާއިރު، އޭނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އަދީބު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި އޭރުގެ ގާޒީ އިސްމާއިލް ރަޝީދު އެ މައްސަލަ ބޭރުކޮށްލުމުން ދައުލަތުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް އަޑުއެހުންތަކުގައި ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވަނީ ވަކީލަކާ ނުލައި ކަން އަދީބު ވަނީ މިއަދުގެ އަޑުއެހުމުގައި ފާހަގަކޮށްފަ އެވެ.

އެ މައްސަލައިގައި ދައުލަތުން ފާހަގަކުރި ނުކުތާތަކަށް ދޭނެ ރައްދެއް ނެތް ކަން ފާހަގަކޮށް މިއަދުގެ އަޑުއެހުމުގައި އަދީބު ވިދާޅުވީ، މިހާރު ކުރިއަށްދާ މައްސަލައަކީ މައުޟޫއީ ގޮތުން ބަލައި ނިންމަންޖެހޭ މައްސަލައެއް ކަމަށާއި އެހެން ކަމުން އެކަމާ ގުޅޭ ގޮތުން ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. ބޭނުންފުޅުވަނީ އަވަހަށް މައްސަލަ ބަލައި ނިންމަން ކަމަށް ވިދާޅުވި އެވެ.

އެހެންނަމަވެސް އޮޅުން އަރާފައިވާ ކަންތައްތަކެއް ސާފުކޮށްދެއްވަން ބޭނުންފުޅުވާ ކަން ފާހަގަކުރައްވައި އަދީބު ވިދާޅުވީ، ކޮވިޑާ ގުޅިގެން އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ކޮށް ކަމަށާއި އިންޓަނެޓް ކަނެކްޝަން ދަށް ކަމުން އެކަމުން ކުރެވުނު ނަތީޖާ ހިތި ކަމަށެވެ.

ކުރިމިނަލް ކޯޓުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދިޔައިރު ދެއްކި ވާހަކަތައް ރަނގަޅަށް ސާފުވެފައި ނުވާއިރު އޭނާގެ ވަކީލު ކައިރީގައި ނެތުމުން 'ސިއްރުން' ދައްކަވަން ޖެހޭ ބައެއް ވާހަކަތައް ނުދެއްކި އުދަނގޫ ތަކެއް ކުރިމަތިވިކަން އަދީބު ވަނީ ފާހަގަކޮށްފަ އެވެ.

"ދައުލަތުން ވެސް އޮންދަ ސްޕޮޓްގައި ދިޔައީ ޖަވާބު ދެމުން. ދިޔައިރުގައި އަންނަނީ ވަރަށް ސްލޯ ކޮށް އެހެން ނަމަވެސް އަޅުގަނޑަށް މިހާރު ގަބޫލުކުރެވޭ ގޮތުގައި ބައެއް ކެނޑިކެނޑިގެން އައީމަ އަޅުގަނޑަށް ދޭހަވީ ވަރަށް ނުބައި ގޮތަކަށް ދައުލަތުގެ ވާހަކަތައް،"

އެ ދުވަހު ދައުލަތުން ދެއްކެވި ބައެއް ވާހަކަތައް ދޭހަވި ގޮތް އަދީބު ވަނީ މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ކިޔައިދެއްވާފަ އެވެ.

އެގޮތުން މީގެ ކުރިން އޭނާގެ ބޭސްފަރުވާއަށް ހުރަސް އެޅިފައި އޮތް ނަމަވެސް އެ ދުވަހުގެ ދައުލަތުގެ ވާހަކަތައް އަޑުއިވުނު ގޮތުން ހީވެފައި އޮތީ އެކަމަށް ވެސް ހުރަސް އެޅިފައި ނުވާ ކަމަށާއި އަދި ދައުލަތާ އެކު ވެފައިވާ އެއްބަސްވުންތައް ޑްރާފްޓްކޮށް ލިއުނީ ވެސް އޭނާކަމަށް ދައުލަތުގެ ވާހަކަތައް އިވުނު ގޮތުން ހީވެފައި އޮތް ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑު ފަހުން އަޅުގަނޑާއު ވަކީލާއި ކޯޓު ޑޮކިއުމެންޓްސްއާއި ވަކީލުންގެ ބަޔާންތައްކީމަ އަޅުގަނޑަށް އެނގޭ އެހެން ނޫންކަން އަސްލު މި ވާހަކަތައް ދިޔައީ. އެހެންވީމަ އޮންލައިންކޮށް މި ގެންދިޔަ ތަޖުރިބާ އަޅުގަނޑަށް ވަރަށް ހިތިކޮށް މި ދިޔައީ،" އަދީބު ވިދާޅުވި އެވެ.

އެކަމާ ހިތާމަކުރާކަން ފާހަގަކޮށް އަދީބު ވަނީ ޕީޖީގެ ވަކީލުންނާއި ޕީޖީ ހުސައިން ޝަމީމްގެ ފަރާތުން އަދީބު ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.

"ޕޮލިސް އޭސީޕީ ރިޔާޒު އަދި ކުރީގެ ޕްރޮސިކިއުޓާރ ޖެނަރަލް ބިޝާމް އަޅުގަނޑަށް ޓޯޗާރ ކޮށް ނުވަތަ އަޅުގަނޑަށް މަޖުބޫރުންނޭ އަޅުގަނޑުލައްވާ ސޮއި ކުރީ. އެހެން އަޅުގަނޑު ބުނެފަކާއެއް ނޯންނާނެ. މި ބުނާހެން އެ މިސްއަންޑަސްޓޭންޑިންތައް ދިޔައީ އެގޮތަށް،" އަދީބު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި އިނގޭ މިންވަރަކުން ކިޔައިދީ އެއްބާރުލުން ދިނުމަށް ތަހުގީގުގައި އިސްވެ ދެންނެވީ ވެސް އޭނާ ކަން އަދީބު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، އެ ދުވަހުން ފައްޓަވައިގެން ތަހުގީގަށް އެއްބާރުލުން ދޭ ކަމަށާއި އެކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ބަލައި ނިންމުމަށް މި ސަރުކާރުގައި ގާބިލް ކަމާއި އިހްލާސްތެރިކަން އޮތްކަމަށް އަދީބު ވިދާޅުވި އެވެ. އަދި އެކަމުގެ ތެރެއިން ގެއްލިފައިވާ ފައިސާ އަކީ ރައްޔިތުންނަށާއި ދައުލަތަށް ހޯދައި ދޭން ޖެހޭނެ ފައިސާއެއް ކަމަށް އަދީބު ވިދާޅުވި އެވެ.

އެ މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޝަރީއަތުން ގޮތެއް ނިންމުން ކަން މިއަދުގެ އަޑުއެހުން ނިންމަވާލައްވަނުން ރިޔާސަތުން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް