ހއ. އިހަވަންދޫގައި މަސް ގަންނަ ސެންޓަރެއް އަޅަން 10 މިލިއަން ވަރަކަށް ޑޮލަރު ނުވަތަ 150 މިލިނިއަނެއްހާ ރުފިޔާ ބޭނުންވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިހަވަންދުއަށް ވަޑައިގެން ވިދާޅުވީ އިހަވަންދޫގައި މަސް ގަންނަ ސެންޓަރެއް ހެދުމުގެ މަޝްރޫއަށް ކުރީ ސަރުކާރުން ބަޖެޓުކޮށްފައި އޮތީ 1.9 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ފިޝަރީސް މިނިސްޓްރީގެ އަންދާޒާއަށް ބަލާއިރު އެއީ މަޝްރޫއަށް އެކަށީގެންވާ ވަރުގެ އަދަދެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެހެންވެ މި ސަރުކާރުން މިހާރު މަސައްކަތް ކުރަނީ، އިންވެސްޓަރެއް ގެނެސްގެން އިންވެސްޓާ ފައިނޭންސް މޮޑެލްއަކުން ނުވަތަ ކޮންޓްރެކްޓަރަށް ފައިސާ ދީގެން ކޮންޓްރެކްޓާ ފައިނޭންސް މޮޑެލްއަކުން ދިގު މުއްދަތަކަށް ބަހާލައިގެން އެ މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާ ތަފުސީލުކޮށް ވެސް މި ދަންނަވާލީ ތި ބޭފުޅުންނަށް ޔަގީންކަން އެރުވުމުގެ ގޮތުން އިރާދަކުރެއްވިއްޔާ އެ މައްސަލައަށް ދާއިމީ ހައްލެއް ނޫނީ އެ ޕްރޮޖެކްޓު މިއަހަރު ހަމަ ފުލް ސްކޭލްގައި ފަށާނެ ވާހަކަ ހަމަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އިހަވަންދޫގައި އާ އައިސްޕްލާންޓެއް ބަހައްޓައި ތެޔޮ ލިބޭނެ ގޮތް ހަމަޖެއްސުމަކީ އެ މަނިކުފާނުގެ ވައުދުފުޅެއްކަން ފާހަގަކުރައްވައި، އެ ވައުދާއި އެހެން ވައުދުތައް ވެސް ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
"ޖުމްލަ ގޮތެއްގައި މި ދަންނަވަން އުޅޭ ވާހަކައަކީ ރަށުގެ ރައްޔިތުންގެ ތަރައްގީއަށް ޓަކައި ކުރަން ހުރި ކަންކަމުގައި އަދި އަޅުގަނޑު އަމުދުން ވައުދުވެފައި ހުރި ކަންކަމުގައި އަދި ވައުދެއް ނުވެ އޮތަސް ހަމަ އިތުރަށް އަންނަ ރިކުއެސްޓުތަކުގައި ވެސް ވަރަށް ސަމާލުކަން ދީގެން އެކަންކަން ކޮށްދިނުމުގައި މަސައްކަތް ކުރާނެ ވާހަކަ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ހއ.ގެ އިތުރުން ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅު ފެއްޓެވީ މިއަދެވެ. އެ މަނިކުފާނު ވަނީ މިހާތަނަށް ހއ.އިން ހޯރަފުއްޓާއި ތުރާކުނަށް ވަޑައިގެންފައެވެ.