ތ. ގުރައިދޫގައި މޫދަށް ވެއްޓުނު ދުވަސްވީ މީހަކު މަރުވެއްޖެ

ތ. ގުރައިދޫ

ތ. ގުރައިދޫގައި ބަނދަރާ ދިމާލުން މޫދަށް ވެއްޓުނު އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވެފައި ވަނީ އުމުރުން 84 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެރަށު ކައުންސިލްގެ ރައީސް، އަލީ ރަޝީދު މިރޭ ސަން އަށް ވިދާޅުވީ، މިރޭ 08:45 ހާއިރު މީހަކު ބަނދަރަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އަދި އޭނާ އަކީ އާންމުކޮށް ވެސް ބަނދަރަށް އެރި އުޅޭ މީހެއް ކަމަށާއި، ސިއްހީ މައްސަލައެއް ހުންނަ ކަމަށް ވެސް އެނގިފައި ނުވާ ކަމަށެވެ.

"ރޭގަނޑު ވެސް ދުވާލުވެސް ގިނަ ވަގުތު ހަމަ ހޭދަކުރާނީ ބަނދަރު ޖޯލިފަތީގަ. އެ ހިސާބުގައި އާންމުކޮށް އުޅޭނީ،" ރަޝީދު ވިދާޅުވިއެވެ.

ފުލުހުން ބުނީ އޭނާ މަރުވީ، މޫދުން ނަގައިގެން ގުރައިދޫ ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް