ހާޝުގްޖީގެ މަރު: ތުރުކީން އަނެއްކާވެސް ޝަރީއަތް ކުރިއަށްގެންދަނީ

ސައުދީ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލަން އަމުރު ކުރީ އެގައުމުގެ އިސް ވެރިން ކަަމަށް ތުރުކީން ތުހުމަތު ކުރޭ -- ފޮޓޯ: އޭއެފްޕީ

އަންކާރާ (ނޮވެމްބަރު 23): ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލި މައްސަލައިގެ ޝަރީއަތް އަނެއްކާވެސް ކުރިއަށްގެންދަން ތުރުކީން ތައްޔާރުވެއްޖެ އެވެ.

އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދޭއް އޮކްޓޯބަރު 2018އިގައި ދިޔަ ފަހުން ގެއްލުނު ހާޝުގްޖީ މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ކޮށާލާފައިވާ ކަމަށް ތުރުކީގެ އޮފިޝަލުން ބުނެ އެވެ. އަދި ހާޝުގްޖީ މަރާލަން އަމުރު ކުރި ކަމުގެ ތުހުމަތު ސައުދީގެ ސަރުކާރުގެ ވެރިންނަށް ކޮށްފައިވާ އިރު، އޭނާގެ ހަށިގަނޑު އަދިވެސް ފެނިފައި ނުވެ އެވެ.

ހާޝުގްޖީގެ މަރު ތަހުގީގު ކުރުމަށް ފަހު މިދިޔަ މާޗް މަހު ތުރުކީގެ ޕްރޮސެކިއުޓަރުން ވަނީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ކުރީގެ އިސް މުޝީރެއް ކަމަށްވާ ސައުދު އަލް ގަހުތާނީ އާއި އެގައުމުގެ ކުރީގެ ޑެޕިއުޓީ އިންޓެލިޖެންސް ޗީފް އަހުމަދު އަލް އަސީރީގެ މައްޗަށް، ގަސްތުގައި މީހަކު މަރަން ހިތްވަރު ދިން ކަމުގެ ދައުވާކޮށްފަ އެވެ. އަދި ދުރާލާ ރާވައިގެން މީހަކު މެރުމުގެ ދައުވާ ސައުދީގެ 18 މީހެއްގެ މައްޗަށް އުފުލާފަ އެވެ.

ތުރުކީގެ ޕްރޮސެކިއުޓަރުން އެދިލައްވަނީ އެ އެންމެންވެސް އުމުރަށް ޖަލަށް ލާން ހުކުމް ކުރުމަށެވެ. އަދި އެ 20 މީހުން ހައްޔަރު ކުރުމަށް އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރުނު ނަމަވެސް ސައުދީން ވަނީ އެ މީހުން ތުރުކީއާ ހަވާލު ކުރަން ދެކޮޅު ހަދާފަ އެވެ.

މީގެ އިތުރުން، މިދިޔަ ސެޕްޓެމްބަރު މަހު ތުރުކީގެ ޕްރޮސެކިއުޓަރުން ވަނީ ހާޝުގްޖީގެ މަރާ ބެހޭ މައުލޫމާތު ފޮރުވަން މަސައްކަތް ކުރި ސައުދީގެ އިތުރު ހަ މީހަކަށްވެސް ދައުވާ ކުރަން ނިންމާފަ އެވެ.

ތުރުކީން އެ މައްސަލައިގެ ޝަރީއަތް ފެށީ މިދިޔަ ޖުލައި މަހުގެ ތިނެއްގަ އެވެ. އަދި މިހާތަނަށް ހެކި ދީފައިވާ ފަރާތްތަކުގެ ތެރޭގައި ހާޝުގްޖީގެ ލޯބިވެރިޔާ ހަދީޖާ ޖެންގިޒް އާއި ސައުދީ ކޮންސިއުލޭޓުގެ މުވައްޒަފުން ހިމެނެ އެވެ. އެއަށް ފަހު އިތުރު ހެކިވެރިންނާއެކު ޝަރީއަތް ދެން ކުރިއަށްގެންދަން ނިންމި ތާރީހަކީ މިއަދު އެވެ.

ހާޝުގްޖީ މަރާލި މައްސަލައިގައި ސައުދީން 11 މީހެއްގެ މައްޗަށް ދައުވާކޮށް، މިދިޔަ އަހަރު ސިއްރު ޝަރީއަތެއް ކުރިއަށްގެންދިޔަ އެވެ. އަދި އެގައުމުން ބުނި ގޮތުގައި އޭގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ހާޝުގްޖީ މެރުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތު ވުމުން، އެ މީހުން ވަނީ މަރަން ހުކުމްކޮށްފަ އެވެ.

މީގެ އިތުރުން އެ ކުށް ފޮރުވަން ބައިވެރިވި ކަމުގެ ދައުވާގައި ތިން މީހަކު ޖުމްލަ 24 އަހަރަށް ޖަލަށް ލާން ހުކުމްކޮށް، ބާކީ ތިން މީހުންގެ މައްޗަށް ދައުވާތައް ސާބިތު ނުވާތީ އެ މީހުން ދޫކޮށްލި ކަމަށް ސައުދީން ބުންޏެވެ.

އޭގެ ފަހުން މިދިޔަ ސެޕްޓެމްބަރު މަހު ސައުދީން ވަނީ އެމައްސަލައިގައި މަރަން ހުކުމް ކުރި މީހުންގެ ހުކުމް 20 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފަ އެވެ.

comment ކޮމެންޓް