އިރުމަތީ ގުދުސްގައި ހުރި މިސްކިތެއް ތަޅާލަން އިސްރާއީލުގެ ކޯޓަކުން އަމުރުކޮށްފި

އިސްރާއީލުން ވަނީ ގުދުސްގައި ހުރި ފަލަސްތީނުގެ ރައްޔިތުންގެ ގެތައް ތަޅާ މިންވަރު އިތުރުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ގުދުސް (ސެޕްޓެމްބަރު 15): އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގެ މިސްކިތެއް ތަޅާލަން އެގައުމުގެ ކޯޓަކުން އަމުރުކޮށްފި ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ފަލަސްތީނުގެ މީޑިއާތަކުގައިވާ ގޮތުން އިރުމަތީ ގުދުސްގެ ސިލްވާންގައި ހުރި މިސްކިތެއް ތަޅާލަން އިސްރާއީލުގެ ކޯޓަކުން އަމުރު ކުރީ އެއީ ހުއްދައަކާ ނުލައި އަޅާފައިވާ މިސްކިތެއް ކަމަށް ބުނެ އެވެ. އަދި އެ އަމުރާ ދެކޮޅަށް މައްސަލައެއް އޮތް ނަމަ އެކަން ހުށަހަޅަން 21 ދުވަހުގެ މުހުލަތެއް ދީފައިވާ ކަަމަށް ފަލަސްތީނުގެ ރައްޔިތުން ބުންޏެވެ.

ދެހާސް ބާރަވަނަ އަހަރު އަޅާފައިވާ ދެ ފަންގިފިލާގެ އެ މިސްކިތް ތަޅާލަން 2015 ވަނަ އަހަރުވެސް އިސްރާއީލުގެ ކޯޓަކުން އެންގި އެވެ. ނަމަވެސް އެ އަމުރު ތަންފީޒެއް ނުކުރެ އެވެ.

ފާއިތުވި އަހަރުތަކުގައި އިސްރާއީލުން ވަނީ ސިލްވާންގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ އެތައް ގެޔެއް އަތުލާ، އެގެތައް އިސްރާއީލުގެ ރައްޔިތުންނަށް ދީފަ އެވެ.

ގުދުސްގެ މައްސަލަ މޮނިޓާ ކުރާ އިސްރާއީލުގެ ގުރޫޕެއް ކަމަށްވާ އިރު އަމީމް އިން ބުނި ގޮތުގައި މިދިޔަ އަހަރު އެގައުމުން ވަނީ އިރުމަތީ ގުދުސްގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ގެތައް ތަޅާ މިންވަރު އިތުރު ކޮށްފަ އެވެ. އެގޮތުން 2018 ވަނަ އަހަރު 72 ގެ ތަޅާލި ކަމަށާއި މިދިޔަ އަހަރު އެ އަދަދު 104އަށް އިތުރު ކޮށްފައިވާ ކަމަށް އެ ގުރޫޕުން ބުންޏެވެ.

އިސްރާއީލުން ބުނާ ގޮތުގައި އެގައުމުން ތަޅާލަނީ ގަވާއިދާ ހިލާފަށް ރޭނުމުގެ ސަބަބުން ކޯޓުން ތަޅާލަން ހުއްދަދޭ ގެތަކެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ވަނީ އިސްރާއީލުން އެމީހުންގެ ގެތައް ތަޅާލުމަށް ފަހު އާ ގެތައް އެޅުމަށް ހުއްދަ ދޭން ދެކޮޅު ހަދާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް