މިދިޔަ މަހު 28 ވަނަ ދުވަހު ހއ. އިހަވަންދޫ ކައިރީގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވި އަބްދުއްރަޝީދު މުޙައްމަދުގެ މަރުގެ މައްސަލާގައި އިހުމާލުވި ކަމަށް ބުނާ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އުމުރުން 68 އަހަރުގެ އަބްދުއްރަޝީދު ނިޔާވީ އޭނާގެ ދަރިފުޅާއެކު ދޯނީގައި އިހަވަންދޫ ކައިރިއަށް މަހަށް ނުކުމެ އުޅެނިކޮށް ލޯންޗެއް އެ ދޯނީގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައެވެ. އެ ވަގުތު ދޯނި ދުއްވަން ހުރީ މަސްވެރިކަން ކުރާތާ އެތައް އަހަރުތަކެއްވެފައިވާ އަބްދުއްރަޝީދެވެ. އެ އެކްސިޑެންޓްގައި އަބްދުއްރަޝީދު މޫދަށް ވެއްޓުނީ އޭނާގެ ގައިގައި ލޯންޗުން ޖެހިގެންނެވެ.
އެ ރޭގެ އިރުއޮއްސުނު ވަގުތު ކަނޑުމަތީގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި އެ ދޯނީގައި ރަޝީދުއާ އެކު މަހަށް ދިޔަ އޭނާގެ ދަރިފުޅު އަލީ ޝަރީފް 'ސަން' އާ ހިއްސާ ކުރީ ހިތާމައާއެކުއެވެ. އޭނާ ބުނީ ބައްޕަ ނިޔާވީ ބައެއްގެ އިހުމާލުން ކަމަށެވެ. ތުހުމަތު ކުރީ ލޯންޗުގައި ތިބިއަށް މީހުންނަށެވެ.
އެ ވާހަކަތައް ހިއްސާކުރަމުން އޭނާ ބުނީ މޫދުގައި އޮވެ، ބައްޕަ ގޮވާ ހެދުމުން ވެސް އަޅާ ނުލައި އެ މީހުން ދިޔައީ ކަމަށެވެ. އަދި އިހަވަންދުއަށް ގޮސް އިހަވަންދޫގެ ޕޮލިހަށާއި ސިއްހީ މަރުކަޒަށް ދިން މައުލޫމާތުގައި ވެސް މީހަކު މޫދަށް ވެއްޓުނުކަން އެނގުނު ކަމަށާއި، މީހަކު ގޮވާ އަޑު އިވުނު ކަމަށްވެސް އެ ލޯންޗުގައި ތިބި މީހުން ބުނި ކަމަށް ޝަރީފް ބުންޏެވެ.
ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓާ ގުޅިގެން އިހުމާލުގެ އެއްވެސް މައްސަލައެއް އަބްދުއްރަޝީދުގެ އާއިލާއަކުން ވެސް އަދި އެހެން ފަރާތަކުން ވެސް ފުލުހަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
ނަމަވެސް ފުލުހުން ބުނީ އެކްސިޑެންޓުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯއާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި އިހުމާލެއްވޭތޯ ބަލައި އެ ފަރާތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އެކްސިޑެންޓްވި ލޯންޗުގައި ތިބި މީހުންގެ މައުލޫމާތު ލިބިފައިނުވާތީ އެ މީހުންގެ ބަހެއް ވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.