ޓީޓީ މައްސަލައިގައި ކޯޓަށް ދާން ނިންމީ ގަވާއިދު ނޭނގޭތީ: ވަކީލް

ޓީޓީ އެސޯސިއޭޝަނުގައި މިއަދު ކުރިއްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެސޯސިއޭޝަނުގެ ގާނޫނީ ވަކީލް މުހައްމަދު ޖައުޝަން އަދި ޖެނެރަލް ސެކެއްޓަރީ އިސްމާއިލް ޝުޖާއު --- ސަން ފޮޓޯ

މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވިދާޅުވެ، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މެންބަރުން ހިމެނޭ ގޮތަށް އެ ޖަމްއިއްޔާގެ އިންތިޚާބީ މައްސަލަ ކޯޓަށް ހުށައަޅާފައިވަނީ އެބޭފުޅުން ރަނގަޅަށް ގަވާއިދު ވިދާޅުނުވާތީ ކަމަށް ޓީޓީ އެސޯސިއޭޝަންގެ ލޯޔަރު މުހައްމަދު ޖައުޝަން ވިދާޅުވެއްޖެ އެވެ.

ޓީޓީގެ އިންތިހާބުގެ މައްސަލައިގެ ކޯޅުންގަނޑު ބޮޑުވެ، އެ އިދާރައިގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) ވަނީ ދާދި ފަހުން މައްސަލަ ކޯޓަށް ހުށައަޅާފަ އެވެ. އަދި މި މައްސަލަ ސިވިލް ކޯޓުން ބަލައިގަނެ، މައްސަލައިގެ އިޖުރާއީ އަޑުއެހުން މިއަދު ވަނީ ކޯޓުގައި ކުރިއަށް ގެންގޮސްފަ އެވެ.

އެ މައްސަލަ ކޯޓަށް ވައްދެން ޖެހުނީ، އެ މައްސަލަތަކުގެ ޝަކުވާ ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ސްޕޯޓްސް ކައުންސިލަށްވެސް ހުށަހެޅި ކަމަށާއި، އެތަންތަނުން ދީފައިހުރީ ވަރަށް ދެކޮޅު ނުޖެހޭ، އަދި މަސްއޫލިއްޔަތުން ރެކިވަޑައިގެން ތިއްބަވައިގެން ދެއްވާފައިވާ ޖަވާބުތަކެއް ކަމަށް މައްސަލައިގައި އަލިބެގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ވަކީލް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް މިއީ ކޯޓުން ބެލޭނެ މައްސަލައެއް ނޫންކަމަށާއި، އައިޓީޓީއެފްއިން މިފަހުން ފޮނުވާފައިވާ ބަޔާނެއްގައި ރާއްޖޭގެ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ފުރިހަމައަށް އެ އިދާރާއިން އިތުބާރުކުރާ ކަމަށާއި، ޓީޓީގެ ނިންމުންތައް އެތަނުން ނިންމުމަށް އިލްތިމާސްކުރާ ކަމަށް ވިދާޅުވެފައިވާ ކަމަށް ޓީޓީ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

https://sun.mv/142585

މިއަދު ހަވީރު ޓީޓީ އެސޯސިއޭޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެ އެސޯސިއޭޝަނުގެ ގާނޫނީ ވަކީލް ޖައުޝަން ވިދާޅުވީ، މައްސަލައިގެ ހަގީގަތް އޮޅުވާލަން ކުރާ މަސައްކަތުގެ ސަބަބުން ލިބިދާނެ ގެއްލުން އެނގިވަޑައިނުގަނެ ތިބެ، ކޯޓަށް މައްސަލަ ވައްދައިގެން އުޅޭ ބަޔަކު އެކަން ކުރަނީ ގަވާއިދު ވިދާޅުނުވާތީކަމަށެވެ.

"ކުޅިވަރު ކައުންސިލުން މި މައްސަލައިގައި ގޮތެއް ނިންމާފައި އޮއްވާ، ދެން ދާންވީތަނެއް ނޭންގެނީ އެބޭފުޅުން ރަނގަޅަށް ގަވާއިދު ވިދާޅުނުވާތީ. ގަވާއިދުގައި ވަރަށް ރީތިކޮށް ފެންނަން އޮންނާނެ ޓީޓީ އިންޓަނޭޝަނަލް ފެޑެރޭޝަންގެ 1.2.5 ގައި ބަޔާން ކޮށްފައި އެބައޮތް ދެން އަމަލު ކުރަންވީ ކިހިނެތްކަން. އޮބްލިގޭޝަންތަކަކީ ކޮބައިކަން،" ޖައުޝަން ވިދާޅުވި އެވެ.

