އިހަވަންދޫއަށް އިމާރާތްކުރުމުގެ މަސައްކަތަށް ގެންދިޔަ ހަތް މީހަކު ޕޮޒިޓިވްވެއްޖެ

ހއ. އިހަވަންދޫ --- ސަން ފައިލް ފޮޓޯ

ހއ. އިހަވަންދޫގެ ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތަށް މާލެއިން ގެންގޮސްފައިވާ ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އިހަވަންދޫ ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓާ 'ސަން' އަށް ވިދާޅުވީ ހެލްތު ސާވިސް، މުހައްމަދު އަކްރަމް މިއަދު ވިދާޅުވީ މިއަދު ޕޮޒިޓިވް ވެފައިވާ ހަތް މީހުންގެ ތެރޭގައި ހިމެނެނީ ހަ ބިދޭސީންނާއި ދިވެއްސެއް ކަމަށެވެ.

އެމީހުން މާލެއިން އިހަވަންދޫއަށް ގެންގޮސްފައިވަނީ އެރަށު ސްކޫލުގައި ކުރިއަށްދާ އިމާރާތެއްގެ މަސައްކަތް ކުރުމަށް ކަމަށާއި އެމީހުން ހޯމް ކަރަންޓީނުގައި ތިބެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އުސޫލާ އެއްގޮތަށް މަސައްކަތް ކުރުމަށް ސްކޫލަށް ގެންދާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

"ހޯމް ކަރަންޓީނުކޮށްފައިވާ ބޭފުޅުން އެއީ. އެހެންނަމަވެސް އުސޫލުގެ ދަށުން މަސައްކަތް ކުރުމަށް ގެންދާނީ. އެ ބޭފުޅުން މަސައްކަތް ކުރަނީ ރޭގަނޑު 1800 އިން ފެށިގެން 2300 އަށް،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އެމީހުން މަސައްކަތް ކުރާ ތަނަށް ގެންދިޔުމާއި ގެނައުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާ ކަމަށެވެ. އަދި މަސައްކަތަށް ނޫން އެހެން ތަނަކަށް އެއިން އެއްވެސް މީހަކު ގޮސްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ މީހުން މަސައްކަތް ކުރުމަށް ދާ އިމާރާތަކީ ސްކޫލުގައި ވަކިން ހުންނަ އިމާރާތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ހުރިހާ އެންމެންގެވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާއިރު އެއިން އެއްވެސް މީހެއްގެ ކޮންޓެކްޓެއް ނުވާ ކަމަށް އަކްރަމް ފާހަގަކުރެއްވިއެވެ.

އަކްރަމް ވިދާޅުވީ މިހާރު ޕޮޒިޓިވްވި ކަން އެނގުނު ފަހުން އެމީހުން މަސައްކަތަށް ނުދާނެ ކަމަށާއި މިހާރު ތިބީ ރަށުގެ ރަށްވެހިގޭގައި ކަމަށެވެ.

އެ ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އަކްރަމް ފާހަގަކުރެއްވިއެވެ. އެއްވެސް ކޭސްއަކީ ހައި ރިސްކް ކޭސްއަކަށް ނުވާއިރު އެ ހުރިހާ އެންމެނަކީ އެސިމްޕްޓޮމެޓިކް ކޭސްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރަށުން ވައިރަސްގެ ކޭސްތައް ފެނުމުން އެރަށުގައި ރައްކާތެރި ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން ބޭރުގައި އުޅޭއިރު މާސްކް އެޅުމާއި ގިނަ މީހުން އެއްވެ އުޅުން މަނާކުރުމަށް ވަނީ މިހާރު އިރުޝާދު ދީފައި ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް