ބަންސާލީގެ "ގަންގޫބާއީ" އިން ޕާތު ބޮލީވުޑަށް

އެކްޓަރު ޕާތު ސަމްތާން--

ސްޓާޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ "ކަސޯޓީ ޒިންދަގީ ކޭ"ގައި އަނޫރާގް ބާސޫގެ ރޯލު ކުޅޭ ތަރި ޕާތު ސަމްތާނަށް ބޮލީވުޑުން ފުރުސަތެއް ލިބިއްޖެ އެވެ.

ބޮލީވުޑުގެ ޑިމާންޑު ބޮޑު ބަތަލާ އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ "ގަންގޫބާއީ ކަތިއަވާޅީ"ގެ ރޯލެއް ޕާތަށް މިހާރު މިވަނީ ކަށަވަރުވެފަ އެވެ. އަދި އޭނާ ވަނީ މި ފިލްމު ކުޅުމަށް އެއްބަސްވެ ސޮއިވެސްކޮށްފަ އެވެ. އެއާއެކު މި ފިލްމުވެގެންދާނީ ޕާތު ބޮލީވުޑަށް ތައާރަފްވާ ފިލްމަށެވެ. އަޖޭ ދޭވްގަން ފިރިހެން ލީޑުން ފެނިގެންދާއިރު ޕާތުގެ ރޯލަކީ ވަރަށް މުހިއްމު ރޯލެއްކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގްބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ"ގެ މައްޗަށް ބިނާކޮށް އެ ފިލްމު ގެނެސްދޭން ވަނީ ނިންމައިފަ އެވެ.

މާދަމާ ސިނަމާތަކުގައި އަޅުވަން ކުރިން ނިންމި މި ފިލްމު ރިލީޒްކުރުން މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. މި ފިލްމުވެގެންދާނީ 2018 ވަނަ އަހަރު ދީޕިކާ ޕަދުކޯން، ރަންވީރު ސިންހް އަދި ޝާހިދު ކަޕޫރު ލީޑު ރޯލުން ފެނިގެންދިޔަ ވަރުގަދަ ފިލްމު "ޕަދުމާވަތު" އަށް ފަހު ބަންސާލީ ގެނެސްދޭ ފުރަތަމަ ފިލްމަށެވެ.

comment ކޮމެންޓް