ޚާޝޮގްޖީ މަރުގެ މައްސަލައިގައި އަށް މީހަކަށް ކުށް ސާބިތުވެ، ޖަލު ހުކުމް

ބަހްރެއިންގައި 2014 ވަނަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަމާލް ޚާޝޮގްޖީ ވާހަކަދައްކަނީ --- ފޮޓޯ : ދަ ނޭޝަނަލް

ތުރުކީގައި ހުންނަ ސައުދީ އެމްބަސީގެ ތެރޭގައި މަރާލި ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރުގެ މައްސަލައިގައި ދައުވާ ކުރެވޭ މީހުުންގެ ތެރެއިން އަށް މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ އެވެ.

ޚާޝުގްޖީގެ މަރުގެ މައްސަލައިގައި ދައުވާ ކުރެވޭ މީހުންގެ މައްސަލައި ސައުދީ ކޯޓުން ވަނީ ނިންމާލާފައެވެ.

ސައުދީ ކޯޓުން ވަނީ އެ މައްސަލަ ބަލައި ނިންމާ މަރުގެ މައްސަލައިގެ އުފުލާފައިވާ ދައުވާ އަށް މީހެއްގެ މައްޗަށް ސާބިތުވާ ކަމަށް ނިންމާފައެވެ. އެ އަށް މީހުންނަށް ވަނީ ޖަލު ހުކުމް އިއްވާފައެވެ.

އެގޮތުން ޖަލުގެ ހުކުމް އިއްވި މީހުންގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ މީހުންނަށް 20 އަހަރުގެ ހުކުމެއް އިއްވާފައިވަނީ ޚާޝުގްޖީ މަރާލުމުގައި ބައިވެރިވެފައިވާ ކަމަށް ބުނެއެވެ.

ދައުވާ ސާބިތުވި ބާކީ ތިބި ތިން މީހުންގެ ތެރެއިން އެކަކަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު ދެމީހަކަށް ވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ސައުދީ އަރަބިއްޔާގެ ޕަބްލިކް ޕްރޮސެކިއުޝަނުން މައްސަލަ ބަލައި ނިންމުމަށްފަހު ބުނެފައިވަނީ އެ މައްސަލައިގެ ޕަބްލިކް އަދި ޕްރައިވެޓް ކޭސްތައް މިހާރު ބަންދުކޮށްފައިވާ ކަމަށެވެ.

އަނިޔާވެރި ގޮތަކަށް ޚާޝުގްޖީ މަރާލެވިފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގަ އެވެ.

ޚާޝުގްޖީގެ މަރުގެ މައްސަލައިގައި ތަހުގީގު ކުރިއަށް ގެންދިޔަ ގޮތާ އަދި ކޯޓުގައި މައްސަލަ ނިމިގެން ދިޔަ ގޮތަށްވެސް ބައިނަލްއަގްވާމީ ފާޑުކިޔުންތައް ވަނީ އަމާޒުކުރެވިފަ އެވެ.

އެގޮތުން ކޯޓުގައި މައްސަލަ ނިންމާފައިވަނީ ޚާޝުގްޖީގެ މަރަކީ ދުރާލައި ރޭވިގެން ހިންގި އަމަލެއް ނޫންކަމަށެވެ. މިއީ ސައުދީ ސަރުކާރުގެ ފަރާތުންވެސް ކުރީން ހިންގި ތަހުގީގުގައި ވެސް މައްސަލަ ނިމިގެން ދިޔަ ގޮތެވެ.

ޖަމާލް ޚާޝުގްޖީ އަކީ ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައި އެމެރިކާގެ ބައެއް ބޮޑެތި ނޫސްތަކަށް ލިޔަމުން ދިޔަ ފަރާތެކެވެ. އޭނާގެ މަރުގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އަތެއްވާކަމަށް އެތައް ތުހުމަތުތަކެއްވެސް ވަނީ ކުރެވިފަ އެވެ.

comment ކޮމެންޓް