ޖައުޝަން ވިދާޅުވީ، ޓީޓީ އެސޯސިއޭޝަނަކީ ގައުމީ ހައިސިއްޔަތު ދެވިފައިވާ ޖަމްއިއްޔާއެއް ކަމަށްވުމާއި، އެ ޖަމްއިއްޔާއަކީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނާއި، އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން އަދި ސައުތު އޭޝިއަން ޓޭބަލް ޓެނިސް ފެޑަރޭޝަނުގެ މެންބަރެއް ކަމަށްވެފައި އޮތުމާއެކު މި މައްސަލައިގައި ރާއްޖެއިން އެންމެ ފަހުގެ ނިންމުން ނިންމާނެ ތަނަކީ ކުޅިވަރު ކައުންސިލުން ކަމަށެވެ. އެވަރުން ހިތްހަމަ ނުޖެހިއްޖެ ނަމަ ދެން ދާން އޮންނާނީ ބައިނަލް އަގުވާމީ ކުޅިވަރުތަކާ ބެހޭ މަޖިލީސްތަކަށް ކަމަށް ގަވާއިދުގައި ވަރަށް ސާފުކޮށް ބުނެފައިވާ ކަން ޖައުޝަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބަށް ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ، ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ދާދި ފަހުން މައްސަލަ ކޯޓަށް ހުށައެޅުއްވި އަލިބެ ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އެއީ ހަގީގަތް އޮޅުވާލުމުގެ ގޮތުން ވިދާޅުވާ ވާހަކައެއް ކަމަށާއި، މިކަން މިގޮތަށް ކުރިއަށްދާނަމަ ސަސްޕެންޝަނެއް އައުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް ޖައުޝަން ވަނީ ވިދާޅުވެފަ އެވެ.

"މި މައްސަލަ ހުށައަޅުއްވައިގެން، މައްސަލައާގެން ކުރިއަށް ގެންދަވާ ފަރާތުން ވިދާޅުވަމުން ދަނީ ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ވެދާނެ ކަމަށް އެ ދައްކަވަނީ ރޯ ބުހުތުނާ ދޮގު ވާހަކަތަކެއް ކަމަށް. އެކަމަކު އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނުން މި އެސޯސިއޭޝަނަށް ފޮނުވި ސިޓީގައި ވެސް އެކަން އެބަ ފާހަގަ ކުރޭ،" އައިޓީޓީއެފުން ފޮނުވާފައިވާ ސިޓީ މީޑިއާ ތަކަށް ދައްކަމުން ޖައުޝަން ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން، އެފްއޭއެމް ގެ ގާނޫނީ ވަކީލު ކަން ވެސް ކުރައްވަމުން އަންނަ ޖައުޝަން އިތުރަށް ވިދާޅުވީ، މިކަން ކޯޓު މަރުހަލާއެއްގައި އޮތް ނަމަވެސް ގާނޫނީ ގޮތުން މިކަމަށް ފިޔަވަޅެއް އެޅިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ޓީޓީގެ މުސްތަގުބަލު އަނދިރިވެދާނެ ފަދަ ގޮތަކަށް ރާއްޖޭގެ އެއްވެސް ކޯޓަކުން ވެސް މައްސަލަ ނުނިންމަވާނެ ކަމަށެވެ.

ޓީޓީގެ މައްސަލަ ގޯސްވެ، އިންތިހާބުގެ ފޯރިގަދަވެފައިވާ އިރު، ތިން ފަރާތަކުން ވަނީ ރައީސް ކަމަށް ކުރިމަތި ލައްވާފަ އެވެ. އަންނަ އަންގާރަ ދުވަހު ޓީޓީގެ އިންތިހާބު ބޭއްވުމަށް އެ އެސޯސިއޭޝަނުން ވަނީ ތާވަލު ކޮށްފަ އެވެ.

comment ކޮމެންޓް