ޔަމަނަށް އެހީވާން އުޅުނު ކުދީންނަށް ޖޯލީގެ ބޮޑު އެހީއެއް

އެންޖެލީނާ ޖޯލީ ---

ޔަމަނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ލުނބޯ ޖޫސް ވިއްކަން އުޅުނު އިނގިރޭސިވިލާތުގެ ދެ ކުދީންނަށް މަޝްހޫރު އެކްޓަރު އެންޖެލީނާ ޖޯލީގެ ފަރާތުން ފައިސާގެ އެހީ ފޯރުކޮށްދީފި އެވެ.

އިނގިރޭސިވިލާތުގެ އުމުރުން ހަ އަހަރުގެ ސްކޫލު ދެ ކުދީން ކަމަށްވާ އަޔާން މޫސާ އާއި މީކާއީލް އިޝާ އާ ދެކުދީންނަކީ އިރުމަތީ ލަންޑަނަށް ނިސްބަތްވާ ދެކުދީންނެވެ. ޔަމަނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ފައިސާ ހޯދުމަށް އެ ދެ ކުދީން ލެމަނޭޑް ސްޓޭންޑެއް ބަހައްޓައި ލެމަނޭޑް ވިއްކަމުންދެ އެވެ.

އެކަން އެންޖެލީނާއަށް އެނގުމުން އެންޖެލީނާގެ މެނޭޖަރު ލައްވައި އަޔާންގެ ބައްޕަ ޝަކީލް މޫސާ ގުޅައި މީގެ ތިން ހަފްތާ ކުރީން ވަނީ ޑޮނޭޝަން ދޭން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި އެ އެހީ މިދިޔަ ހަފްތާ ބަންދުގައި އެންޖެލީނާ ވަނީ ޝަކީލް އަށް އެ ފައިސާގެ އެހީ ފޯރުކޮށްދީފައި ކަމަށް ޝަކީލް ބުންޏެވެ.

އެހެންނަމަވެސް އެންޖެލީނާ ފޯރުކޮށްދީފައި ވަނީ ކިހާވަރެއްގެ އެހީއެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އެންޖެލީނާގެ ފަރާތުން ދިން އެހީއަށް އަޔާން އާއި މީކާއިލް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

comment ކޮމެންޓް